އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ނިންމައިފި އެވެ.
މިއަދު މަޖިލީހުގެ ރިޔާަސަތުގައި އިންނަވައިގެން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ގްރިމަންޓްގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރަން ޑިފެންސް މިނިސްޓްރީގައި މިއަދު އަމީން އެދިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއްބަސްވުމުގައި ކޮޕީން ހުރިހާ މައުލޫމާތުތަކެއް އެނގިގެންދާނެ ކަމަށެވެ.
"އޭގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައި ދޭނެ. އެއީ ދައުލަތުގެ އެގްރިމެންޓެއް. މެންބަރުންނަށް ފޮރުވައިގެން އުޅޭ އެއްޗެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
ޔޫޓީއެފްގެ އެގްރިމަންޓް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކުރަން ނިންމި އިރު އެ އެއްބަސްވުމުން އެ ކޮމިޓީއާ ހިއްސާކުރަން އެ ކޮމިޓީގެ މެމްބަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިދިޔަ މަހު ފަހުކޮޅު އޮތީ ހުށަހަޅުއްވައިފަ އެވެ.
އެ އެގްރިމަންޓް މަޖިލީހާ ހިއްސާކުރައްވާަނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިހާތަނަށް ވެސް އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި އެ އެއްބަސްވުން މަޖިލީހާ ހިއްސާކުރަން ވެސް ނުޖެހޭ ކަމަށް ފަހުން ވިދާޅުވެފައި ވެއެވެ. އެ އެއްބަސްވުން ސިއްރު ކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިފާއު ކުރައްވައިފައި ވެއެވެ.
ޔޫޓީއެފްގެ އެއްބަސްވުުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް އިންޑިއާއިން ތަރައްގީ ކުރާނެ އެވެ. އެތަން އިންޑިއާއިން ތަރައްގީކުރި ނަމަވެސް އެ ތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި ޓެކްނީޝަނުން ފަދަ އެކި ނަންނަމުގައި އެ ތަނުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބޭނެ އެވެ.