ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފްލެޓް ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި: މުއިއްޒު

Oct 12, 2021
16

ހިޔާ ފްލެޓްތަކުގެ މަސައްކަތްތައް ނުނިންމާ މި ސަރުކާރުން ފްލެޓްތައް ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއް ހިއްކާ، އެތަނުގައި ހަދާފައިވާ ހިޔާ ފްލެޓްތައް ދޫކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާ ގޮތަށް ނޫން ކަމަށެވެ. ފްލެޓް ލިބުނު އެތައް ހާސް ބައެއްގެ އަތުން މި ސަރުކާރުން ވަނީ ފްލެޓްތައް އަތުލާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަން އެ ދިނީވެސް ބަޔަކު އެކަން ކުރަންޖެހޭނެ ގޮތަކަށް ނޫން. ތިން އަހަރު ވަންދެން ބަޔަކު އެހެން ބައިތިއްބާފައި ރައްޔިތުންނަށް ފްލެޓްތައް ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތްގޮތަކަށް ވެސް ނޫން. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެހެންޏާ ވެސް ކަންކަން ކުރަމުންދާ ގޮތަށް ފްލެޓްތައް ނިންމާފައި ހަވާލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފްލެޓްތައް ނުނިންމާ ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ކޮށްފައި ހުރީ ގޯސް ކޮށްކަން ރައްޔިތުންނަށް ދައްކައިގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމު އެޅުވުމަށް ކަމަށެވެ. ފްލެޓްތައް ހަވާލުކުރީ ވެސް ކުރީގެ ސަރުކާރުން ކުލީގެ ގޮތުގައި ނަގަން އޮތް އަދަދަށް ވުރެ އިތުރަށް ތިންހާސް ރުފިޔާ ނަގާ ގޮތަށް ކަމަށާއި އެކަން ބަދަލު ކުރެވޭތޯ ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

"އިލްމީ ގޮތުން ރިޕޯޓްތައް ހަދާފައި ފޮނުވިއްޖެ. ބައްދަލުވުންތައް ބާއްވައިފިން. ރައީސުލްޖުމްހޫރިއްޔާއާއި އެވާހަކަ ދައްކައިފިން. އެހެން ނަމަވެސް އެއްވެސް ގޮތަކަށް އެބޭފުޅުންގެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް. އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ އެހެން އެކަން އެބޭފުޅުން ކުރައްވަންޖެހޭ ރަނގަޅު ސަބަބައް އޮންނާނެ ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަނުކުރެވޭނެ ކަމަށް ބުނެ މިސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. ރައީސް ޔާމީން 2023ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރިން ނިންމާފައިވާ އަގުގައި ހިޔާ ފްލެޓްތައް ދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ނުހައްގުން ފްލެޓް އަތުލި އެތައްހާސް ރައްޔިތުންނަށް ރައީސް ޔާމީންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އެ ފްލެޓްތައް އަލުން ހަވާލުކުރުން ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި ޕްލޭންގައިވާ ގޮތަށް އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށާއި ރައްޔިތުން ފްލެޓް ތަކަށް ބަދަލުވެ ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާނެ އެއްވެސް ކަމެއް އެތަނުގައި ހަމަޖެހިފައި ނެތް ކަމަށެވެ. ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން މިސަރުކާރުން ނުކުރުމުގެ ސަބަބުން ހުރިހާ ނިކަމެތިކަމެއް ލިބެނީ ރައްޔިތުންނަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަދި ކިރިޔާ އެދަނީ އެ ސްކޫލްތައް އަޅާނެ ފަރާތްތައް ހޯދަމުން. އަދި ކިރިޔާ ބައެއް ސްކޫލްތައް ހަވާލުކުރެވުނީ. ދެން ކޮން ދުވަހަކުންތޯ ނިމޭނީ މިއަންނަ އަހަރު އެންމެ އަވަހަށްވެސް ފުރަތަމަ ސްކޫލް ނިމޭނެ ކަމަށް އެ ބުނަނީ. ހުރިހާ ރައްޔިތުން ޖެހޭނީ މާލެއަށް އަންނަން. މިކަލަހަ ނިކަމެތި ހާލަތެއް ރައްޔިތުންނަށް މިޖެއްސީ. އަދި ކިރިޔާ ބަސް ސާވިސް އެ ހަމަޖެއްސީ." މުއިއްޒު ވިދާޅުވި އެވެ.


ތިލަމާލޭ ބްރިޖާ ގުޅޭގޮތުން ވެސް މުއިއްޒު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައި އޮތީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިނަމަ އަތޮޅުތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފެއްޓެވުމަށްފަހު ނޫނީ ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް މާލެ ސަރަހައްދުގައި ކުރިއަށް ނުގެންދިއުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ތިން އަހަރު މިވަނީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ހަމަ ޔަގީނުންވެސް މިހާ ހަމައަށް މާލެ އާއި ވިލިނގިއްޔާއި ދޭތެރޭ ޔަގީނުން ވެސް އެ ބްރިޖު އޮންނާނީ ނިމިފައި. އެހާވެސް ބާރު މިނެއްގައި އެމަނިކުފާނުގެ ވެރިކަމެއް ނަމަ ކުރިއަށް ދާނެ. މިއީ ރައްޔިތުން ޝައްކު ކުރާނެ ކަމެއް ނޫން" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ގޮތަށް މި ސަރުކާރުން އެގްރީމެންޓްތަކެއް ހަދަމުންދާ ކަމަށްވެސް ތުހުމަތުކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ބީވެގެންދާ ތަރައްގީއަކީ އަކީ ހޯދިދާނެ އެއްޗެއް ކަމަށާއި އެކަމަކު ގައުމުގެ މިނިވަންކަން ގެއްލިޖެނަމަ އެ އެއީ އަނބުރާ ހޯދުމަށް ފަސޭހަ އެއްޗަކަށް ނުވާނެ ކަމަށެވެ.