އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ޓިކެޓް ވިއްކަން ފެށިތާ ތިން ގަޑިއިރާއި 30 މިނެޓު ތެރޭގައި 3000 ޓިކެޓް ވިކެއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މާދަމާ އޮންނަ މެޗަށް ޓިކެޓް ގަންނަން ގިނަ ބަޔަކު ސޯޝަލް ސެންޓަރު ކައިރީގައި ކިއު ހަދާފައިވާއިރު ޓިކެޓް ވިއްކަން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ގައެވެ. ވިއްކަން ކަނޑައެޅި އަދަދަށް ޓިކެޓް ވިއްކައިފައި ވަނީ ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައިވާ ކިއު އައިޖީއެމްއެޗާ ހަމައަށް ދެމިފައި ވަނިކޮށެވެ.
މީގެ ކުރީ މެޗުތަކުގައި މީހަކަށް ފަސް ޓިކެޓް ވިއްކި ނަމަވެސް މާދަމާގެ މެޗަށް އެފްއޭއެމް އިން ވިއްކާފައި ވަނީ މީހަކަށް ދެ ޓިކެޓެވެ. މިނެޓަކު 20 ޓިކެޓް ވިކުނު ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
މުބާރާތުގެ ޓިކެޓްގެ އަޕްޑޭޓެއް ދެމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ގަލޮޅު ރަސްމީ ސްޓޭޑިއަމްއަކީ 12،000 މީހުންނަށް ތިބެވޭނެ ޖާގަ އޮތް ނަމަވެސް ދަނޑު ބާވެ، ހަލާކުވެފައިވުމާއި ގުޅިގެން އެތަނުގައި މިހާރު އޮތީ 5،000 ސަޕޯޓަރުންނަށް ވަދެވޭނެ ޖާގަ ކަމަށެވެ.
އާ ދަނޑެއް އެޅުމަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި މުބާރާތަށްފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯޝަލް ސެންޓަރުގައި ތިން ކައުންޓަރު ބަހައްޓައިގެން 3،000 ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ވިއްކާފައިވާއިރު އަވޭ ޓީމު (އިންޑިއާ) ސަޕޯޓަރުންނަށް ވިއްކަނީ 200 ޓިކެޓެވެ. މި ޓިކެޓުތައް ވިއްކަނީ ގަލޮޅު ދަނޑުގައި ހުންނަ ކައުންޓަރު ތަކުންނެވެ.
ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގަ އެވެ. މިއީ މުބާރާތުގެ ލީގު ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.