އައިޖީއެމްހޮސްޕިޓަލްގައި މިއަދު ވިހެއި އެއްމާބަނޑު ތިން ކުދިން މަރުވެއްޖެ އެވެ.
މިއަދު މަރުވެފައިވަނީ ދެކުނުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ތިން ކުދިންނެވެ. އެ ކުދިން އުފަންވީ 21 ހަފްތާގައެވެ.
އަވަސްއަށް މައުލޫމާތު ދެމުން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ކުދިންގެ މަންމަ ހޮސްޕިޓަލަށް ގެނައީ ފެންދުލި ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި ތިން ކުދިންވެސް ވިހެއީ ކަމަށާ ނަމަވެސް އެ ކުދިން މަރުވީ ރަނގަޅަށް އުފެދިފައިނުވާތީ ކަމަށެވެ. މިއަދު އެކަން ދިމާވުމާއި ހަމައަށްވެސް އަންހެން މީހާގެ ހާލަތު މުޅީން ރަނގަޅު ކަމަށްވެސް އާއިލާއާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.
މި ތިން ކުދިންގެ ބަރުދަނުގައިވެސް 400 ގްރާމް ހަމަނުވެއެވެ.
އެއްމާބަނޑު ތިން ކުދިންގެ ޖަނާޒާ މިއަދު ހަވީރު 5 ޖެހިއިރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ކުދިންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ކުދިންނަށް ނަން ކިޔުމަށް ފަހު އެވެ. ތިން ފިރިހެން ކުދިންނަށް މިޒުވާން، މާޒިން އަދި މާކިންގެ ނަމުން ވަނީ ނަން ކިޔާފައެވެ.
ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން 22 ހަފްތާގެ ކުރީން ވިހާ ކުދީންނާ ދޭތެރޭ އަމަލު ކުރާ އުސޫލު އައިޖީއެމްއެޗުން ދާދި ފަހުންވެސް ހާމަކޮށްފައިވެއެވެ. އެ ހޮސްޕިޓަލްގައި މާޗް މަހު ވިހެއި ކުއްޖަކު މަރުވަންދެން އަޅާ ނުލާ ބޭއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލަށް ފާޑުކިޔުން އަމާޒުވުން ނެރުނު ބަޔާނެއްގައި ވަނީ އެކަން ހިނގާދިޔަ ގޮތް ސާފުކޮށްދީފައެވެ.
ހޮސްޕިޓަލުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިއުމަކަށެވެ. އެގޮތަށް ބެލުމުގައި އެކި ގައުމުތަކުން ތަފާތު އުމުރުތައް ކަނޑައަޅާފައިވާއިރު ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިއުން ކަމަށް އައިޖީއެމްއެޗުން ކަނޑައަޅާފައިވަނީ 22 ހަފުތާ ވުމުގެ ކުރިން ކަމަށެވެ.
"... ކޮންމެ ފުރާނައަކީވެސް އަގުހުރި ހުރުމަތްތެރިވެގެންވާ ފުރާނައެއް. ސިއްހީ ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް ވީހިނދު މިކަންކަމަށް ރިއާޔަތްކޮށް ފުރާނައެއް ސަލާމަތް ކުރަން ދޭންޖެހޭ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް މި ހޮސްޕިޓަލުން ދެމުން ގެންދޭ،" ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބަނޑަށް 22 ހަފުތާވުމުގެ ކުރިން 12 ވަނަ ހަފްތާއިން ފެށިގެން ކުއްޖާގެ ވިންދު ހުންނާނެ ކަމަށާ ކުއްޖާގެ ވިންދު ހުރިނަމަަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް އެ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީ ވެފައިނުވާނެ ކަމަށާ މި އުމުރުގައިވާ ވިހާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.
"ސިއްހީ ބަހުން ދަންނަވާނަމަ މިއީ 'ވަޔަބަލް ޕީޓަސް' އެއް ނޫން. މިފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން. މި މަންޒަރަކީ އާއިލާއާ އެހެނިހެން ފަރާތްތަކަށްވެސް ތަހަންމަލު ކުރަން ދަތި މަންޒަރެއްކަން ގަބޫލުކުރަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.