ވާހަކަ

ސިއްތާ

(7 އޮކްޓޯބަރ 2021 އާ ގުޅޭ)

ލަމްހާއަށް ނޭނގި އީހާނަށް އެ ކޮޓަރިއަށް މިހާރު ނުވަދެވޭނެކަން ނީރާ ދެނަހުއްޓެވެ. ވީއިރު ކަމެއް ގޯސްވާނަމަ އޭނާ ގޮވާލާ އަޑު އިވޭ ހިސާބު ލަމްހާ ހުންނާނޭކަން ޔަގީން ކުރިއެވެ.

"މަންމައަށް މިއެއްޗެހި ފެންނަންތަ ބޭނުމީ." އީހާން ކުއްލިއަކަށް ބުނެލިއެވެ.

ދޮރުގެ ތަޅުގައި ހިފާލައިފަ ވެސް ނީރާ ހުއްޓުނެވެ. އެނބުރި އީހާނަށް ބަލާލިއެވެ. އީހާނަށް އެފަދައިން ކަންތައް ކުރަން ކެރިދާނެބާއެވެ. އެ ސުވާލުގެ ޖަވާބު ނީރާއަށް ލިބެން ފަޅިސުކުންތެއް ވެސް ނުނެގިއެވެ. އޭނާއަށް އީހާނު ދަސްވެއްޖެއެވެ. އަމިއްލަ ޟަމީރު އެކަން ނީރާއަށް ޔަގީންކޮށްދީފިއެވެ. ވާހަކަދައްކައިގެން އީހާނު އަޑު އަހާނަމަ އެހާ ވާހަކަ ނީރާއަށް ދެއްކިއްޖެއެވެ. ރޮއެ އާދޭސް ކުރެވިއްޖެއެވެ. ރުއްސޭތޯ މަސައްކަތް ކުރެވިއްޖެއެވެ. އިސްޖަހާލުމާއެކު ފިނިނޭވާއެއް ނީރާއަށް ދޫކޮށްލެވުނެވެ. ދެން އަލުން މޫނު އުފުލާލައި އީހާނާ ނަޒަރު ސީދާކޮށްލިއެވެ. އެހިނދު އީހާނުގެ އަތް ހަރަކާތްކޮށްލީ ފޯނު ދައްކާލުމަށެވެ. ދިން އިންޒާރުގެ ހަނދާން އާކޮށްލަދިނީއެވެ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއޭ ބުނާ ފަދައިން ނީރާގެ ހާލަތު ވެސް ބަދަލުވެއްޖެއެވެ. އީހާނު ދޭ އިންޒާރުތަކަށް ނުސިހޭވަރަށް އެކަމަށް ނީރާ އެވަނީ ހޭނިފައެވެ. މަޑުކުރުމެއްނެތި ނީރާ ކޮޓަރިން ނުކުތީއެވެ.

އީހާނުގެ މޫނަށް ވެރިވި އަސަރުތަކުން އޭނާ ހައިރާންވެއްޖެކަން ގައިމެވެ. އޭނާ ހީކުރި ގޮތަށް ނުވީއެވެ. ހައިރާންކަން އެ މޫނުން ފަނޑުވަމުން ދިޔަ ހިނދު އޭނާގެ ތުންފަތް ދެމިލައިފިއެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން ކޮޓަރިން އީހާނު ނުކުތެވެ.

* * * * *

އެޕާޓްމެންޓަށް ވަން އުޝާއަށް ފުރަތަމަ ވެސް ބަލާލެވުނީ ދޮރުކައިރީ ހުންނަ ފައިވަން ކަބަޑާ ދިމާއަށެވެ. އަރައިގެން ހުރި ބޫޑު އެ ކަބަޑަށް ލަމުން ވަތްގަނޑުތައް ބަލާލިއެވެ. ކުރީން ވެސް އޭގައި ހުރި ލައިޒަލްގެ ފައިވާނާއި އޮފީސް ބޫޓު އެބަހުއްޓެވެ. އޭގެ މާނަ އުޝާއަށް އެނގެއެވެ. އޭނާގެ އެ ހަރަކާތް ފަހަތުގައި ހުރި ހަމްދާނަށް ފާހަގަވިއެވެ.

"ލައިޒަލް ނުބުނޭތަ؟" ހަމްދާނު އަހާލިއެވެ. އޭނާއަށް މިހާރު ވަރަށް ސާފުކޮށް ލައިޒަލްއާއި އުޝާއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަން ބުނަން އެނގެއެވެ. އަނބިމީހާ މުހިންމުނަމަ އެއްވެސް ފިރިއަކު ދުރުގައި ހުންނަން ބަހަނާއެއް ނުދައްކާނެއެވެ. އަނބިމީހާ އޮފީހުން ގެއަށް އަންނަންވާއިރަށް ގެއަށް ނާދެވޭހާ އަވަދިނެތި އުޅޭ މީހެއްކަމުގައި ލައިޒަލް ނުވެއެވެ.

ހަމްދާނަށް ޖަވާބެއް ނުދީ އުޝާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދު އަރިމަތީ އިށީން ގޮތަށް އޭނާ ހަރަކާތެއް ނުކޮށް ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ހިތުގައި ހާސްކަމާއި ކަންބޮޑުވުން އުފެދެމުން އައީ އިންތިހާއަށެވެ. އަތްދަބަހުގެ ތެރެއިން ފޯނު ނެގި ގޮތަށް އޭނާ ލައިޒަލްއަށް ގުޅިއެވެ. ފޯނުކޯލު ނުނެގުމުން މެސެޖު ވެސް ކުރިއެވެ. ގެއަށް އަންނަނީ ކޮންއިރަކުންތޯ އަހާފައެވެ. އެ މެސެޖަށް ވެސް ލައިޒަލްގެ ޖަވާބެއް ނައެވެ.

ހަމްދާނު އައިސް އުޝާގެ ކޮޓަރީގައި ޓަކި ޖަހާލީ އޭނާ ނުނިކުމެ ގިނައިރު ވެގެންނެވެ. އުޝާގެ އިޝާރާތެއް ނުވުމުން ހަމްދާނު އެނބުރިލީ ބަދިގައަށެވެ. ކާއެއްޗެއް ތައްޔާރުކޮށްފައި ހުރިހެން އޭނާއަށް ހީނުވާތީއެވެ. އައިސްއަލަމާރި ހުޅުވާލިއިރު ޖޫހާއި ކިރު ޕެކެޓެއްގެ އިތުރުން މޭވާގެ ބާވަތްތައް ހުއްޓެވެ. ކަބަޑުތައް ހުޅުވާ ބެލިއިރު ކައްކަން ބޭނުންވެއްޖެ މީހަކަށް ކެއްކޭނެހާ ބާވަތްތައް ހުއްޓެވެ. ބަލަން ހުރެފައި ހަމްދާނު އެނބުރިލީ ހިޔާލު ބަދަލުވެގެންނެވެ. އޭނާ ކާއެއްޗެއް ތައްޔާރުކުރުމުން އުޝާ އެ ނުކާނޭ ހީވާތީއެވެ. ހަމްދާނު ގާތްކޮށް ދުށްކަމުގައި ވިޔަސް އުޝާ އޭނާއާ މެދު ބަހައްޓަނީ ބީރައްޓެއްސަކާމެދު ގެންގުޅޭ އުސޫލެވެ. ކުރީން ވެސް އިން ތަނުގައި ސޯފާގައި ހަމްދާނު އައިސް އިށީނެވެ. އެގޮތުގައި އޭނާ އިންނަތާ ވަގުތުތަކެއް ފާއިތުވީފަހުން އުޝާ ކޮޓަރިން ނުކުތެވެ. ފެންވަރާލައިގެން ނުކުތްކަން އޭނާގެ މުޅީން ނުހިކި އޮތް އިސްތަށިގަނޑު ހެކިދެއެވެ. ހަމްދާނަށް ފާހަގަކުރެވުނީ އުޝާގެ މިލާފައިވާ މޫނެވެ.

"ކާއެއްޗަކަށް އޯޑަރުދޭން އުޅެފަ އުޝާގެ ހިޔާލެއް ލިބެންދެން މިއިނީ." ހަމްދާނު ބުންޏެވެ.

"ހަމްދާނު ގެއަކަށް ނުދަންތަ" އުޝާ ބުނީ އޭނާގެ ގަސްދު ފޮރުވުމެއް ނެތިއެވެ.

"މިވަގުތު އުޝާ އެކަނިކޮށްލާފަ ދާން ބޭނުންނޫނީ. ދެން ބުނެބަލަ. ކޯއްޗެއް ކާނީ. ކޮންތާކުން އޯޑަރު ކުރަންވީ. އެކަނި ކެއުމަށްވުރެ މީހަކު އިތުރުވުމުން ކާއެއްޗެހީގެ ރަހަމީރުވޭ."

"އަހަރެން ފަހުން ކާނީ. އިރުކޮޅަކުން ލައިޒަލް އަންނާނެ. ހަމްދާނު ދޭ." އުޝާ މިހެންބުނުމުން ހަމްދާނު ހިމޭންވިއެވެ. އެ ދެ ލޯ އުޝާއަށް އަމާޒުވެލިއިރު ބެލުން ތަފާތުވެއްޖެކަން އުޝާއަށް ވެސް ނަގައިގަނެވުނެވެ. ފުރަތަމަ ނަޒަރު ވަކިކޮށްލީ އެހެންވެއެވެ.

"ކައިގެން ދާނީ. އެހެންވީމަ ބުނޭ... އަވަހަށް އޯޑަރުކުރީމަ އަވަހަށް ކާއެއްޗެހި އަންނާނީ." ހަމްދާނު ބުނެލިއެވެ.

އުޝާގެ ޝައުގުވެރިކަމެއް ކެއުމަކަށް ނެތެވެ. އެހެންވިޔަސް ހަމްދާނު ފޮނުވާލަން އޭނާ ބޭނުމެވެ. ގެންނާނޭ ބާވަތެއް ހިޔާރުކުރަން ހަމްދާނުގެ އަތްމައްޗަށް އުޝާ ދޫކޮށްލީ އެހެންވެއެވެ. އޯޑަރުކުރި ކާއެއްޗެހި އަންނަންދެން އުޝާ ވެސް ސޯފާގައި އިށީނެވެ. ހަމްދާނު ދޭތެރެއަކުން އުޝާއަށް ބަލާލާކަން އެނގެއެވެ.

"މިކައިވެނިން އުޝާއަށް އުފަލެއް ނުލިބޭކަން އެނގޭ." ހަމްދާނުގެ ޖުމްލަ އިވުމާއެކު އުޝާގެ ސަމާލުކަން ހުއްޓުނެވެ.

"ހަމްދާނުގެ ހިޔާލަކަށް ނާހަމެންނު." ގަޔާނުވިކަން އުޝާގެ އަޑުން ވެސް ދޭހަވެއެވެ.

"ލައިޒަލް ކޮންއިރަކު އުޝާއަށް ފުރުސަތެއް ދިނީ. އުޝާއަށް އޭނާ އެނގުމުގެ މާކުރިން އަހަންނަށް ލައިޒަލް އެނގޭ. އޭނާ އުޝާދެކެ ކުޑަކޮށް ވެސް ލޯބިވާނަމަ އެގޮތަށް ދުރުގައެއް ނުހުންނާނެ. އުޝާއާ އޭނާގެ ހުރިހާކަމެއް ހިއްސާކުރާނެ. އުޝާ ބުންޏަސް، އަހަންނަށް ޔަގީންވާ ކަމަކީ އޭނާ މިރެއަކު މިތަނަކަށް ނާންނާނެކަން."

"އެހެންވީރު ތިއުޅެނީ ލައިޒަލް ނާންނާނެތީ އެކަމުގެ ފައިދާ ނަގަންތަ؟"

"ތިހީކުރާހާ ވިޔާނުދާ މީހެއްނޫން މަށަކީ. އަހަންނަށް އެނގޭ ތީ ލައިޒަލްގެ އަނބިމީހާކަން. އަހަރެން މިވާހަކަތައް މިދައްކަނީ އުޝާއަށް ވިސްނޭތޯ. ކައިވެންޏެއްގައި ބަނދެވިފައި ތިހުންނަނީ ކައިވެންޏަކުން ލިބެންޖެހޭ ހަގީގީ އުފާވެރިކަން ނުލިބި. ލައިޒަލްއަކީ އުޝާގެ ލޯބި. އެކަމަކު ލޯބިވާ އެންމެންނަށް އެމީހުންގެ ލޯބި ލިބޭތަ. ތިމާދެކެ ލޯބިވާނޭ މީހަކު ހޯދުން މާރަނގަޅެއްނު."

"އޯ!... ހަމްދާނުތަ އެމީހަކީ. ހަމްދާނާ އިންނާށޭ ދޯ ތިބުނަނީ."

"އެހެނެއް ނޫން. އުޝާ އަހަރެން ބޭނުންނުވާކަން އެނގޭ. އެކަމަކު އުޝާ އަހަންނަށް ކަމުދާކަން ދޮގެއް ނުކުރަން. އަހަރެން ނޫނަސް އުޝާ ބޭނުންވާނެ ކިތަންމެ ފިރިހެނުންނެއް ތިބޭނެ. ހަމައެކަނި ތިމާއަށް ހާސިލުނުވާނެ ކަންތައް ހާސިލުކުރަން އުޅުމަށްވުރެ ދެން ހުރި ފުރުސަތު ތަކަކީ ކޮބާތޯ ބަލާލުން ކިހިނެއްވާނެ. ޔަގީނުން ވެސް އިރާދައިގަ ތިމާއަށް ލިބެން އޮތް އެއްޗެއް ނޫނީ ނުލިބޭނެ. ނޫންތަ؟... މިވަރަށް ވެސް މީގެކުރިން އަހަރެން ނުބުނަމެންނު."

ލައިޒަލްއަށް ކަމެއް ދިމާވެއްޖެކަން އުޝާއަށް ވެސް އެނގެއެވެ. އޭނާ އެއްވެސް ކަމެއް އުޝާއާ ހިއްސާއެއް ނުކުރެއެވެ. އުޝާގެ ހިތަށް އެންމެ އުނދަގޫވަނީ އޭނާއާ ލައިޒަލް ވާހަކަދައްކާއިރު ނީރާގެ ނަން ނުގެނެސް އެއްވެސް ވާހަކައެއް ދެއްކޭ ކަމަށް ނުވާތީއެވެ. އަނެއްކޮޅުން އެކަމާ ޝަކުވާ ކުރެވޭކަށް އުޝާއަކަށް ނެތެވެ. ކައިވެނީގެ އަސްލު ގުޅިފައިވަނީ ނީރާއާ ވީމައެވެ. އެހެންވިޔަސް އޭނާއާއި ލައިޒަލްގެ ދެމެދުގައި އޮތް ގުޅުމާމެދު ސުވާލު އުފައްދާނޭ ފުރުސަތު ހަމްދާނަށް ދޭން އުޝާ ނޭދެއެވެ. ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކުރަން އުޝާ ބުނެލީ އެހެންވެއެވެ. ހަމްދާނުގެ ލަފާއަކަށް ނާހަނީސް ލައިޒަލްއާ ގުޅޭ ގޮތުން، އަދި އެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނޭކަން އުޝާ ބުނެލިއެވެ. ދެމެދަށް ހިމޭންކަން ވެރިވީ އެއަށްފަހުއެވެ.

* * * * *

ފޯނުގައިވާ ހުރި އެއްޗެއް ލަމްހާއަށް ދައްކަން އުޅުމުން އެހެން ނުހެދުމަށް ނީރާ ބުނެލިއެވެ. އެހިނދު އީހާނުގެ ހިނިތުންވުން ފުޅާވެލިއެވެ. ނީރާއަކީ ލަމްހާ ހީކުރާހާ މައުސޫމް އަންހެނެއްނޫންކަން އީހާނު ބުންޏެވެ. އެ ފޯނުގައި ހުރި އެއްޗިއްސާ މެދު ނީރާ ދެރަވެއެވެ. މަންމައަށް އެފަދަ އެއްޗެއް ދައްކަން އުޅޭއިރު އީހާނުގެ ލަދެއް ހަމަ ނެތީތޯ ސުވާލު އުފެދުނެވެ.

"އައި އޭމް ސޮރީ..." އީހާނުގެ ގައިން ދޫކޮށްލުމާއެކު ލަމްހާއަށް ބަލާލައި ނީރާ ބުންޏެވެ.

މިވަނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ލަމްހާއަށް ދެނެގަންނަން އެނގުނެވެ. އީހާނުގެ ފޯނުގައި ހުރީ ނީރާއާ ގުޅުން ހުރި އެއްޗެއްކަން ޔަގީންވެއެވެ. ލަމްހާއަށް ނުދައްކަން ނީރާ ބުނާނީ އެކަމާ އޭނާ ލަދުގަންނަން ޖެހޭވަރު އެއްޗެއްވީމައެވެ. ލަމްހާ އައިސް އީހާނުގެ ކުރިމަތީ ހުއްޓުނެވެ. ފޯނު އަތުލަން އުޅުމުން އީހާނު ގަދައެއް ނުދެއްކިއެވެ. ލަމްހާ ފޯނު ނެގުމުން ނީރާގެ ދޮން މޫނު އެއްކޮށް ހުދުވިއެވެ. އީހާނާއި ނީރާ ބަލަން ތިއްބާ ލަމްހާ އަތް ހިއްލާލުމާއެކު ފާރާ ދިމާއަށް ފޯނު ހުރާލީ ނިކަން ބާރަށެވެ. ފޯނުގެ އިސްކުރީނު ވަގުތުން ފުނޑުފުނޑުވެގެން ފޭބީއެވެ. އީހާނަށް ލިބުނީ ހީނުކުރާވަރުގެ ބޮޑު ސިހުމެކެވެ. މަންމަ އެހެން ހަދާފާނޭ ހިޔެއްނުކުރެއެވެ.

"އަދިވެސް ހުއްޓާލާކަށް ނުވޭތަ؟." ލަމްހާ ހަރުކަށިކަމާއެކު ވާހަކަދެއްކީ އީހާނާއެވެ.

"މަންމަގެ ދަރިއަކީ އަހަރެން. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަތަ؟ އަހަރެން ލޯބިވާ މީހާ ލިބޭން މަންމަ ބޭނުމެއްނޫންތަ؟ އަހަރެންގެ އުފާވެރިކަން ފުނޑުފުނޑުކޮށްލަން މަންމަ ބޭނުންވަނީ. ނީރާއާ އިންނަން ހުރި މީހަކީ އަހަރެން. މިހާރު މިތިބީ ކައިވެނި ކުރެވިފަ. ދެން މިކައިވެނި ރޫޅާލުމުގެ ހައްގެއް މަންމައަކަށް ވެސް ނޯންނާނެ."

"އީހާނު..." ގެއަށް ވަން ސުޖާއު ގޮވާލިއެވެ. އީހާނުގެ އަޑު ބާރުވީމައެވެ. މަންމައާ އެ މޭރުމުން ވާހަކަދައްކައިގެން ނުވާނޭކަން ހަނދާންކޮށްދިނުމަށެވެ.

ނީރާ ވަގުތުން އެތާ ނުހުރެ އައިސް ވަނީ ކޮޓަރިއަށެވެ. ދޮރުތަޅުލުމާއެކު އައިސް ހުއްޓުލީ އަލަމާރި ކައިރީއެވެ. އޭނާ ދަބަސްނެގިއެވެ. ދެތިން ހެދުން އޭގެ ތެރެއަށް ލިއެވެ. ދެން އަވަހަށް ވޮލެޓު ހޯދާލިއެވެ. ފައިސާ ހުރިވަރު ބަލާލުމާއެކު އޭނާގެ ޑެބިޓްކާޑު އޮތްތޯ ބަލާލިއެވެ. އޭނާ އެގެއިން ނުކުމެގެންދާން ތައްޔާރުވީއެވެ. ކުއްލިއަކަށް ދާނޭތަނެއް ހިތަކަށް ވެސް ނޭރިއެވެ. ރިދާއަށް އޭނާ ގުޅީ އެހެންވެއެވެ. ދެ ދުވަހަކު އޭނާގެ ކައިރީ މަޑުކޮށްލެވިދާނެތޯ ނީރާ އަހާލަންވާއިރު އެކުވެރިޔާ ހުރީ ތައްޔާރަށެވެ. އަވަހަށް އަންނާށޭ ބުނީ އުފަލުންނެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށްލުމާއެކު ނީރާ ކޮޓަރިން ނުކުތެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ބެކްޕެކް އަޅާލައިގެން ހުރި ނީރާއާ ދިމާއަށް އީހާނު އަންނަން އުޅުނެވެ. ނަމަވެސް އޭނާގެ އަތުގައި ޖެހެންވާއިރަށް ނީރާ ދުވެފައި ގޮސް އެޕާޓްމެންޓުގެ ދޮރުން ނުކުމެއްޖެއެވެ. ލިފްޓު އަންނަންވާއިރަށް އީހާނު އައިސް އޭނާ ހުއްޓުވާނޭ ކަމުގެ ބިރު ހިތުގައި އޮއްވާ ނީރާގެ ނަސީބު ވަރަށް ރަނގަޅެވެ. ލިފްޓުގެ ފިތަށް އޮބާލިއިރު އޭގެ ދޮރު ހުޅުވިއްޖެއެވެ. ލެއްވި ނަސީބާމެދު ޝުކުރުކުރަމުން އޭނާ އިމާރާތުން ނުކުތެވެ. ގުޅައިގެން ގެނައި ޓެކްސީ ތިރީގަ އޮތެވެ. އަވަހަށް އައިސް އޭގެ ފަހަތު ދޮރުފަތް ހުޅުވާލައި ނީރާ ޓެކްސީއަށް އަރައިފިއެވެ.

"ކޮންތާކަށް ނީރާ އެދިޔައީ." ސުޖާއު އަހާލިއެވެ.

"އޭނާ ދާން ދޫކޮށްލާ." ލަމްހާ ބުނެލިއެވެ. އެހެންވިޔަސް ލަމްހާގެ މޭގަނޑު ތެޅެނީއެވެ. އަންހެންދަރިއަކު ގެއިން ނުކުމެގެން ދިއުމުން ހާސްނުވާނީ ކޮން މައެއް ހެއްޔެވެ. އޭނާ ނީރާ ދާން ދޫކޮށްލީ އީހާނުގެ ސަބަބުންނެވެ. ނީރާއަށް މިނިވަންކަން ހޯދާ ދެވޭނެ ގޮތަކީ އެއީކަމަށްވީމައެވެ. އެއްގޮތަކަށް ވެސް އޭނާ ނީރާ ދޫކޮށްލީކީ ނޫނެވެ.

އީހާނު ހަޅޭލަވައިގަތް އިރު ހީވީ ހަމައިން ނެއްޓީ ހެނެވެ. އޭނާ އެޕާޓްމެންޓުން ނުކުމެގެން އަންނަންވީއިރު ނީރާގެ ނިޝާނެއް ވެސް ނެތެވެ. އޭނާގެ ބޯކޮށް އޮންނަ ބުޅި އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލުމާއެކު ބޮލުގައި ހިފަހައްޓާލިއެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރާފައި ހުއްޓެވެ. ކުއްލިއަކަށް ޖީބުގައި އޭނާ އަތްޖައްސާލުމާއެކު ވަކިން ރުޅިގަދަވެއްޖެއެވެ. އޭނާ އުޅުނީ ފޯނު ނަގާށެވެ. ނީރާއަށް ގުޅާށެވެ. ލަމްހާ ފޯނު ހަލާކުކޮށްލި ހަނދާންވީ ދެނެވެ. އެނބުރި އެޕާޓްމެންޓަށް އީހާނު އައީ ވޮލެޓު ބަލައެވެ. އޭނާ ގެއިން ނުކުތީ ވީހާ ވެސް އަވަހަކަށް ފޯނެއް ހޯދުމަށެވެ.

"ސޫޖާ. ވަކީލާ ވާހަކަދައްކަންވެއްޖެ. އެ ކައިވެނިން ނީރާ މިނިވަންކުރަންވީ ވަގުތު އަތުވެއްޖެ. އީހާނުގެ ރުހުމުގައި އެކުއްޖާ ވަރިއެއް ނުކުރާނެ."

"އަހަރެން ހާސްވަނީ ނީރާ އެދިޔަ ގޮތުން." ސުޖާއުއަށް ލިބިފައިވާ ހާސްކަން ހާމަކުރިއެވެ.

"އަހަރެން ނީރާއަށް ގުޅާނަން. ހުރިތަނެއް އޮޅުންފިލުވާނަން. ތަނެއް ހިފާފަ އިހަށް އަހަރެމެންނާ ދުރުގައި ނީރާ ބަހައްޓަން އަހަންނަށް ފެންނަނީ. ވަރީގެ ކަންކަން ނިމެންދެން. އީހާނު އަހަރެމެންނާ ދެކޮޅުވާނެކަން ޔަގީން. އެކުއްޖާއަށް ހެޔޮވިސްނުން ދެއްވާނެނަމަ. ނީރާއާ މެދު ކަންތައް އެކުރަނީ ރަނގަޅަކަށްނޫން." ލަމްހާ ބުންޏެވެ.

"ނީރާގެ ޚަބަރެއްވީމަ ބުނޭ. އަހަރެން ގޮތެއް ހަމަޖައްސާނަން. ކޮންއިރަކުން ވަކީލު ގެންނަންވީ."

"ގެއަކުނޫން، ބޭރުން ބައްދަލުކުރާ ގޮތަކަށް ހަމަޖައްސާނީ. ވަކީލެއް މެދުވެރިކޮށް މިކަން ކުރަން އުޅޭކަން އީހާނަށް އެނގިއްޖެނަމަ ރަނގަޅެއްނުވާނެ. މިރެއަށްވުރެ މާދަމާ އެކަމާ އުޅޭންވީނު." ލަމްހާ ހިޔާލު ދިނެވެ. އެގޮތް ސުޖާއުއަށް ކަމުދިޔައެވެ.

* * * * *

ރިދާމެން ގެއިން ނީރާއާ ބައްދަލުކުރީ އޭނާގެ މަންމައެވެ. ނީރާ އަންނާނޭކަން އެމީހުން ކައިރީ ރިދާ އޮތީ ބުނެފައެވެ. އޮފީހުގައި ހުރި ވަގުތެއްވީމާ ކުއްލިއަކަށް ނީރާއާ ބައްދަލުކުރަން ގެއަށް އާދެވެން ރިދާއަށް ނެތީއެވެ. އެހެންވިޔަސް އޭނާ އޮތީ މަންމައަށް އޮޅުންފިލުވާ ދީފައެވެ. ދެތިން ދުވަހަށް އެގޭގައި ނީރާ ހުންނަންކަން އެ އަންނަނީ ބުނެފައެވެ. ރިދާއާއި ނީރާގެ އެކުވެރިކަން އެމީހުންނަށް އެނގެއެވެ. އެގޭގައި ނީރާ ބެހެއްޓުމުގައި ސުވާލެއް ކުރުމުގެ ބޭނުމެއް ނެތުނީ އެހެންވެއެވެ.

ރިދާ ގެއަށް އައިސް ވަނީ އިރުއޮއްސުނު ފަހުންނެވެ. ފުރަތަމަ ވެސް ހޯދާލީ ނީރާ ކޮބާތޯއެވެ. މަޣްރިބު ނަމާދަށްދާން ގެއިން ނުކުންނަން އައި ޖިހާދަށް ރިދާ ފެނުނެވެ. އަނގައިން ބުނުމުގެ ކުރީން އޭނާ އިޝާރާތްކޮށްލީ ރިދާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށެވެ. ބައްޕަގެ އިޝާރާތް ރިދާއަށް ދެނެގަންނަން އެނގުނެވެ.

"ހޭ!... ސޮރީ އިނގޭ. އަދި މި އާދެވުނީ... ސައިބޮއެފިންތަ؟." ކޮޓަރި ދޮރު ހުޅުވާލުމާއެކު ރިދާ ވާހަކަދައްކަމުން އެތެރެއަށް ވަދެގެން އައެވެ. އެނދުގައި ދެފައި ކުރުކޮށްލައިގެން އިން ނީރާ ހަށިގަނޑު ތެދުކޮށްލިއެވެ. ދެފައިވަށްކޮށްލައި ކައިރީގަ އިށީން ރިދާއާ އޭނާ ކުރިމަތިލިއެވެ.

"ރިދާ މަންމަމެންނާއެކީ ސައިބޮއެފިން. އަހަރެން ވެސް ސޮރީ. ކުއްލިއަކަށް މިކަހަލަ ކަމަކަށް އެދެންޖެހުނީމަ." ނީރާ ބުންޏެވެ.

"ކަމެއް ގޯސްވީތަ؟ ލައިޒަލްމެންގެ އެޕާޓްމެންޓުން އެރޭ ނުކުމެގެން ދިޔަފަހުން ނީރާގެ ޚަބަރެއް ވެސް ނުވި. އަހަރެން ގުޅީމަ ފޯނެއް ވެސް ނުނަގަމެންނު."

"އަހަރެން މިއުޅެނީ ވަރިވާން." ރިދާގެ ވާހަކަ އަޑުއަހަން އިނދެފައި ނީރާ ބުނެލިއެވެ.

"ވަޓް! ސީރިއަސްކޮށްތަ؟... ވެއިޓް... އެހެންވީރު ތިއައީ..." ރިދާގެ ވާހަކަ ނުނިމެނީސް ނީރާ ވާހަކަދެއްކިއެވެ.

"ޕްރޮމިސްކުރޭ، އަހަރެން މިގޭގަ ހުރިކަން އެކަކު ކައިރީ ވެސް ނުބުނާނަންކަމަށް. ޔަމާނު ކައިރީ ބުނެފިނަމަ އޭނާގެ ފަރާތުން ލައިޒަލްއަށް އެނގޭނެ. އަހަރެން ހޯދަން އީހާނު އެންމެ ފުރަތަމަ ވެސް ގުޅާނީ ރިދާއަށް. އެ ދެމީހުންނާ ވެސް ކުރިމަތިލާކަށް އަހަރެން ބޭނުމެއްނޫން." ނީރާ ހިފާލީ ރިދާގެ ކަނާއަތްތިލައިގައެވެ.

"ޕްރޮމިސް... ޑޯންޓް ވޮރީ." ނީރާގެ އަތުގައި އަނެއްއަތްތިލަ ގެނެސް ޖައްސާލުމާއެކު ރިދާ ޔަގީންކަން ދިނެވެ.

"އެ މޮންސްޓާރ ނީރާ ވަރިކުރަން އެއްބަސްވީތަ؟" އިރުކޮޅަކު އިނދެފައި ރިދާ އަހާލިއެވެ. އެހިނދު ނީރާ ދެފަރާތަށް ބޯހޫރުވާލީއެވެ.

"އޭނާ ވަރިނުކުރިޔަސް އަހަންނަށް އަމިއްލައަށް ވަރިވެވިދާނެއެއްނު. އެކަމަކު އޭނާގެ ކައިރީގަ ހުރެ އަހަންނަށް މިކަމެއްނުވާނެ. އައި ހެޑް އިނަފް... އަބަދު މި ސަފަރިންގެ ތެރެއަކު ނޫޅެވޭނެ. އެހެންމީހުން އުފާކޮށްދެވޭނީ އިހަށް އަހަރެން ހިތްހަމަޖެހިފައި ހުރެގެން. އީހާނާ މެރީކުރީއްސުރެ މިނިވަންކަމާއި އުފާވެރިކަން ގެއްލިއްޖެ. އަހަރެންގެ އަމިއްލަ ނަފްސަށް ޓަކައި ކަމެއްކުރި ދުވަހެއް ހަނދާނެއް ވެސް ނެތް. އަހަރެން ވެސް މީ އިންސާނެއް. ވަރުބަލިވެއްޖެ މިހެން އުޅެއުޅެ... އަބަދު ގިލްޓީވެފަ ހުންނާކަށް ބޭނުމެއްނޫން. އެހެންމީހެއްގެ ރޮދިފަށުގައި ހައްޔަރުވެ ހުރެ އޭނާ ނެއްޓި ގޮތަކަށް ނަށާ ބުދަކަށްވެގެން އުޅެވިއްޖެ. ކޮންމެ ފަހަރަކު އަހަރެން ނެރޭ ހިތްވަރު އޭނާގެ އަތުން ކަތިލަނީ ދެވަނަ ފަހަރަށް ހިތްވަރެއް ކުރަން ނުކެރޭވަރަށް. އެހެންވެ މިފަހަރު ދުރުގައި ހުންނަން ބޭނުންވީ. އެމީހުންގެ ތެރޭ ހުރެ އަހަރެންނަށް މިކަން ނުވާނެ. ރިދާގެ ދިރިއުޅުމަށް އަހަރެންގެ ސަބަބުން އުނދަގުލެއް ފޯރަންވާއިރަށް އަހަރެން މިތަނުން ދާނަން. އެކަމަކު މި ތިން ދުވަހު އަހަރެން ފޮރުވާދިނުމަށް މިއެދެނީ ރިދާގެ ކައިރިން. އަހަރެންގެ ކަންކަން އެނގޭ އިތުބާރުކުރެވޭ އެކުވެރިއަކަށް ހުރި މީހަކީ ހަމައެކަނި ތީ."

"ނީރާ ބޭނުން ދުވަހެއްވަންދެން މިގޭގަ ހުރެވިދާނެ. އަހަންނަށް އުނދަގުލެއްނުވާނެ. އަހަންނަށް އެނގޭ އެމީހުންގެ ކައިރިން ނީރާ ނުކުމެގެން ގޮސް ވަންނާނެ އެހެންތަނެއް ނުހުންނާނެކަން."

"އީހާނުގެ ގޮތް އަހަންނަށް އެނގޭ. އޭނާ ރިދާއަށް ފާރަނުލާނެއޭ އަހަރެން ނުބުނާނަން. ޔަމާނާއި އީހާނަކީ ބިޒްނަސް ޕާޓްނާސް. ރިދާގެ ދިރިއުޅުމަށް ހިޔަންޏެއް އެޅޭކަށް ނޭދެން. ތިން ދުވަސް ވެސް ގިނަ. އެންމެންނާ ދުރުގައި ހުރެއްޖެނަމަ އީހާނަށް އަހަރެން ހޯދަން އުނދަގޫވާނެ. ކޮންގޮތަކުން ވިޔަސް މިފަހަރު އަހަރެން އޭނާގެ ކައިރިން ވަރިވާނަން." ނީރާ ގަސްދުކުރާ ގޮތް ހާމަކުރިއެވެ. (ނުނިމޭ)