މިނިވަން 50 ޗެމްޕިއަންޝިޕުގެ ގއ. އަދި އަތޮޅު މުބާރާތުގައި ސަޕޯޓަރުން ދަނޑަށް އަރައި މެޗު ހުއްޓުވާފައިވާތީވެ ގދ. ގައްދޫ އާއި ގއ. ދެއްވަދޫ އަދި ގއ. ވިލިނގިލީ ޓީމު 37500ރ. އިން ޖޫރިމަނާކޮށްފި އެވެ.
މި ތިން ޓީމުގެ ތެރެއިން ގައްދޫ ޖޫރިމަނާކޮށްފައިވަނީ 12500ރ. އިންނެވެ. ވިލިނގިލި ޖޫރިމަނާ ކުރީ 15000ރ. އިންނެވެ. އަދި ދެއްވަދޫ ޖޫރިމަނާ ކުރީ 10000ރ. އިންނެވެ.
މި ތިން ޓީމަށް އަދަބުދިނުމަށް ނިންމައި އެފްއޭއެމުން މިރޭ ވަކިވަކިން ނެރުނު ދެ ނޫސްބަޔާނުގައި ބުނެފައިވަނީ ޖޫރިމަނާ ފައިސާ ނުދައްކައި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާނަމަ ޑިޕޮޒިޓް ފައިސާ އެފްއޭއެމުގައި ބެހެއްޓުމަށްފަހު ހަތް ދުވަސް ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.
ގައްދޫ ޓީމު ޖޫރިމަނާކުރީ ގދ. އަތޮޅު މުބާރާތުގައި ތިނަދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެފައި އޮއްވައި ގައްދޫގެ ސަޕޯޓަރުން ދަނޑައެރުމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކާހެދި މެޗު ހުއްޓާލަން ޖެހުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ. ގައްދޫގައި މި މަހުގެ 17 ވަނަ ދުވަހު ކުޅުނު މި މެޗުގައި ސަޕޯޓަރުން ދަނޑަށް އެރީ ތިނަދޫ ޓީމުން ގޯލު ޖެހިއިރު ގައްދޫ ކުޅުންތެރިއަކު ދަނޑުމައްޗަށް ވެއްޓިފައިވާތީވެ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް ރެފްރީގެ ރިޕޯޓްގައި ވަނީ އެ ކުޅުންތެރިޔާ ވެއްޓިފައިވަނީ ސީރިއަސް އަނިޔާއެއްވެގެން ނޫން ކަމަށެވެ. މިހެންވެ ގައްދޫ ޖޫރިމަނާ ކުރުމުގެ އިތުރުން މެޗުން މޮޅުވީ ތިނަދޫ ކަމަށް ވެސް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ތިނަދޫ ޓީމުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ވިފާގު ހަސަން ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެއީ ގައްދޫ ޓީމު ލަނޑު ޖެހުމުން ކުޅިވަރުގެ ރޫހާ ހިލާފު އިޝާރާތެއް ގައްދޫ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުންނާ ދިމާލަށް ޖައްސާފައިވާތީ އެވެ.
ފުރަތަމަ ދަނޑަށް އެރީ ވިލިނގިލީ ޓީމު
ގއ. އަތޮޅު މުބާރާތުގައި ދެއްވަދޫ އާއި ވިލިނގިލި ބައްދަލުކުރި ހުއްޓާލަން ޖެހުނީ ވެސް ދެ ޓީމުގެ ސަޕޯޓަރުން ވެސް ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގުމުންނެވެ.
މެޗު ހޫނުވީ 85 ވަނަ މިނިޓްގައ ވިލިނގިލީގެ އަހުމަދު ނިޒާމާއި ދެއްވަދޫގެ ނަސޫހް ސައީދު ތަޅައިގަތުމުން ވިލިނގިލީ ޓީމުގެ ބެންޗުން ދަނޑަށް އެރުމުންނެވެ. ނަމަވެސް ފުލުހުންގެ އެހީގައި ސަޕޯޓަރުންނާއި ބަދަލު ކުޅުންތެރިން އަދި އޮފިޝަލުން ދަނޑުން ބާލައި ތަޅާފޮޅަން ފެށި ދެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކުމަށްފަހު ރެފްރީ ވަނީ މެޗު އަލުން ފަށަން އިޝާރާތްކޮށްފަ އެވެ.
މިއާއެކު ދެއްވަދޫ ޓީމުން ކުޅެން ބޭނުންވި ނަމަވެސް ވިލިގިނލީ ޓީމުން ވަނީ މެޗު ކުރިއަށް ގެންދެވޭނެ އަމާން މާހައުލެއް ނެތް ކަމަށް ބުނެ މެޗު ކުޅެން ދެކޮޅު ހަދައިފަ އެވެ. އަދި އެ ޓީމުގެ ކީޕަރު އަހުމަދު ޖުނޭދާއި އާތިކް އިބްރާހީމް ވަނީ މެޗު ކުޅުމުގެ ބަދަލުގައި ބޭނުންވަނީ ތަޅާފޮޅަން ކަމަށް ރެފްރީ ގާތު ބުނެފައި ކަމަށް ވެސް އެފްއޭއެމުގެ ނޫސްބަޔާނުގައިވެ އެވެ.
ހަތަރު ކުޅުންތެރިއަކު ސަސްޕެންޑްކުރުން
މި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ހިންގައި ސަޕޯޓަރުންނަށް ބަހުގެ ހަމަލާދީފައިވާތީވެ ދެއްވަދޫ ޓީމުގެ އަހުމަދު މުއާޒް ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އަދި މެޗު ކުޅުމުގެ ބަދަލުގައި ބޭނުންވަނީ ތަޅާފޮޅަން ކަމަށް ރެފްރީ ގާތު ބުނި ވިލިނގިލީ ޓީމުގެ ޖުނައިދާއި އާތިކްގެ އިތުރުން އެޓީމުގެ އަފްރާދު ހަސަން ފަސް މެޗަށް ސަސްޕެންޑްކޮށް ފަސްހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ ވެސް ކުޅިވަރުގެ ރުހާ ހިލާފު އަމަލުތައް ހިންގައި ސަޕޯޓަރުންނަށް އިންޒާރު ދިނުމުންނެވެ.