ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

ނަޝީދުގެ ސެކިއުރިޓީގެ މައްސަލަ ސިއްރުކޮށްފި

Oct 13, 2021
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި އެމްއެންޑީއެފުން ފޯރުކޮށްދޭ ވީއައިޕީ ސެކިއުރިޓީ އުސޫލުގެ މައްސަލަ ދިރާސާ ކުރުމަށް ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީން ބަލަމުން ދަނީ ސޯސަލް މީޑިއާގައި އެމަނިކުފާނަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ އެވެ.

ކޮމިޓީގެ ބައްދަލުވުން ފެށުމަށް ފަހު ސިއްރުކުރީ ކޮމިޓީން ބަލަމުންދާ މައްސަލަތަކަކީ ސަލާމަތާ ގުޅުންހުރި މައްސަލަތަކަކަށް ވެފައި އެފަދަ މައްސަލަތައް ކޮމިޓީން މީގެކުރިން ވެސް ސިއްރު ކުރާތީ މެންބަރުންގެ ތާއީދާއެކު އެވެ.

އިސްމާއިލް ޔާސިފް ނަމަކަށް ކިޔާ މީހަކު މިދިޔަ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.

މާލެއަށް ނިސްބަތްވާ އެކަމަކު ރ. މީދޫގައި ދިރިއުޅޭ ޔާސިފް ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މަޖިލީހުގައި ވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައާއި އޭނާގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.

ޔާސިރު އަދި ބަންދުން ދޫކޮށްލި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ވީއައިޕީ ސެކިއުރިޓީ އުސޫލުގެ މައްސަލަ މަޖިލީހުން ދިރާސާކުރަމުން ދިޔަ ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެ އުސޫލު އާންމުކޮށްފައެއް ނުވެ އެވެ. ހައެއް ފަހެއްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހެދި އިންކުއަރީގައި ފާހަގަކޮށްފައިވާ ގޮތުގައި ވީއައިޕީ ސެކިއުރިޓީ ދިނުމުގައި އެހާތަނަށް ގެންގުޅެފައިވަނީ ހަރުދަނާ އުސޫލެއް ނޫނެވެ.