ޝާހްރުކް ހާން

ޝާހްރުކް ޚާން ސަލާމަތްވީ ހަމަ ކިރިޔާ!

Dec 2, 2015
5

މިމަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ" އަށް ގިނަ ބަޔަކު އިންތިޒާރުކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ.

މިއީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑުކަމަށްވާ ޝާހްރުކް ޚާން އާއި ކާޖޮލް އެކުގައި ކުޅެފައިވާ ފިލްމަކަށް ވުމުން މިފިލްމާއި މެދު ކުރެވޭ އުންމީދު ބޮޑެވެ.

މިފިލްމުުގެ ޓެރެއިލާ އާއި ދެލަވައެއް މިހާތަނަށް އާންމުކޮށްފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލަވަތަކަށާއި ޓްރެއިލާއަށް އަންނަނީ ލިބެމުންނެވެ.

އެގޮތުން ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ތައުރީފު ކުރަމުން ގިނަ ފަރާތްތަކުން ވަނީ މިހާރުވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދަނީ ފިލްމު ސިނަމާގައި ދައްކާނެ ދުވަހަކަށް ކަމަށެވެ.

މިފިލްމުގެ އެންމެ ފުރަތަމަ އާންމުކުރި ޝާހްރުކް އާއި ކާޖޮލްގެ "ގެރުއާ" އަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ލަވައެކެވެ.

ދެތަރިންގެ ކެމިސްޓްރީ މިލަވައިން ވަރަށް ރަނގަޅަށް ފާހަގަވެގެންދާއިރު މިލަވައިން މިދެތަރިންގެ އައިކޮނިކް ޖޯޑު ވައްޓާލެވޭނެ ވަރުގެ އެހެން ތަރިންތަކެއް ކިތަންމެ ދުވަހެއް ވިޔަސް ބޮލީވުޑަށް ދެން އުފަންނުވާނެ ކަން އެނގެ އެވެ.

މީގެއިތުރުންވެސް މިލަވައަކީ ބޭރުގައުމެއްގައި މިހާތަނަށް ޝޫޓްކޮށްފައިވާ އެންމެ އަގުބޮޑު ހިންދީ ލަވަ އެވެ.

އައިސްލޭންޑްގެ ގުދުރަތީ ރީތިކަމުން މިލަވައަށް އިތުރުން ފުރިހަމަކަމަށް ގެނެސްދީފައިވާއިރު، މިލަވަ ޝޫޓްކޮށްފައިވަނީ ރީތި ފަރުބަދަތަކުގެ މަތީގަ އާއި ވާދީތަކާއި ވޯޓާފޯލްތަކުގެ އިތުރުން އައިސްބާގްތަކުގެ ތެރޭގައި އާއި ބްލެކް ބީޗްގަ އެވެ.

ލަވައިގެ ރީތި މިއުޒިކާއި ހިތްގައިމު މަންޒަރުތަކުން ބެލުންތެރިންގެ ހިތް މިލަވަ އަތުލާފައިވާއިރު، ހަގީގަތުގައި މިލަވަ އަކީ ވަރަށް އުނދަގުލުން ޝޫޓްކޮށްފައިވާ ލަވައެކެވެ.

އައިސްލޭންޑްގެ އިންތިހާ ފިނީގައި މުޅި ލަވަ ޝާހްރުކް އާއި ކާޖޮލްގެ އިތުރުން ފިލްމުގެ މުޅި ޓީމުން ނަގާފައިވަނީ ވަރަށް ބުރަމަސައްކަތްކޮށްގެންނެވެ.

މޫސުމް މާބޮޑަށް ގޯސްވެ، މާބޮޑަށް ފިނިވުމުގެ ސަބަބުން އުންމީދުކުރިވަރަށް ވުރެން ގިނަ ދަތިތަކާއި ފިލްމުގެ ޓީމުން ކުރިމަތިލާފައިވާކަން މިލަވައިގެ މޭކިންގް ވީޑިއޯ ބަލާލުމުން އެނގިގެންދެ އެވެ.

އެގޮތުން ލަވައިގެ މަންޒަރެއް ޝާހްރުކް އާއި ކާޖޮލް ވޯޓާފޯލްގެ ބިއްދޮށުގައި ނަގަނިކޮށް އަރިއަޅާލައިގެން ގޮސް ޝާހްރުކް ވޯޓާފޯލްގެ ތެރެއަށް ނުވެއްޓި ސަލާމަތްވަނީ ކާޖޮލްގެ ހުށިޔާރުކަމުންނެވެ.

ޝާހްރުކް އޭނާގެ ސިގްނޭޗާ ސްޓެޕް ކަމަށްވާ ދެއަށް ފޫޅާކޮށްގެން އިންނަ ސްޓެޕް ޖައްސަނިކޮށް، ހަށިގަނޑު ބެލެންސް ނުކުރެވި އަރިއަޅާލައިގެން ދިޔަވަގުތު ކާޖޮލް އޭނާގެ އަތުގައި ނުހިފުނު ނަމަ ވެއްޓޭނީ އޮއި ގަދަ ވޯޓާ ފޯލްގެ ތެރެއަށް ކަން ޔަގީނެވެ.

ޝާހްރުކް އަރިއަޅާލިވަގުތު ކާޖޮލް އޭނާ އަތުގައި ހިފައި، މަގަތަށް ދަމައި ކާޖޮލް ޝާހްރުކްގެ އަތުގައި އިރުކޮޅެއް ވަން ދެން ހިފަހައްޓއިގެން ހުރުމުންފިލްމުގެ ޓީމުން ކަންބޮޑުވެ ހާސްވިވަރު ހާމަވެގެން ދިޔަ އެވެ. އަދި ޝާހްރުކް އާއި ދިމާލަށް ޓީމުގެ މެމްބަރުން އަންނަތްން ފެނުމުން އޭނާ އަތުން ރަނގަޅު ކަމަށް އިޝާރާތްކުރާތަންވެސް ފެނިގެންދެ އެވެ.

"އަހަންނަށް ޝާހްރުކްގެ އަތުގައި ނުހިފުނުނަމަ އޭނާ ވެއްޓޭނީ ވޯޓާފޯލްގެ ތެރެއަށް. އޭނާ އޭރުން ސަލާމަތް ނުވީސް" ކާޖޮލް ވީޑިއޯގައި ބުނެފައިވެ އެވެ.

ވޯޓާ ފޯލްގެ އެންމެ މައްޗަށް ވެސް އަރައި ލަވައިގެ ތަންކޮޅެއް މިދެތަރިން ޝޫޓްކޮށްފައިވާއިރު، ޝާހްރުކް އަރިއަޅާލަނީ ވޯޓާފޯލްގެ ވަރަށް މަތިން އެތެރެއަށް ވާކަހަލަ ގޮތަކަށް އިންނަ ތަނެއްގެ ތެރެއިންނެވެ. އެތަނުގައި ހުންނައިރު މަތިން އޮހޭ ހުރިހާ ފެނެއް ރީތިކޮށް ފެންނައިރު، އިރުއޮއްސެމުންނާއިރު ނަގާފައިވާ މިމަންޒަރު ވަރަށް ވެސް ހިތްގައިމެވެ.

މިލަވަ ނޫނަސް ވެސް ފިލްމުތަކުގެ ޝޫޓިންގެ ތެރޭގައި ގިނަތަރިންތަކަށް ވަނީ ބޮޑެތި އަނިޔާ ލިބިފަ އެވެ. މީގެއިތުރުންވެސް މަރުގެ އެތިފަހަރު ތަކުން ހަނިގޮތަކަށް ޝޫޓިންގެ ތެރެއިން މާބޮޑު އަނިޔާތައް ނުވެ ސަލާމަތްވެފައިވާ ތަރިންވެސް އެބަތިއްބެވެ.

ސްޕެޝަލް އިފެކްޓްއިން ލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވީ ނަމަވެސް، ވޯޓާފޯލްގެ މަތީގައި އާއި ވޯޓާފޯލްގެ ކައިރީގައި ނަގާފައިވާ މަންޒަރުތަކުގައި ފެންން ރެއިންބޯއަކީ އަސްލު ކަމަށް ޝާހްރުކް އާއި ކާޖޮލް ވަނީ ބުނެފަ އެވެ.

އެގޮތުން ކާޖޮލް ވަނީ އެއީ އޭނާގެ ހަޔާތުގައި އެއްފަހަރާ ތިން ރެއިންބޯއެއް ހުއްޓާ ފެނުނު ފުރަތަމަ ފަހަރު ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިލަވައިގެ ހުރިހާ މަންޒަރެއްގެ ތެރެއިންވެސް އެންމެ ގިނަބަޔެއްގެ ލޮލުގައި އަޅައިގެންފައިވަނީ ބިންދައިގެން ގޮސްފައި އޮންނަ މަތިންދާ ބޯޓެއްގެ މަތީގައި ނަގާފައިވާ މަންޒަރުތަކެވެ.

ރޯހިތު ފިލްމުތަކުގައި އާންމުކޮށް ކާރުތަކާއި އެއްޗިސް އުދުއްސާތަން ފެނިފައިވާތީ ގިނަބަޔަކު ވަނީ މިއީ މިލަވަ އަށް ހާއްސަކޮށް ހަދާފައިވާ ޕްރޮޕެއް ކަމަށް ހީކޮށްފަ އެވެ. ނަމަވެސް ޝާހްރުކް އާއި ކާޖޮލް ވަނީ އެއީ ބެލްކް ބީޗް އޮތް އެއްޗެއް ކަމަށް ބުނެފަ އެވެ.

އެ މަތިންދާ ބޯޓަކީ ބްލެކް ބީޗަށް އިމެޖެންސީކޮށް ޖައްސަން އުޅުމުގެ ތެރޭގައި ބިންދައިގެން ގޮސް ހަލާކުވެ، އެތަނުގައި އޮތް އެއްޗެކެވެ.

ރޮމޭންސުން ފުރިގެންވާ މިލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ޕްރީތަމް އެވެ. އަދި ލަވަކިޔައިދީފައިވަނީ އަރްޖީތް ސިންގް އާއި އަންތުްރާ މިތްރާ އެވެ.

ހިތްގައިމު މިލަވަ ޑައިރެކްޓަރު ފަރާ ޚާން ކޮރިއޮގްރާފް ކޮށްދީފައިވަނީ ޝާޙްރުކް އާއި ކާޖޮލްގެ ޖޯޑުގެ ޖާދޫގައި އެތަކެއް ބަޔަކު ޖެހޭހާ ފުރިހަމަ އަށް ހުރިހާ އަސަރުތަކެއް އެކުލެވޭ ގޮތަށެވެ.

"ދިލްވާލޭ"ގެ "ގެރުއާ" ލަވަ