އެޗްޑީސީ

ހިޔާ ސަރަހައްދުގައި މެޗް ބެލޭ ގޮތް ހަދައިފި

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބަލާލެވޭނެ އިންތިޒާމް ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަ ޖައްސައިފި އެވެ.

އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މެޗުތައް ދެއްކުމަށް ހަމަޖެހިފައި ވަނީ ދިރާގާއި ގުޅިގެން ކަމަށެވެ. އެއީ ދިރާގުގެ ދިރާގު ޓީވީގެ ހިދުމަތް މެދުވެރިކޮށް ކަމަށް ވިދާޅުވި އެވެ.

ބޮޑު ސްކްރީންގައި ހިޔާ ފްލެޓް ސަރަހައްދުގައި މެޗް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ޓަވަރު އަށެެއް ސަރަހައްދުގަ އެވެ.

ހިޔާ ފްލެޓު ސަރަހައްދުގެ އިތުރުން، އުސްފަސްގަނޑުގައި ތިބެގެން މެޗުތައް ބަލާލުމުގެ އިންތިޒާމް ސްޓެލްކޯ އިން ވަނީ ހަމަޖައްސާފަ އެވެ. އަދި ކާނިވާ ސަރަހައްދުގައި ތިބެގެން މެޗުތައް ބަލާލެވޭނެ ގޮތް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ. ސޯޝަލް ސެންޓަރުންވެސް މެޗުތައް ބަލާލެވޭނެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުރިއަށް ދާނެއެވެ. މިއަދު ހަވީރުގެ މެޗުގައި ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ރާއްޖެއާއި އިންޑިއާއެވެ.