ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދުވަސް ހާމަނު ކުރަން ސަލާމަތީ ބާުރުތަކުން އެދިފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.
"ހައެއް ފަހެއް" ގެ ހަމަލާއަށްފަހު ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ވަނީ ތިން ދުވަހަށް ކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ދޮގެއް ކަމަށެވެ. ނަމަވެސް ފުރާ ދުވަސް ވިދާޅުވެވެން ނެތް ކަމަށާއި ސިފައިންގެއިން އެދެނީ އެއްތަނުން އަނެއްތަނަށް ދާއިރު އެ މައުލޫމާތު އާންމު ނުކުރުން ކަމަށެވެ.
އެމަނިކުފާނަށް ރާއްޖޭގައި ގިނަ ދުވަހު ހުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދިރިއުޅުއްވަން ބޭނުންވަނީ ހޮޓެލް ޖެންގައި ނޫން ކަމަށާއި އަމިއްލަ ގޭގައި ކަމަށެވެ. ނަމަވެސް އެޖާގަ ސިފައިންގެއިން ދޭން ތައްޔާރު ނޫން ކަމަށެވެ. އަދި މިހާރު ސެކިއުރިޓީ އޮތް ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ހިތަހަމަނުޖެހެނީ އެމަނިކުފާނުގެ ދެ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު އެ ކުދިން ކައިރީ އެހިން އެބަ މަލާމާތްކުރެޔޭ ނޯތް ކޮރެޔާގެ ވެރިޔާ ތަންތަނަށް ގެންދާ ގޮތަށޭ ގެންދަނީ. ކިހިނެއްހޭ ދެން ހަދާނީ. އެކުދިން ބުނީ ކޮންމެ ގޮތެއް ވިޔަސް ބޭނުންވަނީ ބައްޕަ ސަލާމަތުން ހުރުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހުން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ދެ ދުވަސް ކުރިން ރާއްޖެ ވަޑައިގަތުމުން އެމްއެންޑީއެފްއިން ދަނީ އެމަނިކުފާނަށް ވަރަށް ވަރުގަދަ ސެކިއުރިޓީއެއް ދެމުން ނެެވެ. އެގޮތުން ކާރުކޮޅުގައި އެމަނިކުފާނު ދަތުރުކުރައްވާއިރު ބޮޑީގާޑުން ކާރުގެ ފަހަތުން ހަތިޔާރާއެކު ދުވެ އެވެ. އެކަމަށް މީހުން ފާޑުކިޔައި އަދި ހަޖޫ ޖައި އެކަން ނޯތު ކޮރެއާގެ ރައީސްގެ ކާރުކޮޅު ފަހަތުން ބޮޑީގާޑުން ދުވާ މަންޒަރާ ވަރުން އަޅުވަ އެވެ.