ރައީސް މުހައްމަދު ނަޝީދު

ވަރަށް އަވަހަށް ފުލުހަށް ބަޔާން ދޭނަން: ނަޝީދު

Oct 13, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ވަރަށް އަވަހަށް ބަޔާން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހައެއް ފަހެއްގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އޭރު ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދުގެ ލީގަލް ޓީމުން ފަހުން ވަނީ ބަޔާނެއް ނެރެ އެމަނިކުފާނު ބަޔާން ދޭން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ފުލުހުން އެމަނިކުފާނުގެ ބަޔާނެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިއަދުވެސް ވެސް އެ ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

"ފުލުސް އޮފީހުން އެދޭ އަޅުގަނޑު ބަޔާނެއް ދޭން. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ބަޔާން ދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މެއި ހައެއްގެ ހަމަލާއަށް ފަންޑު ކުރި މީހުންނާއި އެކަމުގައި ޝާމިލްވި އިތުރު މީހުން ހޯދުމަށް ފުލުހުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މެއި ހައެއްގެ ހަމަލާގެ ޝަރީއަތްތައް ސިއްރުކޮށްގެން ގެންދާ ގެންދިއުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރަނީ އެތައް ބައެއްގެ މަސްލަހަތައް ވިސްނާފައި ކަމަށެވެ. ފަހަރެއްގައި މައްސަލަ ބައްލަވާ ގާޒީއަށް ވެސް އެކަމުން ނުރައްކަލެއް ކުރިމަތިވާތީ ޝަރީއަތް ސިއްރު ކުރަނީ ކަމަށް ވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަމަލާ ދިނުމުގައި އިސްކޮށް ހުރި ކަމަށް ބުނާ އަހްމަދު އަދުހަމް ރަޝީދުގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ހަ މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ. ނަމަވެސް އެ މީހުންގެ ޝަރީއަތް ގެންދަން އަދި ނިންމާފައި އޮތީ ހުޅުވާލައިގެން ކަމަށް ޕީޖީން ބުނެ އެވެ. އެކަމަކު ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ލީކުވުމުގެ ފުރުސަތު އޮތްނަމަ ޝަރީއަތް ސިއްރުކުރާނެ ކަަމަށްވެސް ބުނެފައިވެ އެވެ.

ހަމަލާއާއި ގުޅިގެން ލ. ގަން ދުންފިނިއުފާ އަހުމަދު ފާތިހު އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ކަނޑައެޅުމުން އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އަދި ތަސްލީމާއި އަލިމަނިކުގެ މައްޗަށް ދައުލަތުން އަދި އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.