ވިޔަފާރި

ރިޖެންޓް ލަގްޒަރީ ކުރޫޒްލައިނާއެއް މާލެއަށް ބަނދަރުކޮށްފި

  • ކްރޫޒްލައިނާއިން 800 އަށްވުރެ ގިނަ ޓޫރިސްޓުން ފައިބާނެ
  • ކުރިއަށް ގިނަ އަދަަދެއްގެ ކްރޫޒްލައިނާތަކެއް އަންނަން ހަމަޖެހިފައިވާ

ރިޖެންޓް ސެވަން ސީސް ކުންފުނީގެ ލަގްޒަރީ ކުރޫޒްލައިނާއެއް މިއަދު ހެނދުނު މާލެއަށް ބަނދަރުކޮށްފި އެވެ.

ރާއްޖެއަށް ލަގްޒަރީ ޔޮޓްތަކާއި ހައި ޕްރޮފައިލް މީހުން ގެންނަ މާޔާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ބަނދަރު ކުރި ކްރޫޒްލައިނާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ ފައިބާނެ ކަމަށެވެ.

"ދުވަސްތަކަކަށް ފަހު މިއައީ ކްރޫޒްލައިނާއެއް. ރާއްޖެ ހަމަ ހިމޭންކޮށް އޮންނަންޏާ ވަރަށް ގިނަ މިފަދަ އުޅަނދު ފަހަރު އަންނާނެ،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި އުޅަނދަރު 800 އަށްވުރެ ގިނަ ޓޫރިސްޓުން މާލެ ފައިބާނެ އެވެ. އަދި މި އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ރާއްޖެއަށް މިދިޔަ މަހުވެސް ބޮޑު ކްރޫޒްލައިނާއެއް އަންނަ އޮތެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މި ކްރޫޒްލައިނާގެ ދަތުރު ވަނީ އަވަށްޓެރި ސްރީލަންކާއަށް ބަދަލުކޮށްފަ އެވެ.

މާޔާގެ އޮފިޝަލް ވިދާޅުވީ މި ކްރޫޒްލައިނާގެ އިތުރުން ވެސް އިތުރު އުޅަނދު ފަހަރު އަންނަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

"މިކަން ވާނީ ސުލްހަވެރިކޮށް އޮންނަނަމަ. އެހެން އޮވެއްޖެނަމަ ގިނަ ޓޫރިސްޓުން އަންނާނެ،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.

ކްރޫޒްލައިނާތައް މާލެއަށް އައުމުން ޓޫރިޒަމްގައި ހަރަކާތެރިވާ މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފައިދާތަކެއް ކުރެ އެވެ. އެގޮތުން މިފަދަ އުޅަނދު ފަހަރުގެ ސަބަބުން ހަނދާނީ ހަދިޔާ ވިއްކާ ފިހާރަަތަކުގެ ވިޔަފާރި އިތުރުވެގެން ދެ އެވެ. އަދި މީގެ އިތުރުން ޓެކްސީގައި ޓޫރިސްޓުން ދަތުރުކުރުމާއި ކައިރި ރިސޯޓުތަކާއި ކައިރި ރަށްރަށަށް ވެސް އެ މީހުން ދަތުރުކުރެ އެވެ.

ރިޖެންޓް ލަގްޒަރީ ކްރޫޒްލައިނާއަކީ އެމެރިކާއަަށް ނިސްބަތްވާ ކުންފުންޏެވެ. އެ ކުންފުނީގައި ގިނަ އަދަދެއްގެ ބޮޑެތި ކްރޫޒްލައިނާތައް ބޭނުންކުރެ އެވެ.