ދައްޕަރު

ފިއްލަދޫގެ އިހްތިސޯސްގައި ދައްޕަރު ހިމަނައިފި

Oct 13, 2021

ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު އަލުން ހިމަނުއްވާ އެކަމާ ގުޅޭ ގަރާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނެރުއްވައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން ދިއްޕަރަކީ ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ރައީސް ސޯލިހް ނެރުއްވި ގަރާރެއްގައި އެންމެ ފުރަތަމަ ކަނޑައެޅުއްވީ މާޗް 15، 2020 ގައެވެ. އެކަމަކު ފިއްލަދޫ ކައުންސިލާ މަޝްވަރާ ކުރެއްވުމަކާ ނުލައި މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ ކުއްލި ގޮތަކަށް ފިއްލަދޫގެ އިހްތިސާސް އިން ދިއްޕަރު ވަކިކުރައްވާ ގަރާރު ނެރުއްވާފަ އެވެ.

ނަމަވެސް މިއަދު ރައީސް ސޯލިހް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އޮގަސްޓް 29ގެ ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެ ގަރާރު ބާތިލްކުރެއްވީ ކަމަށެވެ. އަދި ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އަލުން ދައްޕަރު ހިމަނުއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވާ މިއަދު ގަރާރު ނެރުއްވާފައި މިވަނީ އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ސޯލިހް ނިންމެވި ކަމަށް މިމަހުގެ ހަތަރުވަނަ ދުވަހު ރައީސް އޮފީހުން ހާމަކުރެއްވި ނަމަވެސް ރަސްމީ ގަރާރު ނެރުއްވުން ލަސްވުމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުން ޝަކުވާކުރަމުން ދަނިކޮށެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާ ގުޅިގެން ފިއްލަދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށްޓަކައި "ސޭވޭދައްޕަރު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ހިންގާފަ އެވެ. ކެމްޕޭންގެ ތެރެއިން ދައްޕަރު ރައްޔިތުން ސޮއި ކުރި ޕެޓިޝަނެއް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިިލީހަށް ވެސް ހުށަހެޅި އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން މީގެ ކުރިން ވިދާޅުވީ ދައްޕަރާ ގުޅޭ ގަރާރު ރައީސް ސޯލިހް ނެރުއްވުން ލަސްކުރައްވާ ކޮންމެ ދުވަހަކީ ފިއްލަދޫގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ނިންމަން ދަތިވާނެ ކަމެއް ކަމަށެވެ. ދައްޕަރު ތަރައްގީކުރުމަށް ކައުންސިލްގެ ޕްލޭނެއް އެބައޮތް ކަމަށާއި ނަމަވެސް އެކަމުގެ މައުލޫމާތު ހާމަކުރެވޭނީ ލޭންޑް ޔޫޒް ޕްލޭން ނިންމާލެވިގެން ކަމަށްވެސް ވިދާޅުވި އެވެ.