ދިވެހި ގައުމީ ޓީމަށް މަރުދޭ ސަޕޯޓަރުންގެ އަދަދު މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ތޭރަވަނަ ސާފު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ކުރިއަށްދާއިރު ދިވެހި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ވަންނަން ޓިކެޓް ހޯދަން ދަމާލާ ކިއުތަކުން އެކަން ވަރަށް ސާފެވެ. ޓިކެޓެއް ލިބޭތޯ 18 ގަޑިއިރު ކޮޅަށް ތިބެ ޓިކެޓް ލިބުމުން ގެއަށް ދަނީ އުފަލުންނެވެ. އެވަރު ބޮޑު ތަކުލީފެއް އުފުލާނީ ގައުމީ ޓީމަށް އެ މީހެއްގެ ހިތުގައި ހާއްސަ ލޯތްބެއް އޮތީމައެވެ. ޔަގީނުންވެސް އެއީ ދިވެހި ގައުމު ދެކެ ވަރަށް ލޯބިވާ ގައުމީ ރޫހު ހިތުގައި އޮތް މީހަކަށް ނޫނީ ނުއުފުލޭނެ ތަކުލީފެކެވެ.
ބައެއް މީހުން މެޗު ބަލަން ދަނޑަށް ވަދެ ތިބެނީ ކުޅުންތެރިންގެ ކުޅުމުގެ ތެރެއަށް ގެއްލިފައެވެ. އަނެއް ބަޔަކު ފެންނަނީ ކުޅުންތެރިންނަށް އާދަޔާ ހިލާފު ތަރުހީބެއް ދޭ ބައެއްގެ ގޮތުގައެވެ. ގައުމީ ކުލަތަކުން ޒިނާތްތެރިވެ ތިބެ ބައެއް ސަޕޯޓަރުން މުޅި ދަނޑުގައި ގަދަ އަޑުން ތަރުހީބު ދެއެވެ. މިފަހަރުގެ މުބާރާތުންވެސް އެފަދަ އެތައް ސަޕޯޓަރުންނެއް ފެނިގެން ގޮސްފިއެވެ.
ފޮޓޯގްރާފަރުންގެ ލެންސްތަކުން އެ ސަޕޯޓަރުން ނަގާ ފޯރި އެ ދަނީ ބެލުންތެރިންނަށް ގެނެސްދެމުންނެވެ.
ނަމަވެސް މިފަހަރު މި އޮތީ މި އަހަރުގެ މުބާރާތުގެ ވާހަކައެއް ނޫނެވެ. ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ އެންމެ ފަހުރުވެރި ކާމިޔާބެއް ހޯދި 2008 ވަނަ އަހަރުގެ މުބާރާތުގެ ހަނދާނެކެވެ. އެ އަހަރު މުބާރާތް އޮތީ ރާއްޖެ އާއި ލަންކާގައެވެ. އެއީ މުބާރާތުގެ ތަށި ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ.
ރާއްޖެ ބައްދަލުކުރާ ކޮންމެ މެޗަކަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލައެވެ. ތަރުހީބުގެ އަޑުން މުޅި ދަނޑު ގުގުމާލައެވެ.
ނަމަވެސް ރާއްޖެ ބައްދަލު ކުރާ މެޗަށް ވަންނަ 12،000 ދިވެހި ސަޕޯޓަރުންގެ ތެރެއިން ވަރަށް ފާހަގަވި ސަޕޯޓަރެއްގެ ވާހަކައެވެ. އެއީ އުތުރުގެ ހއ. ތަކަންދޫއަށް ނިސްބަތްވާ އެ ރަށު ޑޭޒީމާގެ އަލީ މުހައްމަދެވެ. ބައެއް މީހުން އޭނަ ދަންނާނީ "ވަޑާން އަލީ" ގެ ނަމުންނެވެ.
އަލީ މުހައްމަދު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ދަނޑަށްދާ ގޮތެވެ. މުޅި ގައިގައި ދިވެހި ކުލަތަކުން ކުރަހައިގެންގޮސް އެންމެ ވަރުގަދައަށް ދިވެހި ޓީމަށް ހިތްވަރު ދެނީ އޭނާއެވެ. ބިޔަ ހަށިގަނޑުގައި ދިވެހި ދިދަ ރަމުޒުވާހެން ކުރަހާފައި ހުރެއެވެ. ބައެއް މީހުންނަށް އެކަން ވަނީ ވަރަށް ހެއްވާ މަޖާ ކަމަކަށެވެ. އަނެއް ބަޔަކަށް އާދަޔާ ހިލާފު މޮޅު ކަމަކަށެވެ.
ގައުމީ ދަނޑުގައި ދިވެހި ޓީމު ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ. އެ އަހަރުގެ ފައިނަލް އޮތީ ލަންކާއެވެ.
އަލީގެ ސަޕޯޓް ކުރުން ފެނި ފައިނަލް މެޗަށް އޭނާ ލަންކާއަށްވެސް ގެންދިޔައެވެ. އެކަން އިންތިޒާމު ކުރީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ތީމުގެއިންނެވެ. ލަންކާއަށް ގޮސް އަލީ ހުރީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނާއެކު ހިލްޓަންގައެވެ. އެހާވެސް އަލީގެ ސަޕޯޓް ގައުމީ ޓީމަށް މުހިންމެވެ.
ރާއްޖެއިން އިންޑިއާ ބަލިކޮށް ތަށި އުފުލާލި މެޗުގައިވެސް މުޅި ދަނޑުން އެންމެ ގަދަ އަޑަކަށްވީ އަލީގެ އަޑެވެ. އެ މެޗުގައިވެސް އަލީ ހުރީ އޭނާގެ ހަށިގަނޑުގައި ދިވެހި ކުލަތަކުން ގައުމީ ދިދަ ރަމުޒުވާނެ ހެން އެކި ކުރެހުންތައް ކުރަހައިގެންނެވެ.
މިހާރު ކުރިއަށްދާ މުބާރާތުގައި މިރޭ ރާއްޖެ މި ނިކުންނަނީ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާ އޮތީ 2008 ގެ އެ ބަލި އަދިވެސް ހަނދާން ނައްތާނުލެވިއެވެ. އެހެން ކަމުން މިރޭ ރާއްޖެ ބަލި ކުރުމަކީ އިންޑިއާގެ ވަރަށް ބޮޑު އުންމީދަކަށްވާނެ އެވެ. މިހާ ހިސާބުން 2008 ގެ ދިވެހި ގައުމީ ޓީމުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ މަތިންވެސް ދިވެހިން ހަނދާންވެއްޖެ އެވެ. މިއަދު މުޅި ސޯޝަލް މީޑިއާގައި އޮތީ އަލީ މުހައްމަދުގެ ވާހަކައެވެ.
ތަކަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުންދާ އަލީ މުހައްމަދު މިވަގުތު ހުރީ ރަށުގައެވެ. ދިވެހި ޓީމު ކުޅޭ މެޗުތައް ރައްޔިތުންނާއެކު އެ ރަށުގެ ޕްރީ ސުކޫލުގައި ބަލަމުންދާއިރުވެސް އަލީގެ ފޯރިއަކަށް ބަދަލެއް ނާދެއެވެ. ހަމައެކަނި ތަފާތަކީ ގަލޮޅު ދަނޑުގައި އޭނާ ނުހުންނަ ކަމެވެ.
ބައެއް މީހުން މިހާރު ގެންދަނީ ފައިނަލަށް ދިވެހިން ދަތުރުކޮށްފިނަމަ އަލީ މާލެ ގެނެވޭނެ ގޮތެއް ހޯދުމެވެ. އެ ދައުވަތު އެކި ފަރާތްތަކުން އޭނާއަށް މިހާރު ވަނީ ދީފައެވެ.
"ވަރަށް ދެރަވޭ ދިވެހި ޓީމު ކުޅޭއިރު ދަނޑުގައި ނުހުރެވޭތީ. ވަރަށް މިސްވޭ. އެކަމު ގޭތެރެ ތާށިކަމުން މިވަގުތު މި ނޫން ގޮތެއް ނެތީ،" ވަޒީފާގެ އިތުރުން އުމުރުން ދުވަސްވީ މަންމަވެސް ބަލަމުން ގެންދާ އަލީ ބުންޏެވެ.
މި އަހަރުގެ މުބާރާތުން އަލީ ނުފެނުނު ނަމަވެސް ޔަގީނުންވެސް މި ސަޕޯޓަރު މަތިން ދިވެހިން ހަނދާން އެބަހުއްޓެވެ. އެކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ޔަގީންވެއެވެ.