އިންޑިއާ

ޗެންނާއީގެ ހޮސްޓަލްއެއްގައި ފެންބޮޑުވެ، ދިވެހި ކުދިން ރައްކާތެރި ތަނަކަށް ގެންދަނީ

އިންޑިއާގެ ޗެންނާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިވެހި ކިޔަވާކުދިން ތިބޭ އެސްއާރްއެމް ޔުނިވަސިޓީގެ ހޮސްޓަލްގައި ފެންބޮޑުވުމުގެ ސަބަބުން އެތަނުގައި ތިބި ދިވެހި ކިޔަވާ ކުދިން ރައްކާތެރި އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ޗެންނާއީ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ދިވެހި ކުދިން ކިޔަވާ، އެސްއާރުއެމް ޔުނިވަސިޓީގެ ހޮސްޓަލްއަށް ވެސް ފެން ބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ޔުނިވަސިޓީގައި ކިޔަވާ ދިވެހި ކުއްޖަކު ވެސް ހޮސްޓަލްގައި ހުންނާތީ އޭނާގެ ހާލު މިނިސްޓްރީ އިން ބަލާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެހެން ހޮސްޓަލް އަކަށް އޭނާ ބަދަލު ކުރެވޭނޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ޗެންނާއީ އަށް ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހުނު ދިވެހި އާއިލާއަކަށް އިންޑިއާގެ ފުލުހުން ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރި ހިސާބަކަށް ބަދަލުކޮށްފަ އެވެ.

ދިވެހި އެހެން ކިޔަވާ ކުދިންނަށް މި ވިއްސާރައިގެ އަސަރު ކޮށްފައިވޭތޯ ވެސް މިނިސްޓްރީ އިން އަންނަނީ ބަލަމުންނެވެ.

ޗެންނާއީގެ އިތުރުން ޓެމިލްނާޑޫގެ އެހެން ހިސާބުތަކަށްވެސް މި ވިއްސާރައިގެ އަސަރު ކޮށް ގިނަ ސަރަހައްދުތައް ވަނީ ފެނު އަޑީގަ އެވެ. ފެންބޮޑުވުމުގެ ސަބަބުން އާންމު ދަތުރު ފަތުރުތައް ވަނީ ވަގުތީގޮތުން ހުއްޓާލައިފަ އެވެ. އަދި ސްކޫލްތައް ބަންދުކޮށް އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއާއި ހަވާލާދީ ހަބަރުތަކުގައި ބުނެފައިވަނީ ކުރިއަށް މިއޮތް ހަތަރު ދުވަހުގެ ތެރޭގައިވެސް ޗެންނާއީ އަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ވިއްސާރައިގައި މިހާތަނަށް 188 މީހުން ވަނީ މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ނެތި ވަނީ ހާލުގައި ޖެހިފައި އެވެ. ކޮންމެ އަހަރެއްގެވެސް ޖޫން މަހުން ސެޕްޓެމްބަރު މަހާއި ހަމައަށް އިންޑިއާއަށް ފެންބޮޑުވުމުގެ ހާދިސާ އާއި ކުރިމަތިލާން ޖެހެއެވެެ.