ވާހަކަ

ސިއްތާ

(13 އޮކްޓޯބަރ 2021 އާ ގުޅޭ)

"އީހާނުގެ ގޮތް އަހަންނަށް އެނގޭ. އޭނާ ރިދާއަށް ފާރަނުލާނެއޭ އަހަރެން ނުބުނާނަން. ޔަމާނާއި އީހާނަކީ ބިޒްނަސް ޕާޓްނާސް. ރިދާގެ ދިރިއުޅުމަށް ހިޔަންޏެއް އެޅޭކަށް ނޭދެން. ތިން ދުވަސް ވެސް ގިނަ. އެންމެންނާ ދުރުގައި ހުރެއްޖެނަމަ އީހާނަށް އަހަރެން ހޯދަން އުނދަގޫވާނެ. ކޮންމެގޮތަކުން ވިޔަސް މިފަހަރު އަހަރެން އޭނާގެ ކައިރިން ވަރިވާނަން." ނީރާ ގަސްދުކުރާ ގޮތް ހާމަކުރިއެވެ.

ނީރާ އެދުނަސް ޔަމާނަށް ކަންކަން ސިއްރުކުރުމަކީ ރިދާއަށް ކުރަން އުނދަގޫ ކަމެކެވެ. ދޮގެއް ހަދައިގެން ޔަމާނުގެ ކައިރިން ސަލާމަތްވެވިފައެއް ނެތެވެ. އެކަމަކު މިފަހަރު މީ ނީރާއަށް އެހީވާން ރިދާއަށް ލިބުނު ހަމައެކަނި ފުރުސަތެވެ. މީގެކުރީން އޭނާ ހުރީ ނީރާއަށް އެހީވާނެ ގޮތެއް ނޭނގިފައެވެ. އަމިއްލައަށް މަދަދަށް ނޭދެނީސް ބައެއް ހާލަތުގައި އެހީތެރިވާން ދަތިކަމަކަށް ވެއެވެ. ނީރާ ހުރީ އެފަދަ ހާލަތެއްގައެވެ. އެހީތެރިވާށޭ ކިޔާ ކޮށްދެވޭނެ ކަމެއްނެތް ހާލުގައެވެ. ކަންކަން ބަދަލުކުރަން ތިމާ ހިތްވަރު ލީ ވަރަކަށް އެހީތެރިވާން ތިބޭ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވެއެވެ. މިއަދު އެ އެކުވެރިޔާގެ ހިތްވަރު ފެނިފައި ރިދާ ކިތަންމެހާ ވެސް އުފާވެއްޖެއެވެ. އެހެންވެ އެ އެކުވެރިޔާ ފޮރުވާ ދެވެން އޮތްހާ ދުވަހަކު ރިދާ އޭނާ ރައްކާތެރި ކުރާން ގަސްދުކުރިއެވެ.

އެރޭ ފުދޭ ވަރަކަށް ދަންވަންދެން ނީރާއާއެކު ރިދާ އިނެވެ. ދެމެދުގައި އެތައް ވާހަކައެއް ދެއްކުނެވެ. ރިދާ ނިދަން ދިއުމުން ކޮޓަރިއަށް ވެރިވި ހިމޭންކަން ނީރާއަށް އުނދަގޫ ކުރިއެވެ. ރިދާ މެންގެއަށް ވަންނަމުން ނިވާލި ފޯނުގެ މަތިން ނީރާ ހަނދާންވީ ދެނެވެ. އެހެންވިޔަސް ފޯނު ހުޅުވާނީ ހެދުނުންކަން ނިންމީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ފޯނު ހުޅުވުމާއެކު ފޯނުކޯލުތައް އަންނަން ފަށާނެކަން ނީރާއަށް ޔަގީންވާތީއެވެ. އީހާނަށް ދަންވަރެއް ނޯންނާނެއެވެ. އޭނާ ނިދާނެ ހެން ވެސް ހީނުވަނީއެވެ. މިހާއިރުވީއިރު އޭނާ ނީރާގެ ފޯނަށް ނުގުޅައެއް ނުހުންނާނެއެވެ.

ވަގުތުތައް ދިޔައީ ކިހިނެއްކަމެއް އަދި ނީރާގެ ލޯ މެރުނީ ކޮންއިރަކު ކަމެއް ނުދެނަ ހުއްޓެވެ. އޭނާއަށް ހޭވެރިކަމެއްވީ ކޮޓަރީ ދޮރުގައި ޓަކިދޭ އަޑަށެވެ. ތެދުވެގެން އައިސް ދޮރު ހުޅުވާލިއިރު ރިދާގެ މަންމަ ރަހުޒާއެވެ.

"ފަތިސް ނަމާދަށް ގޮވައިފި. ރިދާއާއެކު ނީރާ ވެސް އަންނަންވީނު ނަމާދުކޮށްލަން. މިގަޑީގަ ނިދާފަ އޮންނާކަށް ނުވާނެ." ނީރާގެ ކޮނޑުގައި ފިރުމާލަމުން ރަހުޒާ ބުންޏެވެ. ހަމައެވަގުތު ޖެހިގެން ހުރި ކޮޓަރިން ރިދާ ނުކުތްތަން ފެނުނެވެ. އަމިއްލައަށް އިސްވެ ކުރަން އާދަވެފައި ނެތްނަމަވެސް ހެޔޮ ގޮތާއި ރަނގަޅު ގޮތް ނީރާއަށް ވެސް އެނގެއެވެ. ވީއިރު ނަމާދު ކުރަން ބުނުމުން ނޫނެކޭ ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ.

"ނީރާއަށް ދީބަލަ ނަމާދުކޮށްލެވޭނެ ހެދުމެއް. އަވަސްކޮށްގެން ނުކުންނާތި." ރިދާ ފެނުމާއެކު ރަހުޒާ ބުނެލިއެވެ. ނިދި ނުފިލާ ހުރެ ބަނޑު ކަހަމުން ރިދާ އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ.

ނަމާދުން އަވަދިވުމާއެކު މުސައްލަމަތީ ރިދާ އޮށޯތެވެ. ދަރިފުޅުގެ އެ ޢަމަލު ކަމުނުގޮސްގެން ރަހުޒާ ކުދިކިޔާލިއެވެ. ނީރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރިދާ ދެކެ ރަހުޒާ ވާ ލޯބި އެ ދެމައިން އުޅޭ ގޮތުން ފެނެއެވެ. ލަމްހާގެ މަތިން ނީރާ ހަނދާންވިއެވެ. މަޑުމަޑުން އެ ދެމައިންނާއެކު ނީރާ ވެސް ތެދުވީއެވެ. ނަމާދުކުރި އެއްޗެހި އެތެރެއަށް ލާން ރިދާ ދިޔައެވެ. ނީރާ ގޮވައިގެން ރަހުޒާ އައީ ބަދިގެއަށެވެ. އޭނާ ދެ ޖޯޑު ނަގައި ކައުންޓަރު މަތީ ބަހައްޓާލިއެވެ. ސައި ނުވަތަ ކޮފީ ބޯން ބޭނުންނަމަ އަމިއްލައަށް ތައްޔާރުކުރަންވީކަން ރަހުޒާ ބުނެލިއެވެ. ހައިރާންކަންމަތީ ނީރާ ހުރީތީ ރަހުޒާ ހިނިތުންވެލިއެވެ.

"އަންހެން ދަރިއެއް އަހަރެންގެ ހުރީ. ކޮންމެވެސް ދުވަހަކުން މީހަކާ އިންނާނެ. ދުނިޔޭގަ އިންސާނާ ހުންނާނީ ކިހާ ދުވަހަކުކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގޭނެ. މިއަދު އަންހެން ދަރިފުޅު ތަމްރީނު ކުރުމަކީ އަހަރެން ކުރަން ޖެހޭނެ ކަމެއް." ރަހުޒާގެ ހަރުދަނާ ވިސްނުން ހާމަކުރިއެވެ. ނީރާ ބޯޖަހާލުމާއެކު ރަހުޒާގެ ކައިރިއަށް އައެވެ.

ސައިޖޯޑު ހިފައިގެން ރިދާއާއެކު ނީރާ އިނީ ބަދިގޭގައެވެ. އެ ދެ އަންހެން ކުދީންނަށް ސަމާލުކަމެއް ނުދީ ރަހުޒާ ނުކުތީ ދޮރޯށި ކައިރިއަށެވެ. އޭނާގެ ކޮފީ ޖޯޑު ހިފަހައްޓާލައިގެން ދޮރޯށި ކައިރީ ހުރީ އާދައިގެ މަތިން އަބަދުވެސް ފިރިމީހާގެ އިންތިޒާރުގައި ހުންނަ ފަދައިންނެވެ. މިސްކިތުން ފައިބައިގެން ފިރިމީހާ އަންނަންއިރު ދޮރޯށި ދޮށުން މަރުޙަބާ ކިޔުމަކީ ރަހުޒާގެ އާދައެކެވެ. އެ ދެމަފިރިންގެ ދުވަސް ފެށެނީ އެހިސާބުންނެވެ.

"ޑިވޯސް ވަންޏާ ކިހިނެއް ހަދަން ޖެހޭނީ. ނީރާއަށް އެނގޭތަ އެކަން އޮންނަ ގޮތެއް." ރިދާ އަހާލިއެވެ.

"ނޭނގެ. އޮޅުން ފިލުވަން ޖެހޭނީ." ނީރާ ދެފަރާތަށް ބޯހޫރުވާލާފައި ބުނެލިއެވެ.

"އޮފީސް ފްރެންޑެއް މިދިޔަ އަހަރު ޑިވޯސްވި. އޭނާ ކައިރިން އަހަރެން އަހާލަފާނަން. އޭރުން ނީރާއަށް ފަސޭހަވާނެއެއްނު." ވިސްނާލާފައި ރިދާ ހިޔާލެއް ފާޅުކުރިއެވެ.

ސައިބުއި ޖޯޑު ދޮވެފައި ކޮޓަރިއަށް ނީރާ ވަނީއެވެ. ރިދާ ކޮޓަރިއަށް ދިޔައީ އޮފީހަށް ދިއުމުގެ ކުރީން ނިދާލަން ބޭނުމޭ ކިޔާފައެވެ. ނީރާ އައިސް އެނދުގައި އިށީނދެ ފޯނު ނެގިއެވެ. ފޯނު ހުޅުވާލިތާ ގިނައިރެއްނުވެ މެސެޖުތައް އަންނަން ފެށިއެވެ. ރޭ ދިހަގަޑި ބައިވި ފަހުން ލަމްހާ ގުޅައި ނީރާ ފޯނު ނުނެގުމުން މެސެޖު ކޮށްފައި އޮތެވެ. ނީރާ އަވަހަށް މެސެޖު ހުޅުވާލިއެވެ.

"ހުރިތަނެއް މަންމައަށް އަންގާލަބަލަ. ބޭބެގެ ވަކީލުއާ މާދަމާ ބައްދަލުކުރަން. މަންމައަށް ވެސް ފެންނަނީ އިހަށް ނީރާ ދުރުގައި ހުންނަން. ވަރީގެ ކަންކަން ނިމެންދެން. ބޭބެ ހަމަޖައްސާދޭނެ ނީރާ ހުންނާނެ ތަނެއް. ވަކީލަކު މެދުވެރިކޮށް ވަރިވުން ފަސޭހަވާނެކަމަށް ބޭބެ ބުނި. ވަކީލާ ބައްދަލުކޮށްފައި ދަރިފުޅަށް ގުޅާނަން. ފޯނު ނަގައްޗޭ."

ލަމްހާގެ މެސެޖު ކިޔާލާފައި ފުންނޭވާއެއް ނީރާ ދޫކޮށްލިއެވެ. ލަމްހާ އެ ނިންމަނީ ކިހާ އުނދަގޫ ނިންމުމެއްކަން ނީރާއަށް ވިސްނެއެވެ. ޚުދު އޭނާ ވެސް މިހާ ދުވަހު ކެތްކުރަމުން އައީ އެހެންވެއެވެ. ޢާއިލާގެ މަސްލަހައްތަށް ޓަކައެވެ. ހަމައެއާއެކު ފަސޭހަ ރަހުމަތެއްގައި އީހާނު ވަރިނުކުރާނެކަން ނީރާއަށް ޔަގީންވެއެވެ. ވަކީލަކު މެދުވެރިވެއްޖެނަމަ ލަމްހާ ބުނިހެން މިކަން އަވަހަށް ނިމިދާނެއެވެ. މަންމަގެ އެހީތެރިކަން މުހިންމުކަން ނީރާ ގަބޫލުކުރީ އެހެންވެއެވެ. ލަމްހާގެ ނަންބަރަށް ނީރާ ގުޅިއެވެ. މަންމަ ފަތިސް ނަމާދަށް ތެދުވާ ގޮތަށް ހޭލާކަން އުޅޭނީ އެނގޭތީއެވެ. ހަމަ އެންމެ ރިންގަކުން ލަމްހާ ފޯނުކޯލު ނެގިކަން ނީރާއަށް ފާހަގަވިއެވެ. މަންމަ ކަންބޮޑުވެފައި ހުރިވަރު ދެނެގަންނަން އެނގެނީ އެހެންވެއެވެ. އެކުވެރިޔާ ރިދާގެ ގޭގައިކަން ހުރީ ނީރާ އޮޅުން ފިލުވާދިނެވެ. މެސެޖުގައި ލިޔެފައި ހުރި ވާހަކަތައް ލަމްހާ އިތުރަށް ނީރާއަށް ތަފްސީލުކޮށްދިނެވެ. ނިންމުންތައް ނިންމުގައި ދެމައިން ފޯނުގައި އެތައް އިރަކު ތިއްބެވެ. ލަމްހާގެ ގާތުގައި ސުޖާއު ހުރިކަން އެނގުނީ އޭނާ ލަމްހާގެ ފޯނުން ނީރާއާ ވާހަކަދެއްކީމައެވެ. ބައްޕައަކާ އެންމެ ގާތްކުރާ މީހަކަށް ނީރާއަށް ލިބިފައި ހުރީ ސުޖާއުއެވެ. ތަނެއް ހަމަޖައްސާފައި ނީރާ ބަލާ ހަވީރުން ދާނެކަން ސުޖާއު ބުންޏެވެ.

* * * * *

ހަތަރު ދުވަސް ފާއިތުވެއްޖެއެވެ. ސުޖާއު ހިފާފައި ހުރި ހޮޓެލްގެ ކޮޓަރީގަ ހުރި ކުޑަދޮރު ކައިރީ ނީރާ މަޑުކޮށްލައިގެން ހުއްޓެވެ. ދުނިޔެމަތި އޮތީ އަނދިރިކޮށްލާފައެވެ. ބޯކަޅުވިލާތަކުން ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ. ދޭތެރެއަކުން ކެނޑިގެންދާ ވިދުވަރާއެކު ގުގުރާލައެވެ. ދުރަށް ގެއްލިފައި ހުރިއިރު ނީރާގެ ހިޔާލުތަކުގައިވީ ލައިޒަލްއެވެ. ދަތުރު ނިންމާފަ އައިސް ލައިޒަލްގެ އެޕާޓްމެންޓަށް އެރޭ އެންމެން ދިއުމުން އޭނާ އެދުނީ އެރޭ އެންމެން މަޑުކުރުމަށެވެ. އެރޭ ކަރަންޓު ދިޔައީ އިއްތިފާގަކުން ކަމެއް ނޫނީ އެއީ ލައިޒަލް ކުރީއްސުރެ ރާވައިގެން ކުރިކަމެއްކަން ބުނާން ނީރާއަށް ދައްޗެވެ. ޔަގީނުން ވެސް އޭނާ ފާހާނާއަށް ވަންނަން ދިޔައީ ލައިޒަލް ދެއްކި ކޮޓަރިއަށެވެ. އެ ކޮޓަރީގެ ކޮންމެ ދިމާއަކުން ނީރާގެ ނޭފަތުގައި ހަރުލީ ލައިޒަލްގެ ވަހެވެ. އަންހެނަކު ދިރިއުޅޭކަމުގެ އެއްވެސް ނިޝާނެއް އެ ކޮޓަރިއަކުން ނީރާ ނުދެކެވެ. ކޮޓަރީގަ ހުރި އެނދުމަތީ ފޯނު ބާއްވާފައި ފާހާނާއަށް ވަދެވަދެ ހުއްޓާ މުޅި އެޕާޓްމެންޓް އިން އެރޭ ކަރަންޓު ދިޔައީއެވެ. އެހެންވެ ނީރާ އަވަސްވެލީ އެނދުމަތީ ބޭއްވުނު ފޯނު ނަގާށެވެ. ލައްޕާފައި ހުރި ކޮޓަރީގެ ދޮރު ހުޅުވާ ލެއްޕުނު އަޑު އިވުނީ އެވަގުތެވެ. ކާކުތޯ ނީރާ އެހުމުން ވެސް އެމީހަކު ވާހަކައެއް ނުދެއްކިއެވެ. އަނދިރީގައި ނީރާ ހުރި ތަނެއް އެމީހަކަށް އެނގޭ ފަދައިން އޭނާ އައިސް ނީރާގެ ގައިގާ އަތްލިއެވެ. އެހިނދު އެމީހެއްގެ ބީހުމާއި ވަހުން އެއީ ކާކުކަން ބުނަން ނީރާއަށް އެނގުނެވެ. ނަމަވެސް އޭނާ ހެދުނީ ނޭނގޭ ކަމަށެވެ. އީހާނުތޯ އަހާލީ އެހެންވެއެވެ. އެއާއެކު ނީރާގެ އަތަށް ލައިޒަލް ބާރުކޮށްލީއެވެ. ވެއްޓެން ދިއުމުން ބިރުން ނީރާއަށް ހަޅޭލަވައި ގަނެވުނެވެ. ނަމަވެސް އޭގެ ކުރީން އޭނާގެ އަނގަމަތީ ލައިޒަލްގެ ބޮޑު އަތްތިލަ އަޅައި ބާރުކޮށްލައިފިއެވެ. ދެމީހުން އެކީ ވެއްޓުނީ އެނދުމައްޗަށެވެ. ލައިޒަލް ހުއްޓުވަން ނީރާ އިރުކޮޅަކު މަސައްކަތް ކުރުމަށްފަހު ހުއްޓާލިއެވެ. ލައިޒަލްގެ ދެކޮނޑުމަތިން އަތް އަޅުވާލައި އޭނާގެ ގައިގާ ނީރާ ބައްދާލުންވީ ލައިޒަލްއަށް ސިހުން ލިބުނު ހަރަކާތަކަށެވެ. ހާމަވެފައިވާ ލައިޒަލްގެ މޭގައި ނީރާ ފިރުމާލިއެވެ. އެ ދެ ލޯ ފުރިގެން އައީ އެވަގުތެވެ. ނީރާއާ ގާތްވިޔަސް ހެޔޮ ކަމުގައި ބުނެލީ ރޮމުންނެވެ. ލައިޒަލް އެނދުން ތެދުވުމުން އޭނާގެ އަތުގައި ނީރާ ހިފެހެއްޓިއެވެ. އަނދިރީގައި އެކަކުއަނެކަކުގެ މޫނު ނުފެނުނަސް ނީރާ ވާހަކަދެއްކީ ލައިޒަލްގެ އަތްތިލައިގެ އިނގިލިތަކުގެ އެހީގައެވެ. ލޯބިވެޔޭ ނީރާ ބުނުމާއެކު އަތުގެ އިޝާރާތްތަކުން ލައިޒަލްގެ ދެއަތްތިލަ މިނިވަންކޮށްފިއެވެ. ނީރާ އަތް ދަމާލުމުން ވެސް ލައިޒަލްގެ ގަޔަކު ނުޖެހުނެވެ. ކޮޓަރިއަށް އަލިއެޅުނީ އެވަގުތެވެ. އޭރު އެ ކޮޓަރީގައި ނީރާ ނޫން އެކަކުވެސް ނެތެވެ. އަވަސްއަވަހަށް ދެ ލޯ ފުހެލައި ނީރާ ބަލާލިއިރު ކޮޓަރިއަށް ވަދެގެން އައީ އުޝާއެވެ. އޭނާގެ ފޯނުގެ އަލިން އެނދުމަތީ އޮތް ނީރާގެ ފޯނު ނެގިއެވެ. ދެން އެއްވެސް މީހަކަށް ފެނުމުގެ ކުރީން އޭނާ އެ އެޕާޓްމެންޓުން ނުކުތީއެވެ. އީހާނުދެކެ ލޯބިނުވިޔަސް ނީރާ އިނީ އޭނާގެ އަނތްބެއްގެ ގޮތުގައެވެ. ކައިވެނީގެ މަތީހުރެ ލައިޒަލްއަށް ފުރުސަތެއް ނުދޭން ނިންމި ނިންމުން އުވިގެން ދިޔައީ އެރެއެވެ. ލައިޒަލްއަށް ހުއްދަދެވުނު ހިސާބުންނެވެ. އެކަމަކު އެހިސާބަށް ކަންކަން ދާން ނީރާއަށް މެދުވެރިކުރުވި މީހަކީ ލައިޒަލްއެވެ. ދަތުރުގައި ވެސް އެތައް ފަހަރަކު ނީރާގެ ކެތްތެރިކަން ލައިޒަލް އިމްތިހާނު ކުރުވިއެވެ.

ފުންނޭވާއަކާއެކު ހިޔާލުތައް އެއްފަރާތްކޮށްލާފައި ނީރާ އައިސް އެނދުގައި އިށީނެވެ. ލަމްހާއާއި ސުޖާއުގެ އެހީގައި ކޯޓަށް ވަރީގެ ފޯމު ލެވިއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި އީހާނު ނުގުޅާ ދުވަހެއް ނުދެއެވެ. ދުވާލަކު އެތައް ފަހަރަކު އޭނާ ނީރާއަށް ގުޅައެވެ. ލޯބިވާކަން ހާމަކޮށް އެތައް މެސެޖެއް ފޮނުވައެވެ. އެހެންނަމަވެސް ނީރާއާ ހަމައަކަށް އޭނާއަށް ނާދެވެއެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ނީރާއަށް ލިބިފައިވަނީ އެހެންވެއެވެ. އޭނާ ހުރިތަނެއް އީހާނަށް ނޭނގޭތީއެވެ.

* * * * *

ހަމްދާނު ކައިރީ ނާންނާށޭ އުޝާ ބުނީ އަމިއްލައަށެވެ. އެހެންވިޔަސް އެ އަޑު އޭނާ ނާހައެވެ. އުޝާ އޮފީހަށް ގެންގޮސް ދިނުމާއި ނިމޭގަޑިއަށް ބަލާ ގޮސް ހަމްދާނު އިނދެއެވެ. އުޝާ ކައިގެންތޯ ހުންނަނީ އޭނާ ބަލާ ހަދައެވެ. އެގޮތުން ހަމްދާނާއެކު އުޝާ އޮފީސް ނިމިގެން ގެއަށް ވަގުތެވެ. ސޯފާތަކާ ދިމާއަށް ދިޔަ ހަމްދާނަށް އުޝާ ގޮވާލިއެވެ.
"އަހަރެން ގޮވައިގެން ލައިޒަލް ކާފަމެންގެއަށް ގޮސްދާނަންތަ؟" އުޝާ އަހާލިއެވެ.

"އެއީ ރަނގަޅު ގޮތަކަށް ވެދާނެތަ؟" ސުވާލަކުން ހަމްދާނު ވާހަކަދެއްކިއެވެ.

"އިނދެގެން ހުރިއްޔާ ފިރިމީހާގެ ހާލު ބަލަން ޖެހޭނެއެއްނު. އަހަންނަށް އެނގޭ އޭނާ ހުރީ އެގޭގަކަން."

"އުޝާ... އަހަންނަށް ފެންނަނީ ލައިޒަލްއަށް ގުޅަން." ހަމްދާނު ވިސްނީ އުޝާގެ ހިތުގައި ޖެހިދާނެތީއެވެ. ޚުދު ހަމްދާނު ވެސް ލައިޒަލް ކައިރީ އެޕާޓްމެންޓަށް ދާން އޮތީ ބުނެފައެވެ. އެހެންވިޔަސް ކޮންމެވެސް ސަބަބަކާ ހުރެ ލައިޒަލް ފެންނަނީ މާޔޫސްވެފައި ހުއްޓައެވެ. އޭނާ އުޝާއާ އެއްކޮށް އުޅޭން ބޭނުންނުވަނީކަން ހަމްދާނަށް ލަފާކުރަން އެނގެއެވެ. އެހެންވިޔަސް އެ ވާހަކަތައް އުޝާއާ ހިއްސާކޮށް އެ ހިތް ރޮއްވާލާން ހަމްދާން ނޭދެއެވެ.

"އެގެއަށް ކިޔާ ނަން އަހަންނަށް އެނގޭ. ހަމްދާނު ނުގެންދަންޏާ ޓެކްސީއެއްގަ ހިނގައިދާނަން." އުޝާ ބުންޏެވެ.

"ލައިޒަލް ކައިރީ ނުބުނެ ދިޔައީމަ ނުކުމެދާނެ ނަތީޖާއަކާ މެދު އުޝާ ނުވިސްނަންތަ؟" ހަމްދާނު ބޭނުންވީ ހަގީގަތް އުޝާއަށް ހަނދާންކޮށްދޭށެވެ. ކައިވެނި ކުރެވުނުއިރު ލައިޒަލް އެއްފަހަރު ވެސް ފިރާގުއާ ބައްދަލުކުރަން އެގެއަށް އުޝާ ނުގެންދެއެވެ. ފިރާގުއާއި އުޝާގެ މައިންބަފައިންނާ ވެސް ބައްދަލުކުރީ އޭގެ ދެމީހުން ދިރިއުޅުމަށް ހިފާފައި ހުރި މި އެޕާޓްމެންޓުގައިކަން ހަމްދާނަށް އެނގެއެވެ. ލައިޒަލްއަކީ ސަބަބަކާ ނުލާ އެފަދައިން ކަންތައްކުރާނޭ ޒުވާނެއް ނޫންކަން ހަމްދާނު ދެނަހުއްޓެވެ. އުޝާއާ މެދު ލައިޒަލް ދެކޭ ގޮތް ހަމްދާނަށް ބުނަން އެނގެނީ އެހެންވެއެވެ. ދުލުން ނުބުންޏަސް މީހެއްގެ ޢަމަލުން ވެސް އޭނާގެ ގޮތް ދެނެގަންނަން އެނގޭނެއެވެ.

ކޮޓަރިއަށް ވަދެގެން އައި އުޝާ ފޯނު ނަގައި ލައިޒަލްއަށް މެސެޖު ލިޔެލިއެވެ. އޭނާ ހަމްދާނާއެކު ފިރާގު އުޅޭ ގެއަށް އަންނަނީކަން ބުނެފައެވެ. އެ މެސެޖު ފޮނުވިތާ މިނެޓެއް ވެސް ނުވެއެވެ. ލައިޒަލް ޖަވާބު ފޮނުވިއެވެ. ގޭގައި މަޑުކުރަން ބުނެފައެވެ. އޭނާ ރޭގަނޑުގެ ކެއުން ކާނީ އުޝާއާއެކުގައި ބުނެފައި އޮތެވެ. ފޯނަށް ބަލަން ހުރި އުޝާ އުފަލެއްނުވިއެވެ. ލައިޒަލްގެ ޖަވާބު އެހާ އަވަހަށް އައުމުން އޭނާ ގަސްދުގައި އުޝާގެ ކޯލުތައް ނުނަގަނީކަން ޔަގީން ކުރެވުނެވެ. ތިރީތުންފަތުގެ އެއްކޮޅުން ހަފާލަހަފާލާ ހުރެވުނީ ފުން ވިސްނުމެއްގައެވެ.

"އޯކޭ... ކޮންއިރަކު ދާން ބޭނުމީ." ކޮޓަރިން އުޝާ ނުކުތުމުން ހަމްދާނު ބުނެލިއެވެ. އަބަދު ހަމްދާނުދެކެ ހިތްހަމަނުޖެހިފައި އުޝާ ހުންނާތީ އެގޮތް ބޭނުންނުވެގެން އޭނާ އެއްބަސްވީއެވެ.

"ދެން އޯކޭ. ނޫޅެން ދާކަށް."

ލައިޒަލްގެ ފަރާތުން ޖަވާބެއް ލިބުނުކަން އުޝާ ނުބުނެއެވެ. އެޕާޓްމެންޓުން ހަމްދާނު ނުކުތީ އިރުއޮއްސި ނަމާދަށް ގޮވީމައެވެ. ލައިޒަލް އަންނަންވާއިރަށް ކާއެއްޗެއް ތައްޔާރު ކުރަން އުޝާ ބޭނުންވިއެވެ. އެހެންވެ އޭނާ ވަނީ ބަދިގެއަށެވެ. މަސައްކަތްތައް ނިންމާލުމާއެކު އަވަހަށް ގޮސް ފެންވަރާލައިގެން ނުކުތެވެ. އެނދުމަތީ ފަތުރާލާފައި އޮތީ އޭނާ ލާން ގަސްދުކުރާ ހެދުމެވެ. ރީނދުލާއި ރަތާއެކުވެފައިވާ މާތަކެއް ޖެހި ކަޅުކުލައި މިޑީއެކެވެ. ތައްޔާރުވެގެން ނުކުމެ ކާމޭޒު މައްޗަށް ތަށިތައް އޭނާ ނެގިއެވެ. ފެނުކެއްކި ތަރުކާރީއާއި ފިހެފައި ހުރި ކުކުޅު މަސްފޮތީގެ އިތުރުން ބަތާއި ސެލެޑެވެ. އަތުކުރީ އޮތް ގަޑިއަށް އޭނާ ބަލާލީ ދެނެވެ. ހިތްވަނީ އަވަސްވެފައެވެ. ލައިޒަލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޓީވީ ހުޅުވާލައިގެން ސޯފާގައި އުޝާ އިނެވެ. އިރުއިރުކޮޅާ ގަޑިބަލަމުން ދިޔަ އުޝާއަށް ބަލާލެވުނީ މައިދޮރާ ދިމާއަށެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވީ އަށްގަޑި ދިހައެއްގައެވެ. ވަދެގެން އައި ލައިޒަލްއަށް މާބޮޑު ބަދަލެއް އައިސްފަ ހުރިކަމަކަށް ނުފެނެއެވެ. އުޝާ ސޯފާއިން ތެދުވީ ހިނިތުންވެ ހުރެއެވެ.

"ކެއީތަ؟" ލައިޒަލް އަހާލިއެވެ.

"ކެއުމުގަ ބައިވެރިވާނަމޭ ބުނީމެންނު." އުޝާ ބުނެލިއެވެ. ލައިޒަލް ބޯޖަހާލުމާއެކު ބަދިގެއާ ގުޅިފައިވާ ކާބަޔާ ދިމާއަށް އައެވެ. ތަށިތައް ތައްޔާރުކޮށްފައި ހުރިތަން ފެނުމުން އޭނާ ވާހަކައެއް ނުދައްކާ މޭޒުދޮށުގައި އިށީނީއެވެ.

"ކީއްވެ ފޯނު ނުނަގަނީ." މޭޒުދޮށުގައި އިށީން އުޝާ ބުންޏެވެ.

"އުޝާއާ ވާހަކަދައްކަމެންނު."

"އައި މިސްޑް ޔޫ. މިތަން ހިފީ ދެމީހުން މިތަނުގައި އުޅެން ނިންމައިގެން." އުޝާގެ އަޑުގައިވީ ޝަކުވާއެވެ.

"އިހަށް ކައިގެން ވާހަކަދައްކަމާ. އަހަރެން އުޝާއާ ދައްކަން ބޭނުން ވާހަކައެއް އެބައޮތް." ލައިޒަލްގެ ޖުމްލަތައް އިއްވާލީ ކިތަންމެ މަޑުން އާދައިގެ ރާގެއްގައި ވިޔަސް އުޝާއަށް އިހްސާސްވީ އެފަދައިންނެއް ނޫނެވެ. އޭނާގެ ހިތް ބިރުގަތެވެ.

ހިމޭންކަމުގައި ރޭގަނޑުގެ ކެއުން ނިމިއްޖެއެވެ. މޭޒުމަތީ ހުރި ތަށިތައް ނެގުމުގައި އުޝާއާ ލައިޒަލް ބައިވެރިވިއެވެ. މަސައްކަތްތައް ނިމިއްޖެކަން ޔަގީންވުމުން ލައިޒަލް އައިސް އިށީނީ ސޯފާގައެވެ. އުޝާއަށް އިށީނުމަށް އޭނާ އިޝާރާތްކުރިއެވެ.

"މިކަން ހުއްޓާލަން ހިނގާ." ވަގުތުކޮޅަކަށް އުޝާއަށް ބަލަން އިނދެފައި ލައިޒަލް ބުނެލިއެވެ.

"ކިހިނެއްވީ؟" ހާސްވެފައި އުޝާއަށް އަހާލެވުނެވެ.

"އަމިއްލަ އެދުންތަކެއް ހާސިލުކުރަން ކުރެވުނު ކައިވެންޏެއްމީ. ނޫންތަ؟. އުޝާ! އަހަރެން ވަރުބަލިވެއްޖެ. އުޝާއާ އިނދެގެން ހުއްޓަސް އަނތްބެއްގެ ގޮތުގައި އުޝާ ބަލައިނުގަނެވޭ. ފެށުނީއްސުރެ އުޝާއަށް އެކަން އެނގޭނެ."

"ލައިޒަލް ވަގުތު ބޭނުންވަނީތަ؟." އުޝާ ވަގުތުން އަހާލިއެވެ.

"ވަގުތާއެކު އަހަރެންގެ އިހްސާސްތައް ބަދަލެއްނުވި. އުޝާ ލޯބިވިޔަސް ބަދަލުގައި އަހަންނަށް ދެވޭނެ އެއްޗެއްނެތް. އަހަރެންނަށް ވެސް އަހަރެން މިވާ ލޯބީގެ ބަދަލު ނުލިބޭނެކަން އެނގޭ. އެހެންވިޔަސް މިހެން އުޅޭން މާ އުނދަގޫ. އުޝާ ދެރަވުންނޫންކަމެއް ނުވާނެ. މީ ދެމީހުން އެއްބަސްވެގެން ކުރެވުނު ކައިވެންޏެއް. އުޝާ ހުށަހެޅި ހުށަހެޅުން އަހަރެން ގަބޫލުކުރީ ކީއްވެކަން އެނގޭނެ. ވަރިކުރަން..." ލައިޒަލްގެ ވާހަކަ ހުއްޓާލަން ޖެހުނީ ކުއްލިއަކަށް އުޝާ ކޮޅަށް ތެދުވުމުންނެވެ. އޭނާގެ މޭގައި އަތް އަޅައިގެން ހުރެ ވޭނީ އަޑެއް ލައްވާލިއެވެ.

"އުޝާ..." ހާސްވެފައި އުޝާގެ ކައިރިއަށް ލައިޒަލް އައެވެ.

"އަހަރެންގެ މޭ... އައްދޯއި..." އުޝާ ދެކަކޫ މައްޗަށް ތިރިވާން އުޅުނު ހިނދު ލައިޒަލް ހިފެހެއްޓިއެވެ. ގޮނޑީގައި ބޭންދުމާއެކު ފުންކޮށް ނޭވާލާން ބުންޏެވެ. ހޮސްޕިޓަލަށް ދާން ލައިޒަލް ބުނުމުން އުޝާ ވަގުތުން ބޯޖަހާލިއެވެ. (ނުނިމޭ)