އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރު 90.3 މިލިއަން ރުފިޔާގެ ބަޖެޓަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އެންމެ ފުރަތަމަ އެދުނީ އަންނަ އަހަރަށް 118 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
ނަމަވެސް ފަހުން މާލިއްޔާތު ކޮމިޓާއާ ފިނޭންސް މިނިސްޓްރީން ކުރި މަޝްވަރާތަކަށް ފަހު އެ އަދަދު ކުޑަ ކުރަން އެންގުމުން ފަހުން 90.3 މިލިއަން ރުފިޔާއަށް ބެޖެޓު ކުޑަކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅި އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެދިވަޑައިގެންނެވީ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 60.3 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 30 މިލިއަން ރުފިޔާ ކަނޑައެޅުމަ ށެވެ. އެއާއެކު ޖުމްލަަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
އިލިޔާސްގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ. އަދި މާލިއްޔަތު ކޮމިޓީގެ އަގުލަބިއްޔަތުން އިލިޔާސްގެ ހުށަހެޅުން ފާސްކުރި އެވެ.
އަންނަ އަަހަރަށް 90 މިލިއަން ރުފިޔާގެ ބެޖެޓެއް އޮޑިޓް އޮފީހަށް ދޭން ނިންމި އިރު މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބެޖެޓެކެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނަވަނީ ހުސައިން ނިޔާޒީ އެވެ.