ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ނަޝީދު ވެފައިވަނީ ރައްޔިތުންނަށް ބުރައަކަށް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވެފައިވަނީ ރައްޔިތުންނަށް ބޮޑު ބުރައަކަށް ކަަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ނަޝީދު ހޮޓެލް ޖެންގައި ދިރިއުޅުއްވާތީ އެކަމާއި ގުޅިގެންނެވެ. ހަތަރު މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ވަގުތީ ގޮތުން ހުންްނެވީ ހޮޓެލް ޖެން ގައެވެ. އެއީ ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލޭގައި ހުރި އެންމެ އަގު ބޮޑު ހޮޓެލް ކަމަށްވާ ޖެންގައި ހުންނެވުގެ ހަރަދު ބަލަހައްޓަނީ ދައުލަތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ހަރަދު ކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް ކަމަށެވެ. އަދި ރައްޔިތުންނަށް ނަޝީދު މިއަދު ވެފައިވަނީ ބޮޑު ބުރައަކަށް ކަަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބަލަދު އެރީތޯ. މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށް ވެއްޖެ. ރިޓަާ ކުރެއްވުމަށްފަހު ތި ނޫން ގޮތެއް ހޯއްދަވާ،" ނަޝީދަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވިއެވެ.

"ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހުން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މީގެ ތިން ދުވަސް ކުރިން ރާއްޖެ ވަޑައިގަތުމުން އެމްއެންޑީއެފްއިން ދަނީ އެމަނިކުފާނަށް ވަރަށް ވަރުގަދަ ސެކިއުރިޓީއެއް ދެމުން ނެެވެ. އެގޮތުން ކާރުކޮޅުގައި އެމަނިކުފާނު ދަތުރުކުރައްވާއިރު ބޮޑީގާޑުން ކާރުގެ ފަހަތުން ހަތިޔާރާއެކު ދުވެ އެވެ. އެކަމަށް މީހުން ފާޑުކިޔައި އަދި ހަޖޫ ޖައި އެކަން ނޯތު ކޮރެއާގެ ރައީސްގެ ކާރުކޮޅު ފަހަތުން ބޮޑީގާޑުން ދުވާ މަންޒަރާ ވަރުން އަޅުވަ އެވެ.

ރައީސް ނަޝީދު އިއްޔެްް ވިދާޅުވީ އެމަނިކުފާނު ދިރިއުޅުއްވަން ބޭނުންވަނީ ހޮޓެލް ޖެންގައި ނޫން ކަމަށާއި އަމިއްލަ ގޭގައި ކަމަށެވެ. ނަމަވެސް އެޖާގަ ސިފައިންގެއިން ދޭން ތައްޔާރު ނޫން ކަމަށެވެ. އަދި މިހާރު ސެކިއުރިޓީ އޮތް ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ހިތަހަމަނުޖެހެނީ އެމަނިކުފާނުގެ ދެ ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު އެ ކުދިން ކައިރީ އެހިން އެބަ މަލާމާތްކުރެޔޭ ނޯތް ކޮރެޔާގެ ވެރިޔާ ތަންތަނަށް ގެންދާ ގޮތަށޭ ގެންދަނީ. ކިހިނެއްހޭ ދެން ހަދާނީ. އެކުދިން ބުނީ ކޮންމެ ގޮތެއް ވިޔަސް ބޭނުންވަނީ ބައްޕަ ސަލާމަތުން ހުރުމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.