ތައުލީމުގެ ގާނޫނުގެ ދަށުން ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލެއް އެކުލަވާލަންޖެހޭތީ އެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގާނޫނުގައި ބުނާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމުގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުން ބުނެފި އެވެ.
ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭ ފަރާތަކީ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެވެ. ބޯޑުގެ ރަޖިސްޓްރާ އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އެވެ.
ގާނޫނުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ އެކަމަށް ހާއްސަ ލައިސަންސެއް ލިބިގެންނެވެ.
މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެެއްވަމުން ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލު އެކުލަވާލުމަށްޓަކައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގެ ބައްދަލުވުންތައް ބޭއްވި އެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ގާނޫނުގައި ބުނާ މުއްދަތުގައި އެކަން ނިންމާލެވޭނެކަން. މިއީ ރާއްޖެއަށް އާ ކަމަކަށް ވުމުން ކުރަންޖެހޭ މަަސައްކަތްތަކާއި ހަދަންޖެހޭ ގަވައިދުތައް ވެސް ގިނަ. އެކަމަކު ވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ،" އާތިޔާ ވިދާޅުވި އެވެ.
ކުރިން ޕްރިންސިޕަލް ކަންވެސް ކުރައްވާފައިވާ އާތިޔާ ވިދާޅުވީ ލައިސަންސް ދޭނެ އުސޫލު އެކުލަވާލާއިރު ލައިސަންސް ދޭނެ ގޮތްތަކާއި، ޓީޗަރުން ގިންތި ކުރެވޭނެ ގޮތްތަކާއި، ލައިސަންސް ބާތިލްކުރެވޭނެ ހާލަތްތަކާ އެކު ތަފްސީލް ކޮށް ހުރިހާ ކަމެއް ހިމަނާނެ ކަމަށެވެ. އުސޫލުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރާނެ ކަން ފާހަގަކުރައްވާ އާތިޔާ ވިދާޅުވީ ލައިސަންސް ދޭނެ އުސޫލު އެކުލަވާލުމުގައި ޓީޗަރުން ހިމެނޭ ގޮތަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
"މިކަހަލަ މުހިއްމު މަސައްކަތެއް ކުރެވޭއިރު ސްޓޭކްހޯލްޑާސްގެ ބައިވެރިވުން އަސްލުގައި ވަރަށް މުހިއްމު. އެހެންވެ އަޅުގަނޑުމެން އެކި މަރުހަލާތަކުގައި އެކަން ކުރާނަން،" އާތިޔާ ވިދާޅުވި އެވެ.
ތައުލީމީ ގާނޫނުގައި ޓީޗަރުންގެ ގޮތުގައި ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ތެރަޕިސްޓުންނާއި، ކައުންސިލަރުން ވެސް މާނަކޮށްފައިވެ އެވެ. ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލެއް ހަދާއިރު އެއީ އޮތް ގޮންޖެހުމެއްތޯ ދެންނެވުމުން އާތިޔާ ވިދާޅުވީ ގޮންޖެހުމެއްގެ ގޮތުގައި އެކަން ނުދެކޭ ކަމަށާއި ގާނޫނުގައި ވަކި ބަޔަކު ވަކި ގޮތަކަށް މާނަކޮށްދީފައިވާނަމަ ގާނޫނުގައިވާ ގޮތަށް ބޯޑުން މަސައްކަތް ކުރާނެ ކަމަށެވެ.
ވަކި މީހަކު ބާކީކޮށްލުމަށް ނުވަތަ ވަކި ބަޔަކަށް އެކަނި ފައިދާވާ ގޮތަކަށް ނުފޫޒެއްގެ ތެރެެއިން ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލެއް ނުހަދާނެ ކަމުގެ ޔަގީންކަން ވެސް އާތިޔާ ދެއްވި އެވެ. ޓީޗަރުންނަށް ލައިސަންސް ދޭނެ އުސޫލެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމާއި، ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށްވެސް އާތިޔާ ވިދާޅުވެފައިވެ އެވެ.