އައިލެންޑް އޭވިއޭޝަން

ފްލައިން ސްކޫލު ހިންގަން ޖޭވީ ހަދަން އެެއްބަސްވެއްޖެ

Oct 14, 2021
2

އައްޑޫގައި ފްލައިން ސްކޫލު ހިންގަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އެމްއެންޔޫން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގަން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.

މިހާދު ވިދާޅުވީ އަމާޒަކީ އަންނަ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށުން ކަމަށާއި އިސްކަން ދޭނީ ތަފާތު މައްސަަލަތަކާ ގުޅިގެން އޭޝިއަން އެކަޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށް ފުރުސަތު ދޭން ކަމަށެވެ. ފުރަތަމަ ބުރުގައި ކިޔެވުން ފަށާނީ 30 ދަރިވަރުންނާ އެކު ކަމަށްވީ ނަމަވެސް 80 ދަރިވަރުންނާ އެކު ފުރަތަމަ އަހަރުގެ ކިޔެވުން ނިންމާލުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ ފްލައިން ސްކޫލުގެ ބޭނުމަކީ ހަމައެކަނި ޕައިލެޓުންނަށް ކޯސްތަކެއް ހިންގުމުގެ ބަދަލުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށެވެ. ސަރަހައްދީ ގައުމުތަކުގެ ކުދިން ވެސް ފްލައިން ސްކޫލަށް އަންނަ ގޮތަށް ތަރައްގީކުރަން ވިސްނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްއެންޔޫގެ ފަރާތުން ޑރ. ޝަރީފް ވިދާޅުވީ ގައުމީ ޔުނިވަސިޓީގެ ހަޔާތުގައި މިއަދު އެޅުނީ މުހިއްމު ބިންގަލެއް ކަމަށެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ޝަރީފް ވެސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއާއި އެމްއެންޔޫއާ ގުޅިގެން އުފައްދާ ކުންފުނިން ހަދާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް ތަފާތު އެތައް މައްސަލަތަކެއް ދިމާވުމުން މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފަ އެވެ.

އޭއޭއޭ އައިގެ 178 ދަރިވަރުންނަށް ތަފާތު މައްސަލަތައް ކުރިމަތިވެ ކިޔެވުން މެދުކެނޑިފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 10 ވަނަ ދުވަހު ވަނީ އޭއޭއޭގެ ދަރިވަރުންނާ ބައްދަލުކުރައްވާ ޑިސެމްބަރުގައި ދަރިވަރުންގެ ކިޔެވުން ފެށޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.