ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯ ތަކުގެ ހަގީގަތް ހޯދަން ހިންގާ ތަހުގީގު ނިންމަން އަދި އިތުރު 10 ދުވަސް ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.
ފަޑިޔާރުންގެ އަޑުކަމަށް ބުނާ އޯޑިއޯ ތަކުގެ ތަހުގީގު ލަސްވަމުންދާތީ މިއަދު އިދިކޮޅުގެ އިސް ބޭފުޅުން މިއަދު ވަނީ ފުލުހުންނާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނާއިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ މިއަދު އަވަސްއަށް ވިދާޅުވީ އޯޑިއޯ އެނަލިސިސްގެ ތަހުގީގު ނުނިމޭ ކަމަށާއި އަދި އެ ތަހުގީގު ނިންމަން އަދި އިތުރު 10 ދުވަސް ބޭނުންވާކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށެވެ.
އަދުރޭ ވިދާޅުވީ އެ އޯޑިއޯތައް ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަން މިހާރު ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނި ކަމަށެވެ.
"ދެން 10 ދުވަސްވީމަ އަނެއްކާވެސް އަޅުގަނޑުމެން ދާނަން ފުލުހުންގެ އިދާރާއަށް. މައްސަލަ ވަރަށް ގާތުން ބަލާނަން،" އަދުރޭ ވިދާޅުވި އެވެ.
އޯޑިއޯތަކުގެ މައްސަލައިގައި މިދިޔަ މަހު 23 ވަނަ ދުވަހުވެސް އިދިކޮޅުގެ އިސްބޭފުޅުން ފުލުހުންގެ އިސްކަންދަރު ކޮށީގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނޭ ގޮތަށް ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ.
އޯޑިއޯ ތަކުގައި އިވެނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަނޑިޔާރުން ކަމަށްވާ ހުސައިން ފާއިޒު ރަޝާދު އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރުގެ އަޑު ކަމަށް ކޯޓުތަކުގައި ވަކާލާތު ކުރައްވާ ބައެއް ގާނޫނީ ވަކީލުންނާއި އެ ބޭފުޅުންނާއެކުގައި މަސައްކަތް ކުރެއްވި ކުރީގެ ބައެއް ފަނޑިޔާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އޯޑިއޯ ތަކުގެ ހަގީގަތް ދެނެގަތުމަށް ތިން ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުކުރުމުން އެއީ އެ ބޭފުޅުންގެ އަޑު ނޫން ކަމަށް ފަނޑިޔާރުން ޖޭއެސްސީގައި ވިދާޅުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އޯޑިއޯ ތަކުގައި ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވެފައިވަނީ އެ ބޭފުޅުން ހުކުމް ކުރެއްވީ ބިރުވެރިކަމެއްގައި ތިއްބަވައިގެން ކަމަށެވެ. ހުކުމް ކުރެއްވި އިރު ހުކުމްގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އެއް ބޭފުޅަކު ވިދާޅުވެފައިވެ އެވެ.