މާލޭ ސިޓީ ކައުންސިލް

ކައުންސިލްގެ ވަޒީފާތަަކަށް ބިދޭސީން ނުނަގަން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވީ މިއަދު ބޭއްވި ބައްދަލްވުމުގައި މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިއަދު ބޭއްވުނު ބައްދަލްވުމުގައި ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިހާރު މަސައްކަތުގައި ތިބި ބިދޭސީންގެ އަދަދު މަދު ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. މަދު ކުރާ ވަޒީފާތަކަށް ދިވެހިން ނަގާ ދިވެހި މުވައްޒިފުންގެ އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ވަޒީފާ ދޭއިރު ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވެސް ސިޓީ ކައުންސިލުން މިއަދު ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ބައެއް ވަޒީފާތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރުމަށް މުއިއްޒުގެ ކެންޕެއިންގައި ވަނީ ވައުދުވެވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ އަލުން ވަޒީފާތަކަށް މީހުން ނަގާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރެވޭނެ މަސައްކަތްތަކަށް ނަގާނީ އެފަދަ މުވައްޒިފުން ކަމަށެވެ.

ސިޓީ ކައުންސިލްގައި މިވަގުތު 250އެއްހާ ބިދޭސީން މަސައްކަތް ކުރަމުން ދެއެވެ.