ދަނގެތި

މަހްމޫދު މަރާލުން: ދެ މީހަކު ހައްޔަރުކޮށްފި

Oct 14, 2021
2

އދ. ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލަރަކު ވިދާޅުވީ މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ.

"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް އެ މީހުން ގެއްލުން ދިނީމާ އެ ރަށުން ބަޔަކު ނިކުމެ އެމީހުން ބޭރުކޮށްލީ. ދެން މާލޭގައި ދުވަސްގަނޑަކު އުޅެފައި މިރަށް އައީ. އެމީހުންގެ އުޅުން ހުންނަ ގޮތުން ރައްޔިތުން އެމީހުންނަށް ތުހުމަތުކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

މަހްމޫދަކީ މޮނަލާޒް ރެސްޓޯރަންޓްގެ ނަމުގައި ދަނގެތީގެ ހުޅަނގުފަރާތު އަތިރިމަތީގައި ކެއިންބުއިމުގެ ހިދުމަތް ދެމުންދާ މީހެކެވެ. މީގެއިތުރުން އެރަށު ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށުގެ ގޭގެއަށް ޑެލިވަރީ ކޮށްދެނީ މަހްމޫދެވެ.

ކައުންސިލަރު ވިދާޅުވީ މަހްމޫދަކީ ހިތްހެޔޮ ރަނގަޅު މީހަކަށް ވެފައި ރަށަށް މުހިއްމު ހިދުމަތްތަކެއް ކޮށްދޭ މީހަކަށް ވާތީ އެރަށުގައި މަހްމޫދާ ޒާތީ އެއްވެސް މައްސަލައެއް އޮތް މީހަކު ނުހުންނާނެ ކަމަށެވެ. އެހެންވެ މަހްމޫދުގެ މަރާ ގުޅިގެން ފުރަތަމަ ވެސް ރައްޔިތުން ޝައްކު ކުރީ އެ ރަަށަށް ގޮސްގެން އުޅޭ ދެ މީހުންނަށެވެ. ރައްޔިތުންގެ ތުހުމަތުތަކާ ގުޅިގެން އެ ދެ މީހުން މިހާރު ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

މަހްމޫދޫ ރޭ ގެއިން ނިކުތީ ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު ބެލުމަށްފަހު އަންހެނުން ކައިރީގައި ބޭރަށް ޖެހިލާފައި އަންނަނީ ކަމަށް ބުނުމަށްފަހު ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވުމުން ވަރަށް ހެނދުނު އާއިލާ އިން ކައުންސިލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފޯނަށް ގުޅިއިރު ރިންގުވާ ކަމަށާއި ފޯނު ނުނަގާ ކަމަށްވެސް ވިދާޅުވި އެވެ.

"އޭރުއްސުރެއް ކައުންސިލްގެ މުވައްޒަފުންނާއި ރައްޔިތުން ނިކުމެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރެއާއި އަދި ރަށު ތެރެވެސް ކޮންމެވެސް ވަރަކަށް ބެލި. އެކަމަކު ނުފެނުނީމާ އިރުކޮޅަކަށް މެދުކަނޑާލީ. ދެން އަލުން އަނެއްކާ ވެސް ރައްޔިތުންނަށް ގޮވައިގެން ރަށް ހަތަރު ޒޯނަށް ބަހާލާފައި ރައްޔިތުން ނިކުމެ ކޮންމެ ޒޯނެއް ވަކިވަކިން ބެލީ. އެގޮތަށް ބެލިއިރު ހުރިހާ ގެއެއް ވަޅުތައް ވެސް ބަލަން އެންގީ. ވަޅެއްގައި މަރާލާފައި އޮއްވާ ފެނުނީ،" ކައުންސިލަރު ވިދާޅުވި އެވެ.

އުމުރުން 57 އަހަރުގެ މަހްމޫދު މަރާލާފައި އޮއްވާ ފެނުނީ ދަނގެތީ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުގައި އޮއްވަ އެވެ.

ދަނގެތިން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ މަހްމޫދު އޮތް ވަޅު ހުރީ މަތި ޖަހާފައި ކަމަށެވެ. މަތި ނަގައިގެން ބެލިއިރު މަހްމޫދު ވަޅަށް ވައްޓާލާފައި އޮތީ ބޯކޮޅު ވަތަށް ވާގޮތަށް ގޯންޏަކަށް ލާފައި ކަމަށެވެ. އޭނާ އަށް އަނިޔާކޮށްފައި ކަމަށްވެސް ބުންޏެވެ.

މަހްމޫދަކީ ވިޔަފާރި ކުރާ މީހަކަށް ވާތީ އޭނާ އަކީ އަބަދުވެސް ގިނަ އަދަދަކަށް ވޮލެޓުގައި ލާރި ގެންގުޅޭ މީހެއް ކަމަށް ދަނގެތީ ބައެއް މީހުންނެވެ. އަދި ތަކެތި ޑެލވަރީ ކުރުމަށް މަހްމޫދު ދުއްވާ ބަގީ ގައިވެސް ކޮންމެވެސް ވަރަކަށް ލާރި ގެންގުޅޭ ކަމަށް އަވަސްއާ ވާހަކަ ދެއްކި މީހުން ބުނެ އެވެ. އެހެންވެ އެމީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލި މީހުން އެކަން ކުރީ އޭނާގެ އަތުން ފައިސާކޮޅު ފޭރިގެންފައި އެކަން ސިއްރުކުރާށެވެ.

ހަތަރު ކުދިންގެ ބައްޕަ އަދި ކާފަ ކުދިން ވެސް ލިބިފައިވާ މަހްމޫދުގެ މަރާ ގުޅިގެން ދަނގެތީ ރައްޔިތުންނަށް ބިރުވެރިކަމުގެ އިހްސާސް ކުރެވިފައިވާ ކަމަށް އެރަށު ބައެއް ކައުންސިލަރުން ވިދާޅުވެ އެވެ.

ދަނގެތީގައި މީހަކު މަރާލާފައިވާ ކަން ފުލުހުން ވެސް ޔަގީންކޮށްދެ އެެވެ. ދަނގެތީގައި ތިން ފުލުހުން ތިބޭއިރު އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބެލުމަށް އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ޓީމެއް ވެސް މިހާރު ވަނީ ދަގެއްޗަށް ގޮސްފަ އެވެ.