މޯލްޑިވްސް ޕޮލިސް ސާވިސް

ގެނބެމުން ދިޔަ ފަތުރުވެރިޔަކު ސަލާމަތްކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ

މޫދަށް އެރިގެން އުޅުނު ފަތުރުވެރިޔަކު ގެނބެމުން ދަނިކޮށް އޭނާ ސަލާމަތް ކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 39 އަހަރުގެ މީހެކެވެ.

މިހާދިސާ ހިނގީ މިއަދު މެންދުރުކުރީގެ ވަގުތެއްގައި އދ. އަތޮޅުގައި ހިންގާ ސަންޓާރާ ރިސޯޓު ގައެވެ.

ފުލުހުން ބުނީ ސަންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން އެ މީހާ ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:05 ހާއިރު ކަމަށެވެ.

އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް އދ. ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.