އދ. ދަނގެތީގައި މީހަކު މަރާލި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން މިހެން ބުނެފައިވަނީ ދަނގެތީގެ މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ރަށުގެ ކައުންސިލާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނިކޮށެވެ. ފުލުހުން ބުނީ ދަނގެތީގައި މީހަކު މަރާލާ ގޯންޏަކަށްލާ ވަޅަކަށް އެއްލާލާފައި އޮތް މައްސަލައިގެ ތަހުގީގު ހިންގަމުންދާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ވަޅުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރާލާފައި އޮއްވާ ފެނިފައިވަނީ އެ ރަށުގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. މަހުމޫދު މަރާލުމަށް ފަހު ގޯންޏަކަށްލުމަށް ފަހު އެއްލާލާފައިވަނީ ވަޅެއްގެ ތެރެއަށެވެ. އުމުރުން 57 އަހަރުގެ ވިޔަފާރިވެރިޔާ ރެއިން ފެށިގެން ގެއްލިގެން ދިޔައީ ހޯދަމުންނެވެ.
ފުލުހުން ބުނީ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލަރަކު ވިދާޅުވީ މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ. އަދި ރައްޔިތުންގެ ތުހުމަތުތަކާ ގުޅިގެން އެ ދެ މީހުން މިހާރު ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް އެ މީހުން ގެއްލުން ދިނީމާ އެ ރަށުން ބަޔަކު ނިކުމެ އެމީހުން ބޭރުކޮށްލީ. ދެން މާލޭގައި ދުވަސްގަނޑަކު އުޅެފައި މިރަށް އައީ. އެމީހުންގެ އުޅުން ހުންނަ ގޮތުން ރައްޔިތުން އެމީހުންނަށް ތުހުމަތުކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.