ދަނގެތި

މަހުމޫދުގެ ޖަނާޒާ ބާއްވައިފި

މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފި އެވެ.

މަހްމޫދުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ. މަހުމޫދުގެ ހަށިގަނޑު ވަޅުލުމުގެ ކުރީން ވަނީ މޫނު ދެއްކުން ކުރިއަށް ގެންގޮސްފައެވެ.

މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ. އެއީ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކެއް ކުރުމަށް ސާމްޕަލް ނެގުމަށެވެ. އަދި ހަށިގަނޑު ވަގުތުން ވަނީ ރަށަށް ފޮނުވާފައެވެ. އެކަން އެ ގޮތަށް ކޮށްފައިވަނީ އާއިލާއިން އެކަމަށް އެދޭތީއެވެ.

މަހުމޫދުގެ ހަށިގަނޑު މާލެ ގެންނަން މަސައްކަތް ފެށުމުން އާއިލާއިން ފުރަތަމަ އެކަމަށް އިންކާރު ކުރީ މަހުމޫދުގެ ހަށިގަނޑު ވަޅުނުލެވި ގިނަ އިރުތަކެއް ފާއިތުވެދާތީ އެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް ލަސްވެއްޖެ. މިއީ ކެތްކުރަން ދަތި ހިތާމައެއް ނަމަވެސް އަޅުގަނޑުމެންގެ މައްޗަށް އޮތީ ހަށިގަނޑު ވީހާވެސް އަވަހަށް ވަޅުލުން. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ހަށިގަނޑު މާލެ ފޮނުވާން އެއްބަސްވީވެސް،" މާލޭގައި ހުރި އެ އާއިލާގެ މެންބަރަކު ބުންޏެވެ.

ފުލުހުން ބުނީ މަހްމޫދުގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

މަހްމޫދުގެ މަރާ ގުޅިގެން ތިން މީހަކު ފުލުހުންގެ ހިމާޔަތުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކީ އެ މަރުގެ ފަހަތުގައިވާ މީހުން ކަމަަށް ދަނގެތީ މީހުން ދެކެއެވެ. ދެން ހުރީ އެ ދެ މީހުންނާއެކު އުޅޭ އަންހެނެކެވެ.

އެ ތިން މީހުން ދަނގެތީ ޕޮލިސް ޝްޓޭޝަންގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ މަހިބަދޫއަށް ގެންގޮސްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދެއްކިއެވެ.

ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.