މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ މަހްމޫދުގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
މަހްމޫދުގެ މަރާ ގުޅިގެން ތިން މީހަކު ފުލުހުންގެ ހިމާޔަތުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކީ އެ މަރުގެ ފަހަތުގައިވާ މީހުން ކަމަަށް ދަނގެތީ މީހުން ދެކެއެވެ. ދެން ހުރީ އެ ދެ މީހުންނާއެކު އުޅޭ އަންހެނެކެވެ.
އެ ތިން މީހުން ދަނގެތީ ޕޮލިސް ޝްޓޭޝަންގައި ތިބިއިރު އެކަމާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދެއްކިއެވެ.
މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ. މާލެ ގެނައީ ތަހުގީގަށް ޓެސްޓްތަކެއް ކުރުމަށެވެ. މަހުމޫދުގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި ދަނގެތިން ފުރުވާލީ އިރުއެރުމާއި ދާދި ގާތްވެފައިވަނިކޮށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ އިތުރު ތަހުލީލުތަކަކަަށް މަހުމޫދުގެ ހަަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.
މަހުމޫދުގެ އާއިލާގެ މީހަކު ބުނީ ޓެސްޓްތަކަށް ސާމްޕަލް ނެގުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ދަނގެއްޗަށް ގެންނާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.