ދަނގެތި

"މި ރަށު މީހަކު މިވަރު ކަމެެއް ނުކުރާނެ"

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ހަބަރެއް ނުވެގެން އާއިލާއިން އެކަމުގެ ކަންބޮޑުވުން ކައުންސިލާ ހިއްސާ ކުރީ މިއަދު ހެނދުނެވެ. އެ ރަަށުގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަހްމޫދަކީ މުޅި ދުވަހު ވިޔަފާރީގެ މަސައްކަތުގައި ޝާމިލުވެ އުޅޭ މީހެއް ކަމުން ބުދަ ދުވަހުގެ ރޭ ގެއިން ނިކުތް ފަހުން ހަބަރެއް ވޭތޯ އާއިލާއިން ބުރާސްފަތި ދުވަހުގެ ހެނދުނާއި ހަމައަށް މަޑުކުރީއެވެ. ނަމަވެސް ދިހައެއް ޖެހިއިރުވެސް ހަބަރެއް ނުވުމުން ކައުންސިލަށް އަންގާ ރަށުގެ ރައްޔިތުން ނިކުމެ މަހުމޫދު ހޯދަން ފެށީއެވެ. އޭގެ އެތައް އިރެއް ފަހުން މަހުމޫދު ފެނުނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައެވެ. އޭރު މަހުމޫދަށް އޮތީ ބޮޑެތި ޒަހަމުތަކެއް ދިނުމަށް ފަހު އަތާއި ފައި ގޯންޏަކުން ބަދެ ގޯނީގެ ތެރެއަށްލާފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ދަނގެތީގައި ބަޔަކު ހިންގި އެންމެ ރަހުމު ކުޑަ ޖަރީމާއެވެ. މިއީ އެ ރަށުގެ އަމާން މާހައުލުގައި ދުވަހަކުވެސް ހިނގާފާނެ ކަމަށް ރަށުގެ އެއްވެސް މީހަކަށް ހިޔާލަށްވެސް ގެނެވިފައިވާ ކަމެއް ނޫނެވެ.

އަމުދުން މަހުމޫދު ފަދަ ރައްޔިތުންނާއި ގުޅޭ އެކުވެރި މީހަކަށް މިފަދަ އަނިޔާއެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތީއެވެ.

"މި ރަށު މީހަކު މިވަރު ކަމެއް ނުކުރާނެ. އަމުދުން މަހުމޫދާމެދު މިވަރުގެ އަނިޔާއެއް ދޭކަށް ނުކެރޭނެ،" ރަށުގެ އެތައް ބައެއްގެ ވާހަކައަކީ މިއީއެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު ތޫނު އެއްޗަކުން އެތައް ފަހަރަކު ހަމަލާދީފައި ހުއްޓެވެ. ބައެއް ޒަހަމުތައް ވަރަށް ފުނެވެ.

"ކަރަށް މެއަށް ހުރީ ވަޅި ޖަހާފައި. ވަރަށް ބޮޑެތި އަނިޔާ ދީފައި ވަނީ،"

އެ ރަށުގެ އެންމެންވެސް އިއްތިފާގުވާ ގޮތުގައި މިއީ އެ ރަށުގެ މީހަކު ނުވަތަ ބަޔަކު ކުރި ކަމެއް ނޫނެވެ. މިއީ އެ ރަށަށް އަރައި އުޅުނު ބަޔަކު ހިންގި ޖަރީމާއެކެވެ. ތުހުމަތުވާ ދެ މީހަކު ރައްޔިތުން ވަނީ ފުލުހާވެސް ހަވާލުކޮށްފައެވެ. އެ މީހުން ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގައި ނަަމަވެސް އެ މީހުން އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

މައްސަލަ ބަލަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދަނގެތީގައި ހަރަކާތްތެރިވަމުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސް އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލަރަކު ވިދާޅުވީ މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ.

"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް އެ މީހުން ގެއްލުން ދިނީމާ އެ ރަށުން ބަޔަކު ނިކުމެ އެމީހުން ބޭރުކޮށްލީ. ދެން މާލޭގައި ދުވަސްގަނޑަކު އުޅެފައި މިރަށް އައީ. އެމީހުންގެ އުޅުން ހުންނަ ގޮތުން ރައްޔިތުން އެމީހުންނަށް ތުހުމަތުކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

މަހްމޫދަކީ މޮނަލާޒް ރެސްޓޯރަންޓްގެ ނަމުގައި ދަނގެތީގެ ހުޅަނގުފަރާތު އަތިރިމަތީގައި ކެއިންބުއިމުގެ ހިދުމަތް ދެމުންދާ މީހެކެވެ. މީގެއިތުރުން އެރަށު ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށުގެ ގޭގެއަށް ޑެލިވަރީ ކޮށްދެނީ މަހްމޫދެވެ.

ކައުންސިލަރު ވިދާޅުވީ މަހްމޫދަކީ ހިތްހެޔޮ ރަނގަޅު މީހަކަށް ވެފައި ރަށަށް މުހިއްމު ހިދުމަތްތަކެއް ކޮށްދޭ މީހަކަށް ވާތީ އެރަށުގައި މަހްމޫދާ ޒާތީ އެއްވެސް މައްސަލައެއް އޮތް މީހަކު ނުހުންނާނެ ކަމަށެވެ.

އުމުރުން 57 އަހަރުގެ މަހްމޫދު މަރާލާފައި އޮއްވާ ފެނުނީ ދަނގެތީ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއިންނެވެ.

މަހްމޫދަކީ ވިޔަފާރި ކުރާ މީހަކަށް ވާތީ އޭނާ އަކީ އަބަދުވެސް ގިނަ އަދަދަކަށް ވޮލެޓުގައި ލާރި ގެންގުޅޭ މީހެއް ކަމަށް ދަނގެތީ ބައެއް މީހުންނެވެ. އަދި ތަކެތި ޑެލވަރީ ކުރުމަށް މަހްމޫދު ދުއްވާ ބަގީ ގައިވެސް ކޮންމެވެސް ވަރަކަށް ލާރި ގެންގުޅޭ ކަމަށް އަވަސްއާ ވާހަކަ ދެއްކި މީހުން ބުނެ އެވެ. އެހެންވެ އެމީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލި މީހުން އެކަން ކުރީ އޭނާގެ އަތުން ފައިސާކޮޅު ފޭރިގެންފައި އެކަން ސިއްރުކުރާށެވެ.

ހަތަރު ކުދިންގެ ބައްޕަ އަދި ކާފަ ކުދިން ވެސް ލިބިފައިވާ މަހްމޫދުގެ މަރާ ގުޅިގެން ދަނގެތީ އޮތީ ބިރުވެރި ކަމުގައި ހުއްޓިފައެވެ.