މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބެލުމުގެ ދަށަށް އަންހެނަކު ގެންގޮސްފި

Oct 15, 2021

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ރަށުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެ ރަށުގައި ހުރި ތޮއްޑޫ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް -- ހިމާޔަތަށް -- ގެންގޮސްފި އެވެ.

ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ މިއަދު ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

ދަނގެތީ ކައުންސިލަރަކު ވިދާޅުވީ މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ. އެ މީހުންވެސް ތިބީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެެވެ. އަދި އެ ދެ މީހުންނާ ގުޅުންހުރި އަންހެނަކުވެސް ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހުން ހައްޔަރު ނުކުރާ ކަމަށް ފުުލުހުން ބުންޏެވެ. ހިމާޔަތް ދެނީތޯ ކުރެވޭ ސުވާލަށްވެސް ޖަވާބެއް ނުދެއެވެ.

"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް އެ މީހުން ގެއްލުން ދިނީމާ އެ ރަށުން ބަޔަކު ނިކުމެ އެމީހުން ބޭރުކޮށްލީ. ދެން މާލޭގައި ދުވަސްގަނޑަކު އުޅެފައި މިރަށް އައީ. އެމީހުންގެ އުޅުން ހުންނަ ގޮތުން ރައްޔިތުން އެމީހުންނަށް ތުހުމަތުކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

މަހްމޫދަކީ ވިޔަފާރި ކުރާ މީހަކަށް ވާތީ އޭނާ އަކީ އަބަދުވެސް ގިނަ އަދަދަކަށް ވޮލެޓުގައި ލާރި ގެންގުޅޭ މީހެއް ކަމަށް ދަނގެތީ ބައެއް މީހުންނެވެ. އަދި ތަކެތި ޑެލވަރީ ކުރުމަށް މަހްމޫދު ދުއްވާ ބަގީ ގައިވެސް ކޮންމެވެސް ވަރަކަށް ލާރި ގެންގުޅޭ ކަމަށް އަވަސްއާ ވާހަކަ ދެއްކި މީހުން ބުނެ އެވެ. އެހެންވެ އެމީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލި މީހުން އެކަން ކުރީ އޭނާގެ އަތުން ފައިސާކޮޅު ފޭރިގެންފައި އެކަން ސިއްރުކުރާށެވެ.

ހަތަރު ކުދިންގެ ބައްޕަ އަދި ކާފަ ކުދިން ވެސް ލިބިފައިވާ މަހްމޫދުގެ މަރާ ގުޅިގެން ދަނގެތީ އޮތީ ބިރުވެރި ކަމުގައި ހުއްޓިފައެވެ.