މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
މަހުމޫދުގެ ހަށިގަނޑު މާލެ ގެނައީ ތަހުގީގަށް ޓެސްޓްތަކެއް ކުރުމަށެވެ. މަހުމޫދުގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި ދަނގެތިން ފުރުވާލީ އިރުއެރުމާއި ދާދި ގާތްވެފައިވަނިކޮށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ އިތުރު ތަހުލީލުތަކަކަަށް މަހުމޫދުގެ ހަަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.
މަހުމޫދުގެ އާއިލާގެ މީހަކު ބުނީ ޓެސްޓްތަކަށް ސާމްޕަލް ނެގުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ދަނގެއްޗަށް ގެންނާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.
ދަނގެތީ ކައުންސިލަރަކު ވިދާޅުވީ މަހްމޫދުގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުން ތުހުމަތު ކުރަނީ އެ ރަށަށް ގޮސްގެން އުޅޭ އއ. ތޮއްޑޫ ދެ މީހަކަށް ކަމަށެވެ. އެ މީހުންވެސް ތިބީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެެވެ. އަދި އެ ދެ މީހުންނާ ގުޅުންހުރި އަންހެނަކުވެސް ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހުން ހައްޔަރު ނުކުރާ ކަމަށް ފުުލުހުން ބުންޏެވެ. ހިމާޔަތް ދެނީތޯ ކުރެވޭ ސުވާލަށްވެސް ޖަވާބެއް ނުދެއެވެ.
"އެ ތަނުން އެކަކުގެ ބައްޕަ އަކީ މިރަށު މީހެއް. އެކަމަކު އެމީހާ މަރުވެއްޖެ. މީގެ ދުވަސްތަކެއް ކުރިން ތޮއްޑޫގެ ފަޅޯ ދަނޑުތަކަށާއި ކެފޭ އަކަށް އެ މީހުން ގެއްލުން ދިނީމާ އެ ރަށުން ބަޔަކު ނިކުމެ އެމީހުން ބޭރުކޮށްލީ. ދެން މާލޭގައި ދުވަސްގަނޑަކު އުޅެފައި މިރަށް އައީ. އެމީހުންގެ އުޅުން ހުންނަ ގޮތުން ރައްޔިތުން އެމީހުންނަށް ތުހުމަތުކުރަނީ،" ކައުންސިލަރު ވިދާޅުވި އެވެ.
މަހްމޫދަކީ ވިޔަފާރި ކުރާ މީހަކަށް ވާތީ އޭނާ އަކީ އަބަދުވެސް ގިނަ އަދަދަކަށް ވޮލެޓުގައި ލާރި ގެންގުޅޭ މީހެއް ކަމަށް ދަނގެތީ ބައެއް މީހުންނެވެ. އަދި ތަކެތި ޑެލވަރީ ކުރުމަށް މަހްމޫދު ދުއްވާ ބަގީ ގައިވެސް ކޮންމެވެސް ވަރަކަށް ލާރި ގެންގުޅޭ ކަމަށް އަވަސްއާ ވާހަކަ ދެއްކި މީހުން ބުނެ އެވެ. އެހެންވެ އެމީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލި މީހުން އެކަން ކުރީ އޭނާގެ އަތުން ފައިސާކޮޅު ފޭރިގެންފައި އެކަން ސިއްރުކުރާށެވެ.
ހަތަރު ކުދިންގެ ބައްޕަ އަދި ކާފަ ކުދިން ވެސް ލިބިފައިވާ މަހްމޫދުގެ މަރާ ގުޅިގެން ދަނގެތީ އޮތީ ބިރުވެރި ކަމުގައި ހުއްޓިފައެވެ.