ޗައިނާއިން ރާއްޖޭގައި ހުންނަވާ ސަފީރު ވަންގް ފޫ ކަންގް އާއި އިންޑިއާއިން ރާއްޖޭގައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްއާ ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވައިފި އެވެ.
ޗައިނާ ސަފީރާ އެކު މިއަދު ހެނދުނު މިނިސްޓަރު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އިން ބުނީ، ދެގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާޖޭވް ޝަހާރޭއާ ޑީފެންސް މިނިސްޓަރު ބައްދަލު ކުރެއްވީ އިއްޔެ އެވެ. މި ބައްދަލުވުމުގައި ދެ ގައުމު ދެމެދު އޮތް ޒަމާންވީ ގުޅުންތަކުގެ މައްޗަށް ވާހަކަދެއްކެވި ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރަށް ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރި ކަމަށް ސިފައިން ބުންޏެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުން ތަކުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުހައިރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުލް މަތީން އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.