ގާސިމް އިބްރާހިމް

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަނީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ. އެކަން އިއުލާނުކޮށްފައިވަނީ ގާސިމްގެ އަމިއްލަފުޅު ޓީވީ، ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގައި މަޝްހޫރު ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

އިސްމާއީލް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. އަދި ގާސިމްގެ ހަޔާތްޕުޅާ ގުޅޭ ފިލްމުގެ މަަސައްކަތް ކުރިއަށް ގެންގޮސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް އާންމުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅަކީ އިބްރަތުން ފުރިފައިވި ދިރިއުޅުމެއް ކަމަށާ އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. ގާސިމްގެ ހިދުމަތަކީ ދައުލަތުގެ ވެރިންނާއި މުޅި ދިވެހި ރައްޔިތުންވެސް ހެކިވާނެ ހިދުމަތެއް ކަމުން އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތަކެއް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިޔަފާރީގައި ކާމިޔާބު ހޯއްދަވާ މިހާރު ހުންނެވި ހިސާބަށް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށް ވާތީ އެކަންކަން ފިލްމުގައި ވަރަށް ރަނގަޅަށް ގެނެސްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން. އަދި ހަދާނީވެސް އާދައިގެ ގޮތަކަށް ނޫން. އިންޓަނޭޝަނަލް ފެންވަރުގައި ހަދާނީ އިރާދަކުރެއްވިއްޔާ،" އިއްސެ ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ ފިލްމާ ގުޅޭ މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.