ކުޅިވަރު

އަނިޔާގައި ހުއްޓަސް އިމްރާން ގައުމީ ސްކޮޑަށް

އަނިޔާގައި ހުރި ނަމަވެސް މިހާރު ފިޓްވަމުން އަންނާތީވެ ގޯލްކީޕަރު އިމްރާނު މުހައްމަދު ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް 30 ކުޅުންތެރިންގެ ސްކޮޑުގައި ފާއިތުވެދިޔަ 16 އަހަރު ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރި ތަޖުރިބާކާރު ކީޕަރު ހިމަނަން ނިންމީ މުބާރާތުގައި އިމްރާނަށް ކުޅެވިދާނެ ކަމަށް ލަފާކޮށްފަ އެވެ.

އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި މުބާރާތަށް ތައްޔާރުވާން އަންނަ ހަފުތާގައި ކުވޭތަށް ފުރަން ތައްޔާރުވާ ގައުމީ ސްކޮޑާއެކު ކީޕަރު އިމްރާން ގެންދާނެ އެވެ.

ފާއިތުވެދިޔަ ތިން އަހަރު ނިއުރޭޑިއަންޓަށް ކުޅުމަށްފަހު މި އަހަރު މާޒިޔާ އަށް ބަދަލުވި އިމްރާނަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ޖޫން މަހު ހޮންކޮންއާ ދެކޮޅަށް ކުޅެނިކޮށެވެ. އޭގެ ފަހުން އޭނާ މެޗެއް ކުޅެފައިނުވާއިރު މިހާރު ދަނީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި 30 ކުޅުންތެރިން ހިމަނަން ފުރުސަތު ދީފައިވާއިރު މުބާރާތަށްދާ ޓީމުގައި ޖެހޭނީ 23 ކުޅުންތެރިންނެވެ. އެއީ ތިން ކީޕަރުންނާއެކުގަ އެވެ.

މި މަހުގެ 23 އިން އަންނަ ޖެނުއަރީ މަހުގެ ދޭކަށް އިންޑިޔާގެ ޓްރިވެންޑްރަމްގައި ބާއްވާ މުބާރާތުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ސްރީލަންކާ އަދި ނޭޕާލެވެ. މި ގްރޫޕުގައި ތިން ޓީމު ވާދަކުރަން ޖެހުނީ ޕާކިސްތާން މުބާރާތުން ވަކިވުމުންނެވެ. މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.