އިނގިރޭސިވިލާތް

ވަޅިން ހަމަލާދީ ޔޫކޭގެ މަޖިލީސް މެންބަރަކު އަވަހާރަކޮށްލައިފި

ވަޅިން ހަމަލާދީ ޔޫކޭގެ މަޖިލީސް މެންބަރަކު އަވަހާރަކޮށްލައިފި އެވެ.

އަވަހާރަކޮށްލާފައިވަނީ ސަރުކާރު ހިންގާ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ޑޭވިޑް އޭމެސްއެވެ. އޭމެސްގެ ހަށިކޮޅަށް އެތައް ފަހަރެއްގެ މަތިން ވަޅިން ހަމަލާދިނުމުން ފުން ޒަހަމުތަކެެއް ލިބިވަޑައިގެންފައިވެއެވެ.

އިނގިރޭސި ފުލުހުން ބުނީ އެ ހަމަލާގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ އަތުން ވަޅިއެއް ފެނިފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ފުޅާކޮށްފައިވާއިރު ތަހުގީގަށް އިތުރު ބަޔަކު ހޯދަމުން ނުދާ ކަމަށްވެސް ބުނެފައިވެއެވެ.

މެންބަރު އޭމެސްގެ ހަށިކޮޅަށް ވަޅިން ހަމަލާދީފައިވަނީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންނާއެކު އޮތް ހާއްސަ ބައްދަލްވުމެއްގައި ހުންނަވަނިކޮށެވެ.

ހަމަލާދިން ގޮތާއި ގުޅޭ މާބޮޑު ތަފްސީލެއް އިނގިރޭސި މީޑިއާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ގައުމުގައި މިފަދަ ނުރައްކާތެރި ބިރުވެރި ހާދިސާއެއް ހިނގުމާއި ގުޅިގެން ގިނަ ބަޔަކަށް ސިހުން ލިބިފަައިވާއިރު އޭމެސްގެ މަރާއި ގުޅިގެން ގައުމުތަކުގެ އިސްވެރިން ގެންދަވަނީ ހިތާމަފާޅު ކޮށް ތައުޒިޔާ ފޮނުވަމުންނެވެ.