215 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރު މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިންނެވެ.
ސީޕީ ވިދާޅުވި ގޮތުގައި ބުދަ ދުވަހު ފެށިގެން ފުލުހުން ގެންދިޔައީ އެ އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކު އަދި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނަށް ދިވެހި ސިފައިންނާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން އެހީތެރިވެދިން ކަމަށްވެސް ވިދާޅުވިއެވެ.
215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި މިވަނީ އިއްޔެގެ ވަގުތެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނިކޮށެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ އުމުރުން 19 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންނެވެ. މީގެތެރޭގައި ދެ ބިދޭސީން ވެސް ހިމެނެ އެވެ.
ފުލުހުން މިއަދު ބުނީ 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި ދެ މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަވަސް އަށް އެނގިފައިވާ ދޫކޮށްލި ދެ ދިވެހިންނަކީ 100 ކިލޯގެ ޑްރަގު މައްސަލާގައި އެންމެ އިސްކޮށް އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖެހި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެެވެ.
މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބައެއް ފަޅުރަށްތަކާއި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައި ފާސްކޮށްފަ އެވެ. މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެެވެ.
ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެއްޗާއި އަދި އައްޑޫން ވެސް ހަމަ އެ މަހުގެ ތެރޭގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.