ހައިކޯޓް

ދައުލަތަށް ދޫކުރި ބިމެއް ވިއްކުން ހައިކޯޓުން ހުއްޓުވައިފި

Oct 15, 2021
1

ސަރުކާރުން ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން މ. އަފްސާނާ ގޯތީގެ ބައެއް ދައުލަތަށް ދޫކޮށްލާފައި ވަނިކޮށް އެއްވެސް ފަރާތަކަށް އެ ބިން ނުވިއްކަން ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެެވެ.

ހައިކޯޓުން މިފަދަ އަމުރެއް އިއްޔެ ނެރެފައިވަނީ ދައުލަތަށް ދޫކޮށްލި ބިމަކީ އޭރު އެ ބިމުގެ ވެރިފަރާތް ކަމުގައިވާ ރާބިއާ އަހްމަދުގެ އަތުން މ. އީސްޓްކޯނާރ، މޫސާ ނައީމް ގަނެފައިވާ ބިމެއް ކަމަށް ބުނެ އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ނިންމާ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން މޫސަގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.

މައްސަލަ ޖެހިފައިވާ ބިމަކީ 219.4 އަކަފޫޓްގެ ބިމެކެވެ. މައްސަލާގައި ބުނެފައިވާ ގޮތުގައި އެ ބިމުގައި ހުރި އިމާރާތްތަކާއި، ބިން އަމިއްލަ ކުރުމަށްފަހު މޫސާ ނައީމަށް ވިއްކުމަށް ރާބިއާ ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ތިންލައްކަ ރުފިޔާ އާފިއާ ވަނީ މޫސަ އަތުން ނަގާފަ އެވެ. އަދި އެ މުއާމަލާތާ ގުޅިގެން ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ 39،926 ރުފިޔާ ވެސް ދައްކާފައިވާ ކަމަށް ދައުވާގައިވެ އެވެ.

މޫސާ ނައީމު އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ބިމާ މެދު އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެ އެވެ.

އެގޮތުން ނެރުނު އަމުރުގައި ބުނެފަވަނީ މައްސަލަ ނިންމާއިރު ސިވިލް ކޯޓުގައި އެ މައްސަލަ އަލުން ބަލަންޖެހިދާނެ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ ގޭގެ އެއްވެސް މުއާމަލާތެއް ނުހިންގަން އަމުރުކޮށްފައި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމު ހިންގީ މާލެ އިން ލިބިފައިވާ ބިންކޮޅެއް ދައުލަތަށް ދޫކޮށްލުމުން ބަދަލުގައި އެއަށްވުރެ ބޮޑު ބިމެއް ދޭގޮތަށެވެ.