މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާ ކުރިމަތިލުމަށް ހުޅުވާލިއިރު މާލެ ރައްޔިތުން މާނަކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހޭތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.
މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވީ މަޝްހޫރު އެސްޖޭ ކުންފުނީގެ އިސްވެރިޔެއް ކަމަށްވާ އަދި ގާނޫނީ ވަކީލް ޝިހާދު އިބްރާހިމް އެވެ.
މާލޭ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުގައި "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވާ އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށް ކަމަށް މާނަކޮށްފައިވެ އެވެ.
ޝިހާދު ވިދާޅުވީ އުސޫލުގައި މާނަކޮށްފައިވާ ގޮތަށް މާލޭ ރައްޔިތުން މާނަ ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ. އެހެންކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތައް ހަނި ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި ެވެ..
"މިމާއްދާ ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމައިފިން." ޝިހާދު ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހަދާ 4،000 ފްލެޓަށާއި 3،000 ގޯއްޗަށް ކުރިމަތިލުމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ ހުޅުވާލާފަ އެވެ.
ފްލެޓާއި ގޯތިތަކަށް ކުރިމަތިލެވެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ. އަދި މާލޭގެ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓްގެ ބިންކޮޅެއް ނެތް އަދި ވާރުތަވާނެ ބިމެއް ވެސް ނެތް ކޮންމެ މީހަކަށް ގޯތިތަކަށް ކުރިމަތިލެވެ އެވެ.
މި ސްކީމްގެ ދަށުން ގޯތިތަކަށް ކުރިމަތިލާ މީހުންނަށް ހަ ކެޓަގަރީއެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ވަކި ފަރުދަކަށްވެސް ގޯއްޗަށް ހުށައެޅިދާނެ އެވެ. ނޫނީ އާއިލާގެ ވަކި ބަޔަކު އެކު ވެެގެންވެސް ގޯއްޗަށް އެދެވިދާނެ އެވެ. ނޫން ނަމަ މުޅި އާއިލާ އެކުގައިވެސް ހުށައެޅިދާނެ އެވެ. އިސްކަން ދޭނެ ތަރުތީބަކީ މުޅި އާއިލާ އެކުގައި ހުށައަޅާނަމަ އެ ބަޔަކަށެވެ.