ވާހަކަ

ވީމޭ ކަލާޔާނުލާ

(12 އޮކްޓޫބަރ 2021އާ ގުޅޭ)

ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު ޒަކްވާން ބަލައިލީ ލޯގަނޑުން އޭނާގެ އަމިއްލަ ނަފުސަށެވެ. މީހާގެ ސިފައަށެވެ. ލިވިޔާގެ ހިތުން ޖާގައެއް ނުލިބެން އޭނާގެ އުނި ވަނީ ކޮން ކަމެއް ހެއްޔޭ އަސަރާ އެކުގައި އަހައިލެވުނީ އަމިއްލަ ހިތާ މުޙާތަބުކޮށްފައެވެ. ކޮންމެ ގޮތެއް ވިޔަސް ޒަކްވާންގެ ހިތުގައި އެތައް ދުވަސްތަކެއް ކުރިން ލިވިޔާއަށް ޓަކައި ކެކި އުތުރެން ފެށި ލޯބި އަދިވެސް އެގޮތުގައި، ބަދަލެއް ނެތި އެބައޮތެވެ. ލޯތްބަކީ ކިހާ ބާރުގަދަ ހަތިޔާރެއްކަން ޒަކްވާނަށް އިޙްސާސްވީ، އަދި އިޙްސާސް ވަމުން ދިޔައީ ވެސް ލިވިޔާގެ ސަބަބުންނެވެ. އެއީ ލިވިޔާގެ ލޯބީގައި ޒަކްވާނަށް ނުލިބޭ އަނިޔާއެއް ވޭނެއް ނެތީމައެވެ. އެ ހަތިޔާރުން އޭނާގެ ހިތަށް އެތައް ޒަޚަމް ތަކެއް ލިބިފައި ވާތީއެވެ. އެކަން އެހެން އޮތް ނަމަވެސް ޒަކްވާންގެ ހިތުގެ ފަރުވާ އަކީ ވެސް ހަމަ ލިވިޔާއެވެ. ލިވިޔާ ފެންނަ ހިސާބުގައި، ލިވިޔާގެ އަަރިހުގައި ހުންނަން މި ލިބޭ ފުރުޞަތަކީ ވެސް ނުހަނު އަގުބޮޑު ނިޢުމަތެއް ކަމުގައި ޒަކްވާން ޤަބޫލު ކުރެއެވެ.

ކުއްލިއަކަށް ހުރެފައި ޒަކްވާން ސިއްސައިގެން ދިޔައީ ފާޚާނާގެ ދޮރުގައި ޓަކި ޖަހަން ފެށުމާ އެކުގައެވެ. ވަރަށް އަވަސްކޮށްލައިގެން ޒަކްވާން ފާޚާނާއިން ނުކުތެވެ. އަދި ލިވިޔާއަށް ބަލައިލަމުން ގަދަކަމުން ހިނިތުންވެލީ ހިތުން ރޮވޭ ޙާލުގައެވެ.

"އަހަރެން ހީކުރީ ތަށިމުށި ޖަހަން ފެށީ ކަމަށް." ޒަކްވާން ފާޚާނާގައި ލަސްވުމުން ލިވިޔާ ކޮށްލީ ސަމާސާއެކެވެ. ޒަކްވާން ހިނިތުންވެގެން ހުރެ ބޯ ހުރައިލީ ނޫނެކޭ ބުނަމުންނެވެ. ޒަކްވާންގެ މޫނުމަތިން އައި ބަދަލު ލިވިޔާއަކަށް ފާހަގަ އެއް ނުވިއެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރުގައި ޒަކްވާން ކުރިން ދައްކާފައިވާ ވާހަކަތަކަށް ލިވިޔާ މާ ބޮޑަށް އިތުބާރު ކޮށްގެން ހުރީ ކަމަށް ވެސް ވެދާނެއެވެ. ލިވިޔާގެ ހިތުގައި ޒަކްވާނަށް އޮތީ އެހެން ކަހަލަ ގުޅުމެކެވެ. އެއްވެސް ވަރަކަށް ލޯބީގެ ކަމެއް ލިވިޔާގެ ހިތުގައި ޒަކްވާނަކަށް ނެތެވެ. ޤަބޫލު ކުރަން ދަތި ވިޔަސް، އަދިވެސް ލިވިޔާ ލޯބި ވަނީ ޝަހުރު ދެކެއެވެ. ހަމައެކަނި ޝަހުރު ދެކެއެވެ. ނަމަވެސް އެ ލޯތްބަކީ މިހާރު ލިވިޔާއަށް މަރުވެފައިވާ ލޯތްބެކެވެ. އެލޯބި ދެން ނުދިރޭނެކަން އެނގޭ ޙާލުގައި ވެސް އެތައް ރެއެއްގެ ނިދި ނަގާލައިގެން ޝަހުރުގެ ފޮޓޯގަނޑަށް ބަލަނީ ކޮންމެވެސް ކަމެއް ވީމަތާއެވެ. ހިތުގައި ނިކަން ގަދަ ލޯތްބެއް އަދިވެސް އޮތީމަތާއެވެ.

****

އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ޔޫހާއަށް ދިޔައީ އަވަސް ފަރުވާ ދެމުންނެވެ. ޔޫހާއާ އެކުގައި އިންޑިއާއަށް ދިޔައީ ޝަހުރާއި ޔޫހާާގެ ބައްޕަ ޔާސިރެވެ. ހުސްނާގެ ޙާލަތު ރަނގަޅު ނުވުމުން މަންސޫރު މަޑުކުރީ ހުސްނާގެ ގާތުގައި މާލޭގައެވެ. ރާދާ މަޑުކުރީ ޔާސިރުގެ އެދުމަށެވެ.

"އަދިވެސް ހޭނާރާ.. ރިޕޯޓުގެ ނަތީޖާތައް މިއަދުގެ ވަގުތެއްގަ ލިބޭނެ.." އިންޑިއާގައި ޔޫހާގެ ކަންކަމާ ހަވާލުވެގެން ހުރީ ދިވެހި ޑޮކްޓަރެކެވެ. އެކަންވީ ޝަހުރަށް ވެސް އިތުރު ހިތްވަރަކަށެވެ. ދިވެހި ޑޮކްޓަރު އެހެން ބުނުމަށްފަހުގައި ވެސް ޝަހުރާއި ޔާސިރަށް ވަރަށް ހިތްވަރު ދިނެވެ. ޝަހުރު މަޑުމަޑުން ފަހަތަށް ޖެހުމުން ގޮސް ޖައްސައިލީ އެތަނުގައި ހުރި ގޮނޑިއެއްގައެވެ. ފަހަތުން ޔާސިރު ވެސް އައެވެ.

"ބައްޕާ! ކިހިނެއްތަ މިވީ؟ ހަމަ ކުއްލިއަކަށް އަހަރެންނާ ޔޫހާގެ ދިރިއުޅުމަށް މިވީ ކިހިނެއް ބައްޕާ؟ އަހަރެމެން ދެމީހުން ހާދަ ހުވަފެންތަކެއް ދުށީމޭ. އެކަމު، ހަމަ ކުއްލި އަކަށް ހުރިހާ ކަމެއް ބަދަލު ވެއްޖެ! ނޭނގި ހުއްޓާ މުޅި ޙަޔާތް އަހަރެން ހައިރާން ކޮށްލައިފި." އުއްމީދެއް ނެތި ޝަހުރުގެ އަނގައިން ބޭރުވަމުން ދިޔައީ ހިތްދަތި ވާހަކަތަކެކެވެ. އެވާހަކަތަކަކީ އެއްވެސް ގޮތަކަށް ޔާސިރަށް އަޑު އަހައިލަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއްވެސް މައަކަށް، ނުވަތަ ބަފައަކަށް އެމީހުންގެ ދަރިންގެ ހުވަފެންތައް ފުޑުފުޑު ވެގެން ދާތަން ބަލަން ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އަދި އެއްވެސް އެހީތެރި ކަމެއް ނުދެވޭނެ ފަދަ ޙާލަތެއް ނަމަ އެއީ އެމީހުންގެ ހިތަށް ވަރަށް ވޭން ލިބޭނެ ހިތްދަތި ކަމެކެވެ. ޔާސިރަށް ވެސް ވީ ހަމައެހެންނެވެ. ބުނާނެ އެއްޗެއް ނޭނގުމުން ޝަހުރުގެ ކޮނޑުގައި ފިރުމައިލުން ނޫން އިތުރު ކަމެއް ޔާސިރު ނުކުރެއެވެ. އެނޫން ވަކި ކުރާނީ ކީއްހެއްޔެވެ؟ ހިތްވަރު ދިނަސް، ނެތް ހިތްވަރު އަބަދަކު ނެދެއްކޭނެއެވެ. އެ އިޙްސާސް ޔާސިރަށް މިހާރު ވަރަށް ރަނގަޅަށް އެނގެއެވެ.

ހަވީރުގެ ވަގުތެވެ. ލިވިޔާގެ އެދުމަށް ޖޭސްމީން އައީ ސީދާ އެގެއަށެވެ. ޖޭސްމީންގެ ކިބައިން ފެންނަނީ ލަދުރަކި ކަމެވެ. ލިވިޔާ ވެސް ޒަކްވާނަށް ގަޑި ކިޔައިގެން ވަރަށް ހަމަޖެހިލާފައި ސޯފާގައި އިނެވެ.

"ޓޮއްޓޮއް" ދޮރުގައި ޓަކި ދިނުމާ އެކުގައި ވަރަށް އަވަހަށް ލިވިޔާ ސޯފާއިން ތެދުވެގެން ގޮސް ގޭގެ ދޮރު ހުޅުވައިލަން ދިޔައީ ބޭރުގައި ހުންނާނީ ޒަކްވާންކަން ޔަޤީން ކޮށްގެންނެވެ.

"ސަޕްރައިޒް!" ޒަކްވާން ވަނުމާ އެކުގައި ލިވިޔާ ވަރަށް ބާރަށް ބުނެލިއެވެ. ޒަކްވާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ކުއްލިއަކަށް ފިލައި ދިޔައީ ސޯފާގައި އިން ޖޭސްމީން ފެނުމާ އެކުގައެވެ. ވަގުތުން ޒަކްވާންގެ ހަރަކާތްތައް ހުއްޓި، މީހާ މުޅިން ހިމޭންވެ، މަޑުމައިތިރި ވިއެވެ. ހައިރާން ފާޑަކަށް ލިވިޔާއަށް ބަލައިލީ މިއީ ކޮން ކަމެއްތޯ އަހާ ފަދަ ބީދައަކުންނެވެ.

"ޝީ ވޯންޓް ޓު ޓޯކް ޔޫ.." ލިވިޔާ އެހެން ބުނުމަށްފަހުގައި ހީނލިއެވެ.

"ޔޫ ގައިސް ކޭން ކޮންޓިނިއު.."ލިވިޔާ ހިނިތުންވުމަކާ އެކުގައި އެހެން ބުނެލުމަށްފަހު ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ. އެދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ލިވިޔާ ވަރަށް ހަމަޖެހިލާފައި ހުރި އިރު، ޒަކްވާންގެ ހިތަށް ދިޔައީ ވަރަށް އުނދަގޫ ވަމުންނެވެ.

ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޒަކްވާން ކުރިއަށް ހިނގައިގަތެވެ. އަދި ފުންކޮށް ނޭވާއެއް ލަމުން ޒަކްވާން އިށީންނީ ސޯފާގައެވެ. ޖޭސްމީންއާ މޫނު ދިމާވާ ކަހަލަ ގޮތަކަށެވެ.

"ޔެސް! އަޑު އަހަން މިހުރީ.. ކިޔާބަލަ!" ޒަކްވާންގެ އަޑުގައި "ރޫޑް" ގޮތެއް ޖޭސްމީނަށް ފާހަގަ ވިއެވެ.

"ވަޓް؟ ހާދަ ރޫޑްކޮށް!" ޖޭސްމީން ބަލައިލީ ޒަކްވާނަށެވެ.

"ނޫނޭ! ހީވާގޮތެއް ތީ. ބުނެބަލަ! ކިހިނެއްތަ ވީ؟" ޒަކްވާން ބަލަހައްޓައިގެން އިނީ ސިދާ ޖޭސްމީންގެ މޫނަށެވެ. ކޮންމެވެސް ވަރަކަށް ޒަކްވާންގެ ލަދުރަކިކަން ވަނީ ފިލާފައެވެ.

"އޯކޭ! އަސްލު ބުނަން އުޅުނީ، އަަހަރެން ބޭނުމެއް ނޫން ކުރިން ވީ ކަންތަކުގެ ވާހަކަދައްކާކާށް. ޒަކްވާން ހެދި ދޮގަށް ވެސް އަހަރެން މާފުކޮށްފިން. އަހަރެން އަދިވެސް ވަރަށް ވަރަށް ލޯބިވޭ ޒަކްވާން ދެކެ.." ޖޭސްމީން ލަދެއް ނެތި އޭނާގެ ހިތުގައި ޒަކްވާނަށް އޮތް ޝުއޫރު ބަންޑުން ކޮށްލިއެވެ.

"އަހަރެން ޒަކްވާނަށް އުފާވެރިކަން ގެނެސްދޭނަން! ޒަކްވާން ދެރައެއް ނުކުރާނަން. ޒަކްވާނަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނަން. ޒަކްވާން މެރީޑްއޭ ބުނީމަ ޒަކްވާންގެ ޙަޔާތުން ވެސް އަހަރެން ދިޔައީ ޒަކްވާން ދެކެ ލޯބިވާތީ. ޒަކްވާނަށް އުފާވެރިކަން ދޭން ބޭނުން ވާތީ." ޖޭސްމީންގެ ވާހަކަތަކުން ޒަކްވާން ހައިރާން ކޮށްފިއެވެ.

"ޒަކްވާން. އަހަރެންނަށް ޒަކްވާންގެ މޫނުމަތިން ފެންނަނީ އެހެން ވާހަކައެއް.." ޖޭސްމީން ބުނި ޖުމުލައިން ޒަކްވާން ސުވާލު މާރކެއް ޖެހުނެއެވެ.

"އާނ! ޒަކްވާން ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި. ޒަކްވާންގެ ހިތާއި ފުރާނަ ވަނީ އެފަރާތަކަށް ދެވިފަ. އެކަމު، އެކުއްޖާ ޒަކްވާނަށް ލިބެން ނެތް. ދޯ؟" ޖޭސްމީން ކޮށްލި ސުވާލުން ޒަކްވާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބެމުން ދިޔަ ހައިރާންކަން ކޮޅުން ލިއެވެ. ޖޭސްމީން އެމޭރުމުން ވާހަކަ ދެއްކީ ލިވިޔާއަށް ޝައްކު ކޮށްގެން ނޫނެވެ. ޖޭސްމީން ޤަބޫލު ކުރަނީ އެއީ ހަމަ ވަރަށް ގާތް ރައްޓެހިންކަމަށެވެ. އަދި ލިވިޔާ އަކީ ޒަކްވާންގެ ފަހަރީކަން ވެސް ޖޭސްމީން ގާތުގައި ބުނީ ލިވިޔާއެވެ. އެހެން ކަމުން ޒަކްވާންގެ ހިތުގައި އޮތް ނަމަކަށް ލިވިޔާ ވެދާނެ ކަމުގެ އެއްވެސް ސިގްނަލެއް ޖޭސްމީންގެ ނެތެވެ.

"ކީއްވެ ތިހެން ތިބުނީ؟" ޒަކްވާން ހައިރާންވެ ހުރެ ސުވާލުކޮށްލިއެވެ.

"ލޯބިވާ މީހެއްގެ އިޙްސާސްތައް އެނގޭނެ." ޖޭސްމީން ދިނީ ކުރު ޖަވާބެކެވެ. ނަމަވެސް ވަރަށް މާނަ ފުން ވާހަކައެކެވެ.

"ދިރިއުޅުމަކީ ވަރަށް ބޮޑު ހަނގުރާމައެއް. އެކަން ޒަކްވާނަށް ވެސް އެނގޭނެ." ޖޭސްމީން ކުޑަކޮށް ޒަކްވާނާ ގާތަށް ޖެހެލިއެވެ.

"ލޯބިވާ ކޮންމެ އެއްޗެއް، ކޮންމެ މީހެއް ނުލިބޭނެ! އެއީ ދިރިއުޅުމަކީ.. އޭގެ ބަދަލު ތިމާ ދެކެ ލޯބިވާ މީހެއް ލިބޭތޯ ބަލާ! އަހަރެން އަބަދުވެސް ހުންނާނަން މިގޮތަށް.. ވަރަށް ލޯބިވޭ." ޖޭސްމީން މަޑުމަޑުން އެހެން ބުނެލީ ހިތާމަވެރި ރާގެއްގައެވެ. އަދި ސޯފާއިން ތެދުވީ ޒަކްވާންގެ އަތުގައި މަޑުމަޑުން ހިފައިލުމަށްފަހުގައެވެ.

"އަހަރެން ދެން ދަނީ." ޖޭސްމީން އެގެއިން ނުކުތެވެ. ޖެހި ބުދެއްހެން ޒަކްވާން ވަނީ ހުއްޓުން އަރާފައެވެ. ޖޭސްމީންގެ ދުލުން ނުކުތް ބަސްތައް ޒަކްވާންގެ ހިތުގެ އެންމެ ފުންމިނަށް ވާސިލު ވެއްޖެއެވެ. އެއީ ވަރަށް ރަނގަޅު ވާހަކައެއްކަން ޤަބޫލު ކުރަން ޒަކްވާނަށް މަޖުބޫރުވި ކަހަލައެވެ. އެއީ ޖޭސްމީން ދެއްކި ކޮންމެ ވާހަކައަކީ ޙަޤީޤަތަށް ވުމެވެ. ޒަކްވާންގެ ޙާލަތު ކިތަންމެ ހާވެސް ރަނގަޅަށް ޖޭސްމީނަށް އެނގޭތީއެވެ. ނަމަވެސް ޒަކްވާންގެ ހިތުގައި ނުތަނަވަސްކަން އޮވެއެވެ. ޝަކުވާތަކެއް އޮވެއެވެ. ލިވިޔާގެ އަމަލުތައް ހުންނަ ގޮތުންނެވެ. ހީވަނީ ޒަކްވާން އެހެން މީހެއްގެ މިލްކަކަށް ހަދަން އުޅޭހެންނެވެ. ލިވިޔާގެ ގާތުގައި ހުންނާތީ އުނދަގޫ ވެގެން އުޅޭހެންނެވެ. ނަމަވެސް އެކަން ޒަކްވާން ބޭނުން ވަނީ ކުށްހީ އަކަށް ހަދާށެވެ. ނަމަވެސް ހިތަށް އުނދަގޫ ވެއެވެ. ތަދުވެއެވެ.

***

ރިޕޯޓު ހިފައިގެން ޑޮކްޓަރު އައިސް ހުއްޓުނީ ޝަހުރާއި ޔާސިރުގެ ކުރިމަތީގައެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުންދާ މާޔޫސްކަމުން ރިޕޯޓުގައި އޮތް ވާހަކައިގެ ބިރުވެރިކަން ދިޔައީ އަންދާޒާ ކުރެވެމުންނެވެ.

"ކިހިނެއްތޯ ވީ؟" ޔާސިރު އަހައިލިއެވެ. ޝަހުރުގެ ކަރު ބެދިފައި ވުމުން އޭނާގެ އަޑުވެސް ނުކުންނަ ގޮތް ނުވީއެވެ.

"އައިމް ރިއަލީ ސޮރީ.." ޑޮކްޓަރުގެ ދެލޯ ފެންކަޅި ވެގެން ދިޔައީ ޝަހުރާއި ޔާސިރުގެ ކުރިމަތީގައެވެ. ޒުވާން ދެމަފިރިހިންގެ ޙަޔާތަށް މިވަރުގެ ބަރު، ބޮޑު ހިތްދަތި ޚަބަރެއް ދޭން ޑޮކްޓަރަށް ވެސް އުނދަގޫ ވީއެވެ.

"ޔޫހާ..." ޑޮކްޓަރު ހިން ދިރުވައިލިއެވެ. (ނުނިމޭ)