އދ. ދަނގެތި، މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ގެ ހިމެނޭ ބްލޮކް އެއްކޮށް ބަންދުކޮށް އިތުރު ގެއެއް ބަލައި ފާސްކުރަން ފަށައިފި އެެވެ.
މަހްމޫދު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމާގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ފުލުހުން މިހާރު ބަލައި ފާސްކުރަނީ ނެދުންގެ އެވެ.
އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބެލުމަށް އެ ގޭގައި ހުންނަ ބިދޭސީ އެކެވެ. މަހްމޫދު މަރާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑުގެ ވަގުތެއްގައި ކަމަށް ބެލެވޭއިރު ބިދޭސީ މީހާގެ ފަރާތުން ޝައްކުވާ ކަންތައްތަކެއް ފެނިފައިވާ ކަމަށް އެނގިފައިވެ އެވެ.
ދަނގެތި ބައެއް މީހުން ބުނި ގޮތުގައި ފުލުހުން ސުވާލުކުރަން ބޭނުންވާތީ ބިދޭސީ މީހާ މިވަގުތު އިނީ އެ ރަށު ޕޮލިސް ސްޓޭޝަނުގަ އެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ފުލުހުން މިހާރު ގެންދަނީ އިތުރު ގެތަކަށް ވަދެ ބަލައި ފާސްކުރުމަށްޓަކައި ކޯޓު އަމުރު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.
ދަނގެތި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލީ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ.
ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް މަހްމޫދުގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް ބެލުންތަކެއް ބެލުމަށްފަހު އިއްޔެ އަނބުރާ އެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފައިވެ އެެވެ. އަދި އިއްޔެ އަސުރު ނަމާދަށްފަހު އެރަށުގައި އޭނާގެ ޖަނާޒާ ބާއްވާފައިވެ އެވެ.