ދަނގެތި

މަހުމޫދުގެ މަރު: ބިދޭސީއަކު ހައްޔަރު ކޮށްފި

އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތަށް އެ ރަށުން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރުކުރީ ތުހުމަތު އޮތުމުން ކަމަަށެވެ. އޭނާ ހައްޔަރު ކުރަން ކޯޓުން އަމުރެއްވެސް ހޯދި އެވެ.

މަހްމޫދު އެއްލާލާފައި އޮއްވާ ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމާގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ފުލުހުން ބަލައި ފާސްކުރަނީ ނެދުންގެ އެވެ.

އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބެލުމަށް އެ ގޭގައި އުޅޭ ބިދޭސީ މީހާއެވެ. މަހްމޫދު މަރާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑުގެ ވަގުތެއްގައި ކަމަށް ބެލެވޭއިރު ބިދޭސީ މީހާގެ ފަރާތުން ޝައްކުވާ ކަންތައްތަކެއް ފެނިފައިވާ ކަމަށްވެ އެވެ.

މަހްމޫދުގެ މަރާ ގުޅިގެން މީގެކުރިން ތިން ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ތިން މީހުން މިހާރު ހައްޔަރުކޮށްފައިވާއިރު މިވަގުތު އެ މީހުން ހައްޔަރުކޮށްފައި ތިބީ މަހްމޫދުގެ މަރުގެ ތުހުމަތުގައި ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ދަނގެތި ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރާ ގޮތުގައި މަހްމޫދު މަރާލީ އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ.

ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް މަހްމޫދުގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް ބެލުންތަކެއް ބެލުމަށްފަހު އިއްޔެ އަނބުރާ އެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފައިވެ އެެވެ. އަދި އިއްޔެ އަސުރު ނަމާދަށްފަހު އެރަށުގައި އޭނާގެ ޖަނާޒާ ބާއްވާފައިވެ އެވެ.