މާލޭ ސިޓީ ކައުންސިލް

މީޓަރު ޕާކިން ސިސްޓަމް ބަހައްޓާނެ ބަޔަކު ހޯދަން އިތުރު ވަގުތު

Oct 16, 2021

މާލޭ ސިޓީ ކައުންސިލުން ތައާރާފްކުރާ މީޓަރު ފާކިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.

ސިޓީ ކައުންސިލުން އެކަމަށް އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ޖުލައި 25 ވަނަ ދުވަހު އެވެ. މީގެ ކުރިން އިއުލާންގެ މުއްދަތު ވަނީ ދެ ފަހަރު އިތުރުކޮށްފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ތިންވަނަ ފަހަރަށް ކޮށްފައިވާ އިއުލާންގައި ވަނީ މާލޭގައި މީޓަރު ފާކިން ސިސްޓަމް ބަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދީފަ އެވެ.

ސިޓީ ކައުންސިލުން ބުނީ އޮކްޓޫބަރު 31ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ މަސައްކަތް ކޮށްދޭނެ އަގު ކައުންސިލް އިދާރާ އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލޭގައި މުޅިން އަލަށް މީޓަރު ޕާކިން ސިސްޓަމް ތައާރަފު ކުރަން ސިޓީ ކައުންސިލުން ނިންމާ އެކަން އިއުލާން ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ކައުންސިލްގެ އޮފިޝަލަކު އަވަސް ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމް ތައާރަފް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސިސްޓަމްތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން ކަމަށެވެ.