މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލައިގެ މައުލޫމާތު ލިބުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން އެ މުވައްޒަފު ހުންނާނީ ސަސްޕެންޝަންގައި ކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މާލޭގެ މަޝްހޫރު ސްކޫލެއްގެ ތެރޭގައި މި ހާދިސާ ހިނގާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
ޖިންސީ ގޯނާގެ ޝިކާރަ އަކަށްވީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ސްކޫލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ.
ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބެ އެވެ.
ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެ އެވެ.