ޖިންސީ ފުރައްސާރަ

ޖިންސީ ފުރައްސާރައިގެ ތުހުމަތު ދޮގުކުރައްވައިފި

May 29, 2022
1

ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިހެން ވިދާޅުވެފައި މިވަނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި މަގާމުން މިއަދު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ރިޔާޒުގެ ފަރާތުން މިނިސްޓްރީގައި މަސައްކަތްކުރާ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު އުފުލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މައްސަލައާއި ގުޅިގެން ރިޔާޒު މިއަދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭގައި މަޑުކޮށްލުމަށް ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަންގަވާފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭނާއަށް ކުރެވޭ ތުހުމަތާ ގުޅިގެން މިއަދާ ހަމައަށްވެސް ސަރުކާރުގެ އެއްވެސް ފަރާތަކުން ސުވާލުކޮށްފައި ނުވާ ކަމަށެވެ. އޭގެފަހުގައި ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަން ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށެވެ.

"ސިޔާސީ ބޭނުމަށް އަބުރު ކަތިނުލުމަށް އެދެން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ފަރާތެވެ.

ރިޔާޒު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެކަމަކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމާއިއެކު އޭނާ ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަބްދުﷲ ރިޔާޒުގެ ބޭބެ އެވެ.