ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، ނާހިދާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ

Oct 17, 2021

ކަނޑުމަތީގައި ދަތުރުކުރަމުން ދިޔަ ލޯންޗެެއް ބަންޑުން ޖަހާލުމާ ގުޅިގެން މަރުވި މ. ގްރީން ޕީކު، މަރިޔަމް ނާހިދާގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިރޭ ވިދާޅުވީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައި ކަމަށެވެ.

މީގެއިތުރުން ގެއްލިގެން ހޯދަމުންދާ ނާހިދާގެ ކުޑަ ފިރިހެން ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި "ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަން" ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.


ނާހިދާ މަރުވި ހާދިސާ އާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސުން ވެސް ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ދަންނަވާފަ އެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހު ހަވީރު މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު މޫދަށް ވެއްޓުނު ކަމަށެވެ. އެ ހާދިސާ ހިނގީ ހަވީރު 5:10 ގައެވެ. ހާދިސާގައި ލޯންޗުން މޫދަށް ވެއްޓުނު މަރުވި ނާހިދާއާއި އޭނާގެ އެއް ދަރިފުޅު ފެނުނެވެ. ހަބަރެއް ނުވެ ހޯދަމުންދަނީ ވެސް ނާހިދާގެ އުމުރުން ހަތަރު އަހަރުގެ ދަރިފުޅެވެ.

ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އާއިލާއިން ގެންދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނުން ނޯޓިކަލް މޭލެއް ބޭރުންނެވެ. ނާހިދާ އާއި ކަނޑުވި މީހުން ގެންދިޔައީ ކ. ގުރައިދޫ އަށެވެ. އެ ރަށު ސިއްހީ މަރުކަޒުން ބުނީ ނާހިދާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.