ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް 10 މީހުންނާއެކު ފުރި ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި މަރުވި އާއިލާގެ މީހުނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
މަރުވި މީހުންގެ އާއިލާތަށް ތައުޒިޔާ ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، ހަނިމާދޫ ކައިރުން ލޯންޗެއް ބަންޑުންޖަހާލައި ފަސް މީހަކު މަރުވި ހަބަރު އެހީ ފުންހިތާމަޔާއެކުގައި ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާއަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާ ކަމަށެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވެފައިވާ ފަސް މީހުންގެ ތެރޭގައި، ނޮޅިވަރަމްފަރު ސްކޫލްގައި އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި ހުސެއިން އަބްދުﷲގެ އަންހެނުން މަރިޔަމް މަނިކެ ވެސް ހިމެނެ އެވެ. މަރިޔަމް މަނިކެ އާއި ހުސެއިން އަބްދުﷲ ދަރި ގުރައިޝާ، އުމުރުން 25 އަހަރުގެ ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ. މަރުވި ފަސް އަހަރުގެ އަންހެން ކުއްޖާއަކީ ގުރައިޝާގެ ދަރިފުޅު އީރާ އެވެ.
މިހާރު ހަނިމާދޫ ހޮސްޕިޓަލުގައި ލޯންޗުން ދަތުރުކުރި ބާކީ ހަތަރު މީހުނަށް ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ހަތަރު މީހުންގެ ހާލުވެސް ރަނގަޅެވެ.
ހަނިމާދޫ އާއި ނޮޅިވަރަމްފަރުގެ ރާސްތާއަކީ ލޯންޗެއްގައި ގާތްގަނޑަކަށް 10 މިނެޓެވެ. ލޯންޗު ބަންޑުން ޖަހާލި ހިސާބަކީ އާންމު ހުޅުނގު މޫސުމުގައި ގަދަ ސަރަހައްދެކެވެ. އެ ސަރަހައްދުން ގަދައިރު ލޯންޗުތައް ނުވަންނަ ކަމަށްވެސްވެ އެވެ. ހާދިސާގެ މައުލޫމާތު ދެމުން ކޯސްޓްގާޑުން ބުނީ، ބަންޑުން ޖަހާލި ލޯންޗަކީ 23 ފޫޓުގެ ލޯންޗެއް ކަމަށެވެ. އަދި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައިނުވާ ކަމަށެވެ.