ދިވެހިވަންތަ ރަސްމިއްޔާތަކާއެކު ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ ރަން ޔޫބީލާ ގުޅިގެން ތާރީހީ ރަމްޒެއްގެ ގޮތުގައި އާންމުންނަށް ފެންނަ ގޮތަށް ބާއްވަން ސަރުކާރުން ބަނދެ ނިންމި ނަމޫނާ "ކަޅުއޮއްފުއްމި" މޫދަށް ބާލައިފި އެވެ.
ހދ. ނޭކުރެންދޫގައި ބާއްވައިގެން ބަނދެ ނިންމި ނަމޫނާ ކަޅުއޮއްފުއްމި މޫދަށް ބޭލީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ދޯނި މޫދަށް ބޭލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ހޯމް މިނިސްޓަރު މުހައްމަދު ސަލީމް (މާޒް ސަލީމް) އެވެ.
ކަޅުއޮއްފުއްމި އަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް އުތީމު ތިން ތަކުރުފާނުން ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި އުޅަނދެވެ. 15 ރިޔަނު ހުންނަ އެ އުޅަނދުގައި ތިން ރިޔާ ހުންނަ ކަމަށް ތާރީހީ ފޮތްތަކުގައި ސިފަކޮށްފައިވެ އެވެ. އަލީ ތަކުރުފާނާއި މުހައްމަދު ތަކުރުފާނު އަދި ހަސަން ތަކުރުފާނު ކަޅުއޮއްފުއްމި ބެންނެވީ ހއ. ބާރަށުގަ އެވެ. ނަމޫނާ ކަޅުއޮއްފުއްމި އަކީ އެ ހުރިހާ ސިފަތަކެއް ހިމެނޭ ގޮތަށް "އަސްލު" ކަޅުއޮއްފުއްމިއާ އެއްގޮތަށް އިހުގެ އާލާތްތައް ބޭނުންކޮށްގެން ބަނދެފައިވާ ދޯންޏެއް ކަމަށް ނޭކުރެންދޫ ކައުންސިލުން ބުންޏެވެ.
ތާރީހީ އަގުހުރި ތަރިކައެއްގެ ގޮތުގައި އާންމުންނަށް ފެންނަ ގޮތަށް ސަލްޓަންޕާކުގައި ބާއްވާ އެ އޮޑި ބަންނަން ސަރުކާރުން ވަނީ އެއް މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ އޮޑި މޫދަށް ބޭލުމަށްފަހު ޓެސްޓް ދަތުރެއް ކުރާނެ ކަމަށެވެ. ޓެސްޓް ދަތުރަށް ދުއްވާނީ ނޭކުރެންދޫއާ ކުޅުދުއްފުއްޓާ ދެމެދު އެވެ. އެއަށްފަހު އޮޑި މާލެ ގެނެސް މާލެ ވަށައިގެން ބުރެއް އެޅުމަށްފަހު ކަޅުއޮށްފުއްމި އެހެލާފައި ބާއްވަން ނިންމާފައިވަނީ ސަލްޓަން ޕާކްގަ އެވެ.
އޮޑި މޫދަށް ބޭލުމުގެ ރަސްމިއްޔާތަށް ނޭކުރެންދޫގެ ރައްޔިތުން ވަނީ ހާއްސަ ފަރިވަޅެއް ތައްޔާރުކޮށްފައެވެ. އަދި ބޮޑުބެރުގެ ކުޅިވަރުތައް ވެސް ވަނީ ދައްކާލާފަ އެވެ.