ވާހަކަ

ސިއްތާ

(14 އޮކްޓޯބަރ 2021 އާ ގުޅޭ)

"އަހަރެންގެ މޭ... އައްދޯއި..." އުޝާ ދެކަކޫ މައްޗަށް ތިރިވާން އުޅުނު ހިނދު ލައިޒަލް ހިފެހެއްޓިއެވެ. ގޮނޑީގައި ބޭންދުމާއެކު ފުންކޮށް ނޭވާލާން ބުންޏެވެ. ހޮސްޕިޓަލަށް ދާން ލައިޒަލް ބުނުމުން އުޝާ ވަގުތުން ބޯޖަހާލިއެވެ.

ހޮސްޕިޓަލްގެ އަވަސް ފަރުވާދޭ ބައިގެ ބޭރުގައި ލައިޒަލް މަޑުކޮށްލައިގެން ހުއްޓެވެ. ޓެސްޓުތައް ހެދުމަށް ގެންދިޔަ އުޝާ އެނބުރި ގެންނަންދެނެވެ. ޑަކްޓަރު ލަފާކުރީ ވައި ހެދިގެން އޭގެ އަސަރު ކަމަށެވެ. ތަދުކުޑަވޭތޯ ފުރަތަމަ ޖެހީ އިންޖެކްޝަނެކެވެ. އޭގެ އަސަރު ހަށިގަނޑަށް ކުރާނޭހާ ވަގުތު ދީފައި އަލުން ޑަކްޓަރު އައިސް އުޝާގެ ހާލު ބެލިއެވެ. މޭގައިވި ރިހުމަށް ބަދަލު ނާދެއޭ އުޝާ ބުނުމުން ޑަކްޓަރު ސީރިއަސްވީ ދެނެވެ. ފަހަކަށް އައިސް ގޮތްނޭނގޭ މަރުތައް ގިނަވެފައި ވާތީއެވެ. ހިތުގެ މައްސަލައެއްތޯ ބަލަން އެމީހުން ބޭނުންވީއެވެ. އުޝާގެ ގައިން ލޭ ވެސް ނެގިއެވެ. ޑަކްޓަރުންނަށް ވެސް ބަލިމީހާއަށް ބަލާލާފައި އޭނާގެ ބައްޔަކީ ކޮބާކަން ބުނަން އެނގެނީ ބަލީގެ އަލާމާތް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނަ ނަމައެވެ. އުޝާގެ އެފަދަ އަލާމާތެއް ނެތެވެ. އޭނާ މެޔަށް ތަދުވާތީ ހަމައެކަނި އުޅޭކަމެވެ. އެހެންވިޔަސް އެއްގޮތުން ނޫނިއްޔާ އަނެއްގޮތުން ބަލިމީހާއަށް ފަރުވާއެއް ހޯދަން މަސައްކަތް ކުރުމަކީ ޑަކްޓަރުގެ ޒިންމާއެވެ.

އެންމެ ކައިރީގަ ހުރި ފަސްމީހުންނަށް އިށީނދެވޭނެ ގޮނޑިބަރީގަ ލައިޒަލް އައިސް އިށީނެވެ. އޭނާ ނޫން އިތުރު މީހަކު އެތާކު ނެތެވެ. ބުރަކަށި ޖައްސާލައި ހަށިގަނޑުން ވަރުދޫކޮށްލަމުން އޭނާ ދެއަތްއުރާލިއެވެ. ދެން ކަނާއަތް ހިއްލާލައި ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްތިލަ ހިންގާލިއެވެ. އޭނާ އެ އިނީ ހާސްވެފައެވެ. އުޝާއަށް ގޮތެއް ވެދާނޭ ހީވެ ފާޑަކަށް ބިރުގެންފައެވެ. ހުރަސްކޮށްލެވިފައި އޮތް ވައަތް އަނބުރާލީ އަތުކުރީ އޮތް ގަޑި ފެންނަ ވަރަށެވެ. ބާރަޖެހީއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. މުޅި ރޭ ހޮސްޕިޓަލުގައިކަން ހޭދަވާނީ ލައިޒަލް ލަފާކުރިއެވެ. އެވަގުތު އޭނާގެ ނަޒަރު ދަތުރުކޮށްލީ އަވަސްފަރުވާދޭ ބަޔަށް ވައްދަން ދުއްވަމުން އައި އަށިގަނޑާ ދިމާއަށެވެ. ނަރުސްކުއްޖާއާއި އަށިގަނޑު ދުއްވަން ހުރި އެހީތެރިޔާ ފާހަގަވިއެވެ. ލައިޒަލް އިންތަނުން ތެދުވީ އެ ގެންނަނީ އުޝާކަން އެނގިގެންނެވެ.

އެނދަށް އުޝާ އެރުވުމަށް އެހީތެރިޔާގެ އިތުރުން ލައިޒަލް ވެސް އެހީވިއެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ޑަކްޓަރު އަންނާނޭކަން ބުނެ ނަރުސްކުއްޖާ ދިޔައީއެވެ. އުޝާގެ ފައިކޮޅުގައި އޮތް ފޮތިގަނޑު އަޅާލަ ދެމުން ކިހިނެއްތޯ ލައިޒަލް އަހާލިއެވެ. ތަދުވެޔޭ އުޝާ ބުނެލިއެވެ. އެކަމަކު ކުރިއަށްވުރެ އުޝާގެ ހާލު ރަނގަޅުހެން އެ މޫނާއި ހަރަކާތްތަކުން ލައިޒަލްއަށް ގަބޫލުކުރެވުނެވެ. ގިނަ ސުވާލުތަކެއް ނުކޮށް ލައިޒަލް ހިޔާރުކުރީ ހިމޭންކަމެވެ.

ދަންވަރު ދޭއްޖަހަން ކައިރިވެފައި ހުއްޓާ ޑަކްޓަރުން އުޝާ ގެއަށް ފޮނުވާލީއެވެ. ހެދި ހުރިހާ ޓެސްޓުތަކުން އެއްވެސް މައްސަލައެއް އުޅޭ ކަމަށް ނުދެއްކީމައެވެ. އުޝާގެ އެއްވެސް ބައްޔެއް ނެތްކަން ޑަކްޓަރުން ބުންޏެވެ. އެހެންވެ ބޭސްދިނީ ވަޔަށެވެ. ކެއުމުގައި ގެންގުޅޭ އުސޫލުތަކާއި ބޭނުންކުރާ ބާވަތްތަކަށް ސަމާލުވާން ޑަކްޓަރު ލަފާދިނެވެ. އަދި ލައިޒަލްއަށް ހީކުރެވުނު ގޮތަށް ޑަކްޓަރު ވެސް ފާހަގަ ކުރީ އުޝާގެ ތަދު ކުރިއަށްވުރެ ކުޑަވެއްޖެކަމެވެ. ޑަކްޓަރުގެ ވާހަކައަށް އެއްބަސްވާން އުޝާ ބޯޖަހާލިއެވެ.

"ނިދާލެވޭތޯ ބަލާ." ގެއަށް އައިސް ވަދެވުމާއެކު އުޝާގެ ކޮޓަރީގެ ދޮރު ހުޅުވާލަ ދެމުން ލައިޒަލް ބުނެލިއެވެ.

"ދަނީތަ..." އުޝާގެ ފަހަތުން ލައިޒަލް ކޮޓަރިއަށް ނުވަނުމުން އެނބުރި ބަލާލާފައި އަހާލިއެވެ.

"އުޅޭނަން." ލައިޒަލް ބުންޏެވެ.

"މިކޮޓަރީގަ މިރޭ އޮންނަންވީނު." އުޝާ އެދުނެވެ. ދޮރުގެ ތަޅުގައި ހިފަހައްޓާލި ގޮތަށް ލައިޒަލް އިރުކޮޅަކު އުޝާއަށް ބަލަން ހުއްޓެވެ. އެއްޗެކޭ ބުނުމުގެ ކުރީން ވިސްނަނީ ކަހަލައެވެ.

ޖަވާބަކަށް އުޝާ މަޑުކޮށްގެން ހުއްޓެވެ. ލައިޒަލް ހިޔާރުކުރީ ހިމޭންކަމެވެ. އޭނާ މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލީއެވެ. އެ ހިމޭންކަމާއި ހަރަކާތް އުޝާއަށް ޖަވާބަކަށް ފުދުނެވެ. އުޝާގެ މޫނުގެ ކުލަވަރު ބަދަލުވާން ނެގީ ފަޅިސުކުންތެކެވެ. ދެބުމަ ގޮށްޖެހުމާއެކު ތުންފިއްތާލައިގެން ހުރެ އައިސް އެނދުގައި އިށީނެވެ. ކިޔާނުކިޔާ ނީވޭވަރަށް އޭނާ ކުދިކިޔަންފެށިއެވެ. އެނދުމަތީ އޮތް ބާލީސް ނަގާ ތަޅުންމައްޗަށް ޖެހިއެވެ. ދެންމެ ހޮސްޕިޓަލުގައި އޮވެފައި އައި ބަލިމީހެކޭ އޭނާގެ ހަރަކާތްތައް ފެންނަ މީހަކު ނުބުނާނެއެވެ. ދަތްކުނޑިވިކާލައިގެން އެނދުމައްޗަށް އޭނާ ޖެހިގަތެވެ.

* * * * *

ކޯޓުން ދުވަސް ލިބުނީ ދެ ހަފްތާ ފަހުންނެވެ. ކޯޓަށް ދިއުމުގެ ކުރީން ނީރާއާ ވަކީލު ވާހަކަދައްކަން ބޭނުންވިއެވެ. އޭނާ ކަންކަން ކުރިއަށް ގެންދާނޭ ގޮތް ނީރާއަށް ވެސް ސާފުވެފައި އޮންނަން ޖެހޭނެކަމަށް ދެކޭތީއެވެ. ދެމެދުގައި ކޮންމެވެސް ވަރެއްގެ އިތުބާރެއް އުފެއްދުމަށް ގަސްދުކުރާތީއެވެ. ލަމްހާއާއި ސުޖާއު ވެސް ނީރާއާއެކު ބައިވެރިވިއެވެ. ވަކީލެއްގެ ބުއްދިއާއި އޭނާ ވިސްނާވިސްނުމުގައި ހުރި ކުޅަދާނަކަން ނީރާއަށް ތަޖުރިބާ ކުރެވުނީ އަލަށެވެ. ހިތަށް ވެސް ނާރާ އެތައް މަގެއް ނީރާއަށް ވަކީލު ކިޔާދީފިއެވެ. އީހާނު ދޫނުކުރަން ހުރީވިއްޔާ ވަރިވުން ފަސޭހަނުވާނެކަމާއި ގާޒީން ވެސް މިހާރު އެހާ ފަސޭހައިން ވަރިކޮށް ނުދޭކަން ވަކީލު ފާހަގަކުރިއެވެ. އެހެންވީމަ ރަނގަޅު އުޒުރެއް ދައްކަން ޖެހޭނެކަން ވަކީލު ބުންޏެވެ. ދެކޮޅަށް ދައްކާނޭ ވާހަކަ މަދެއްނޫންކަމާއި ހުރިހާ ވާހަކައެއް ދައްކާނީ ވަކީލުކަން ނީރާއަށް ބުނެދިނެވެ. ކޯޓުގެ އަޑުއެހުމުގައި ކަންކަން އިންތިޒާމުވެފައި ހުންނާނޭ ގޮތް ވަކީލު އޮޅުންފިލުވާދިނެވެ. އެފަދަ މާހައުލަކަށް ނީރާ ދަނީ އަލަށްވީމާ ޖެހިލުންވާނޭކަން ވަކީލަށް ވިސްނެނީއެވެ.

އީހާނުގެ އެއްވެސް ޚަބަރެއް ނީރާއަށް ލަމްހާ ކިޔައެއް ނުދެއެވެ. ކޯޓަށް ދާންޖެހުމުން އީހާނު ރުޅިގަދަވެގެން ގޭތެރޭގައި ހުރި އެއްޗެހި ހަލާކު ކުރުމަށްފަހު ގެއިން ނުކުމެގެން ދިޔައީއެވެ. އޭގެ ދެ ދުވަސް ފަހުން އެނބުރި ގެއަށް އައިސް ލަމްހާގެ ފައިބުޑަށް ވެއްޓި އޭނާ ރޮއެ އާދޭސްކުރިއެވެ. ނީރާއާ ދުރުނުކުރާށޭ ކިޔާ ފަހަތުން އާދޭސްކުރަނީއެވެ. ކޯޓަށް ދިއުމުގެ ކުރީން އެންމެ ފަހަރަކު ނީރާއާ ބައްދަލުކޮށްދިނުމަށް ލަމްހާގެ ކައިރިން އީހާނު އެދުނެވެ. ދަރިފުޅުގެ ހުރިހާ އަޑަކަށް ލަމްހާ ބީރުކަންފަތެއް ދިނީ ގަސްދުގައެވެ. އެކަމަކު އެހެން ކަންތައް ކުރަން ޖެހުމުން އެ ހިތުގައި އަޅާވޭން އެ ދެ ލޮލުން ސިއްރެއްނުވެއެވެ. ރޮވޭ ފަހަރުތައް ގިނައެވެ. ތަގްދީރާމެދު ޝަކުވާނުކުރަން ހުއްޓަސް ކެތްތެރިކަން ގެއްލި ބަލިކަށިވާ ފަހަރުތަކުގައި މިހެންވާން ޖެހުނީތީ އެ ތަގުދީރާމެދު ރުޅިއާދެވެއެވެ. އީހާނުގެ ހިތަށް ހަމަޖެހުން ލިބުމަށް ލަމްހާގެ ޟަމީރު އެދޭއިރު، ހަމައެފަދައިން ނީރާއަށް ވެސް އޭނާއަށް އެދެވެއެވެ.

ފިކުރަކަށް ގެއްލިފައި އިން ލަމްހާއަށް އެނގުންވީ އޭނާގެ އަތަށް ފިނިވެލުމުންނެވެ. އޭރު އޭނާގެ ދެއަތުގައި ހިފަހައްޓާލައިގެން ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ ބަލަން އިނީ ނީރާއެވެ. ލުއި ހިނިތުންވުމެއް ލަމްހާ ބަދަލުކޮށްލިއެވެ. ހޮޓެލަށް އެނބުރި އައިސް ނީރާގެ ކޮޓަރީގައި ތިބެ ކެއުމަށްފަހު ލަމްހާ ފެށީ ނީރާގެ ދިރިއުޅުމަށް އައި ބަދަލުގެ ވާހަކައެވެ. އެކަމާ ނީރާ ވާހަކަދައްކަން ބޭނުންނުވާހެން ހީވުމުން އިތުރު ސުވާލެއް ލަމްހާ ނުކުރީއެވެ. ނީރާ ފާޚާނާއަށް ވަނުމުން ލަމްހާ އައިސް އެ ކޮޓަރީގަ ހުރި ސޯފާ ދެގޮނޑިން ކުރެ ގޮނޑިއެއްގަ އިށީނީ އެހާ އަވަހަށް ގެއަށްދާން ބޭނުންނުވާތީއެވެ. ހިޔާލުތަކުގެ ތެރެއަށް އޭނާ ބެހިގެން ދިޔައީ ކޮންއިރަކުކަން ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

މަންމަގެ ގާތުން ނީރާ މަޢާފަށް އެދުނެވެ. ލަމްހާ އަވަހަށް ނީރާ ނެގިއެވެ. ކައިރީގަ ހުރި ގޮނޑި ދައްކާލައި އިށީނުމަށް ބުންޏެވެ. އަދި ކަންތައްތަކާމެދު މާބޮޑަށް ނުވިސްނަން ލަމްހާ އެދުނެވެ. ނީރާ އިސްޖަހާލިއެވެ. އެއަށްފަހު އޭނާ ފެށީ ލަމްހާ އެނގެން ބޭނުންވީ ވާހަކަތައް ކިޔާދޭށެވެ. މަންމަގެ ދެ ލޮލަށް ބަލަން އިނދެ އެއިން އެއްވެސް ވާހަކައެއް ދައްކާނޭ ހިތްވަރެއް ނުލިބޭނެތީއެވެ. ލަދުވެތިކަން ހުރަސް އަޅާނޭކަން ޔަގީންވާތީއެވެ. ލައިޒަލްއަކީ ކާކުކަން ލަމްހާއަށް ނީރާ ކިޔާދިނެވެ. އީހާނުގެ އުފަންދުވަހު ލައިޒަލް ފެނިފައިކަން ހުންނާނީ ނީރާ ބުންޏެވެ. މިހާ ދުވަސްފަހުން އެރޭ އޮތް ކުޑަކުޑަ ޕާޓީއިން ފެނިލި ޒުވާނާގެ ހަނދާން ލަމްހާގެ ސިކުނޑިއަށް ސިފަވާގޮތެއް ނުވިއެވެ. އެހެންވިޔަސް ނީރާ ލައިޒަލްގެ ވާހަކަ ކިޔާދިނެވެ. އެނާގެ ފޯނުގައި ހުރި ލައިޒަލްގެ ފޮޓޯތައް ދައްކަން ބޭނުންނުވެ އިނދެއެވެ. ދެމީހުން ބައްދަލުވީ ގޮތް ބުންޏެވެ. ހުރިހާކަމެއްގެ ފެށުމަކީ ލައިޒަލްދެކެ ނީރާއަށް ލޯބިވެވުންކަން ބުންޏެވެ. އަނެއްކޮޅުން ދެމެދުގައި ހިނގާފައި އޮތް ލަދުވެތި ގުޅުމުގެ ވާހަކަ ނީރާ ސިއްރުކުރިއެވެ. ކިޔާނުދިޔަސް އީހާނުގެ ސަބަބުން މަންމައަށް އޮންނާނީ ކޮންމެވެސް ވަރަކަށް އެނގިފައިކަން ނީރާއަށް ޔަގީންވަނީއެވެ. ލައިޒަލްއާ ބައްދަލުނުވިނަމަ ލަމްހާއާއި އީހާނުގެ އެދުން ފުރިހަމަކޮށްދިނުމުގައި ނީރާ ފަސްނުޖެހޭނެކަން ހާމަކުރިއެވެ. ލޯބިވުމަށްފަހު އެހެން މީހެއްދެކެ ލޯބިވާނޭ ގޮތެއް ނޭނގެއޭ ނީރާ ބުނެލީ އަސަރާއެކުއެވެ. އެވަގުތު ލަމްހާ ސުވާލު ކުރީ ލައިޒަލްއާ މެދުއެވެ. އޭނާ މިހާރު ކޮބާތޯއެވެ. ނީރާ ފިނިނޭވާއެއް ދޫކޮށްލިއެވެ. އަނގައިން ލައްވާލި އަޑުން ފާޅުކުރަން އޮތް ހަގީގަތާމެދު އޭނާ އެއްގޮތަކަށް ވެސް ގަޔާނުވާކަން ލަމްހާއަށް ދެނެގަންނަން އެނގުނެވެ. މީހަކާ އިނދެގެންކަން ލައިޒަލް ހުރީ ނީރާ ބުނެލުމުން ލަމްހާގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އެއަށްފަހު ވަގުތުކޮޅަކަށް ދެމިގެންދިޔައީ ހިމޭންކަމެވެ. އިތުރަށް ދައްކާނޭ ވާހަކައެއް ނީރާއަކަށް ނޭނގުނެވެ. އެކަން ލަމްހާ ދެނެގަތީ ކަހަލައެވެ. އޭނާ ފެށީ އެހެން ވާހަކައެކެވެ. ނީރާގެ ވަޒީފާއާ ގުޅިގެންނެވެ. ފްރީލާންސްކޮށް ގުޅިގެން އުޅޭ ކުންފުނީގެ ވަޒީފާގައި ހުރެފައި އެސޯސިއޭޝަންގެ ވަޒީފާއިން ނީރާ ވަކިވުން ލަމްހާއަށް ރަނގަޅު ހިޔާލަކަށް ނުވިއެވެ. އެހެންވިޔަސް ވަޒީފާއިން ވަކިވާން ނީރާ ވަނީ ސިޓީ ލާފައެވެ. އެސޯސިއޭޝަނުން އޭނާއަށް ޖަވާބެއް ނުދެއެވެ. ތަނުގެ ރަމްޒީ ވެރިޔާ، ކިޔާން ބައްދަލުކޮށްލަން ބޭނުންވާކަން އޭނާގެ ސެކްރެޓަރީ ގުޅާފައި ބުންޏެވެ. ދުވަހަކާއި ވަގުތެއް ބުނާނަމޭ ބުނިފަހުން ހަފްތާއެއް ފާއިތުވީއެވެ. ވަޒީފާއިން ނީރާ ވަކިކުރަން އެމީހުން ބޭނުންނުވާހެން ލަފާކުރަން އެނގެނީ އެހެންވެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ދިހަގަޑި ފަނަރަށްއަށް ކޯޓަށް ނީރާ އައީ ސުޖާއުއާއެކުއެވެ. އެތައް ދުވަހަކަށްފަހު އީހާނާއި ނީރާ ބައްދަލުވިއެވެ. ބޭއިހްތިޔާރުގައި ސީދާވެލި ނަޒަރު އަވަހަށް ވަކިކޮށްލީ ނީރާއެވެ. އެހާ ކުޑަކުޑަ ވަގުތުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުވެލުމުން ވެސް ނީރާއަށް އީހާނުގެ ލޮލުގައިވާ ވަރުބަލިކަން ފާހަގަވިއެވެ. ހީވަނީ ނުނިދާ ހުރެފައި އޭނާ އައީ ހެންނެވެ. ނޫނީ ރޮއެފަ ހުރީ ހެންނެވެ. ހިތުގައި ހަމްދަރުދީގެ އޮއެވަރެއް ހިނގާލިއެވެ. އީހާނު އެހާ ބޮޑަށް ބަދަލު އެވީ ހަމަ ނީރާއާ ހެދިގެންބާއޭ އަމިއްލަ ހިތާ ނީރާއަށް ސުވާލުކުރެވުނެވެ. އީހާނުގެ ގާތުގައި ލަމްހާ ހުއްޓެވެ. އޭނާއާއެކު މަންމަ ހުރުމުން މިއަދު ނީރާ ހިތްހަމަޖެހުނެވެ. އީހާނަށް އެ މަންމަގެ އެހީތެރިކަން ނީރާއަށްވުރެ ބޮޑަށް ބޭނުންވާނޭ ހިތަށް އެރީއެވެ. ޚުދު އޭނާ ވެސް ކިހާ ވަރަކަށް ރުއިކަން ހަނދާން އެބަހުއްޓެވެ. މީހެއްގެ އެހީތެރިކަމަށް އޭނާ ވެސް ހުރީ އެވަގުތު ބޭނުންވެފައެވެ.

އަވަސްފިޔަވަޅުގައި އީހާނު އައިސް ނީރާއާ އަރާ ހަމަކުރިއެވެ. އޭނާ ގޮވާލީ މަޑުންނެވެ. ސުޖާއުއާ ގާތަށް ނީރާއަށް ޖެހިލެވުނުކަން އިހްސާސް ކުރެވުނީ ސުޖާއުގެ ގައިގާ ނީރާ ޖެހުނީމައެވެ. ވިސްނައިގެން ހުރި ސުޖާއު ނިކަން އަވަހަށް ނީރާގެ ފުރަގަހުން ގެނައި އަތުން އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ކަންބޮޑުނުވާށޭ އެ ހަރަކާތުން ނީރާއަށް ބުނެދިން ކަހަލައެވެ. ކިހިނެއްތޯ އަހާލުމާއެކު ކޮންތާކުތޯ އުޅެނީ އީހާނު ސުވާލުކުރިއެވެ.

"އަދިވެސް ރުޅީތަ؟" އީހާނު އަހާލީ ނީރާ ވާހަކަނުދެއްކީމައެވެ. އެ އަޑުގައި ހަރުކަށިކަމެއް ނެތެވެ.

"ނީރާ ބޭނުންވީ ގޮތަކަށްނު ހުރިހާކަމެއް މިވަނީ." ދެން ވެސް އީހާނު ވާހަކަދެއްކިއެވެ.

"އަހަރެންނާ މެދު އެންމެ ފަހަރަކުވެސް ނީރާ ވިސްނާނުލި. އެންމެންގެ ނަޒަރުގައި އަހަރެންވަނީ ލޯތްބެއްނޫން. އެއީ އަމިއްލަ އެދުން ހާސިލުކުރުން. މާނައެއްނެތް ޖަޒުބާތެއް. ސެންސްލެސް އޮބްސެޝަންއެއް، އެޑިކްޝަންއެއް... ކްރޭޒިނެސް... ލޯބިވާން އެނގެނީ ހަމައެކަނި އޭނާއަށް. ނީރާ ފަޟީހަތްކުރީ އޭނާ. އެކަމަކު ތި ހަޔާތުގެ ވިލަންއަކަށް މިވީ އަހަރެން. ދެރަވުމާއި، ތަދާއި ވޭން އިހްސާސް ނުކުރެވޭން އަހަންނަކީ އިންސާނެއްނޫންތަ. އުފާވެރިކަން އަހަންނަށް ހައްގެއްނުވޭތަ. އެކަކަށް ވެސް އަހަރެންގެ އިހްސާސްތަކެއް ނުފެނޭ. ނޯ ވަން އިޒް ވެލިން ޓު އަންޑަސްޓޭންޑް... ނޮޓް އީވަން ޔޫ. އެންމެ ފުރުސަތެއް ވެސް ނީރާ އަހަންނަށް ނުދިން."

އީހާނުގެ ވާހަކަތައް ނީރާއެކޭ އެއްފަދައިން ސުޖާއުއަށް ވެސް އަޑުއިވެއެވެ. އީހާނުގެ އަޑުގައި ވޭން އެކުލެވިފައި ވިއެވެ. ނީރާގެ ހިތަށް ބަޔާންކުރަން ދަތި ފުން އަސަރެއް އެވާހަކަތަކުން ކުރުވިއެވެ. އީހާނު އެވާ ލޯބީގެ ބަދަލު އޭނާއަށް ދެވެން އޮތްނަމަ ނުދީ ނުހުންނާނެއެވެ. ހިމޭންކަން ނީރާ ހިޔާރުކުރީ އީހާނުގެ އިހްސާސްތަކަށް ގަދަރުކުރާތީއެވެ. އީހާނުގެ ވާހަކަތައް މުޅީން ދޮގުކުރެވެން ނެތީއެވެ. އީހާނުގެ ލޯތްބާމެދު ފާޑުކިޔޭހާ ފުރިހަމަ މީހަކަށް ނީރާ ނުވާކަން ޚުދު އޭނާއަށް އެނގެއެވެ.

ކޯޓަށް އެންމެން ވަނެވެ. އަޑުއެހުން ކުރިއަށް ދިޔައެވެ. އީހާނު ހުރީ އަދިވެސް އޭނާ ބުނި ބަހުގައެވެ. ނީރާއާއެކު ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވެފައެވެ. އޭނާއާ ދެކޮޅަށް ވަކީލު ވާހަކަދެއްކިއެވެ. ނަފްސާނީގޮތުން ނީރާ ބަލިކަށިކޮށްލާ ބިރުދައްކަމުން ދާކަން ވަކީލު ފާހަގަކުރިއެވެ. ވަކީލުގެ ހަރުކަށި ވާހަކަތަކުން ލަމްހާއަށް އަސަރުކުރާކަން ނީރާއަށް ފެނެއެވެ. އަމިއްލަ ދަރިފުޅާ ދެކޮޅަށް ތުހުމަތުތަކެއް އުފުލައި އިލްޒާމުތަކެއް ބޮލުގައި އަޅުވާއިރު މައެއްގެ ހިތަށް ދަތިނުވެ ނުހުންނާނެއެވެ. ލަމްހާ ލޯމަރާލާ ކޮންމެ ފަހަރަކު ނީރާގެ ހިތަށް ތޫނު ކައްޓެއް ހެރޭ ފަދައެވެ. ފެންނަމުންދަނީ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ. މައިމީހާގެ ހިތް ދެފަޅި ކުރާނީ ކިހިނެއް ހެއްޔެވެ. ހަމަހަމައަށް އެކަން ކުރެވިދާނެ ހެއްޔެވެ. އެހިތުގައި ނުޖެހި އެކަން ވެދާނެ ހެއްޔެވެ. އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ނީރާއަށް ބާރުކޮށްލެވުނެވެ. ކޮންމެ ގޮތަކުން ވިޔަސް ނީރާއަށް މިނިވަންކަން ހޯދައިދޭންކަން އެ މަންމައާއި ވަކީލު މަސައްކަތް އެ ކުރަނީ އެނގެއެވެ.

އެދުވަހުގެ އަޑުއެހުން ނިމުނީއެވެ. ދެވަނަ އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ކޯޓުން ލިބުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. އެގޮތަށް ތިން ފަހަރުގެ މަތިން ކޯޓަށް ދާން ޖެހުނެވެ.

ތާރީހުތައް ހަމަޖެހުނު ގޮތުން މަހަކަށް ހުރިހާކަމެއް ދެމިގެން ދިޔައެވެ. އީހާނުގެ ފަރާތުން ކުއްލިއަކަށް ވަކީލެއް ހާޟިރުވީމައެވެ. އެކަމުގެ ހިލަމެއް ލަމްހާއާއި ސުޖާއަށް ވެސް ވެފައި ނެތެވެ. އެންމެފަހުގެ އަޑުއެހުން ނިންމާލާފައި ކޯޓުން އެންމެން ނުކުތެވެ. ދެން އޮންނާނީ ގާޒީ ނިއްޔާ އިއްވުމެވެ. އެއީ ދެ ދުވަސް ފަހުންނެވެ. ވާނޭގޮތެއް އެކަކަށް ވެސް ޔަގީންކަމާއެކު ނޭނގެއެވެ. ކޯޓުން ނުކުތް ގޮތަށް އީހާނު ނިކަން ހަލުވިކޮށް ގޮސް ގެއްލުނީ މީހަކަށް ބަލާލުމެއްނެތިއެވެ.

ނީރާ ގޮވައިގެން އޭނާ ހުންނަ ހޮޓެލަށް ސުޖާއުއާއެކު ލަމްހާ ވެސް އައެވެ. މަޑުނުކޮށް ގެއަށްދާން ލަމްހާ ކައިރީ އެދުނީ ނީރާއެވެ. އީހާނު ކައިރީ މީހަކު ހުރުން މުހިންމުވާނޭ ނީރާ ބުންޏެވެ. ލަމްހާއަށް ވެސް އެކަން ގަބޫލުކުރެވޭ ކަހަލައެވެ. ނީރާ ކައިރީ ފޯނު ހިފައިގެން އުޅޭން ބުނެފައި ސުޖާއުއާއެކު ލަމްހާ ނުކުތީ ގެއަށް ދާށެވެ.

އެކަނިވުމުން އެނދުގައި ނީރާ އޮށޯވެލިއެވެ. ދެ ދުވަސް ފަހުން ވާނޭ ގޮތަކާމެދު ނީރާ ވިސްނިއެވެ. ވަރިވާނެބާއެވެ. ނޫނީ އަނެއްކާ ވެސް އިތުރު ދުވަސްތަކެއް އީހާނުގެ އަނތްބެއްގެ ގޮތުގައި ހަޔާތުން ބޭކާރުވެގެން ދާނީ ބާއެވެ. އަނެއްކޮޅުން ވަރިވެއްޖެނަމަ ދެން ދިރިއުޅުން ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ. ވަރިވިޔަސް އިއްދައިގެ ތިން މަސް އިންނަން ޖެހޭކަން ނީރާއަށް އެނގުނީ ލަމްހާ އެވާހަކަ ދައްކާފައި އޮތީމައެވެ.

"ވަރިވެއްޖެނަމަ އެ ރަށަށް ދާނީ. މަންމައާއި ބައްޕަގެ ހުރިހާ ހަނދާނެއް ވަނީ އެތަނުގަ. އަމިއްލަ ނަފްސަށް ވަގުތު ދޭން އިހަށް އެންމެންނާ ދުރުވެލުން ރަނގަޅުވާނެހެން ހީވޭ. އެހެންނޫނަސް މިތާ ހުރެގެން އަހަންނަށް ހަމަޖެހުމެއްނުލިބޭނެ. ހުރިހާކަމެއްގެ މަތިން ހަނދާންނެތިދާނެތަ... އޭނާގެ މަތިން ވެސް... އެޓްލީސްޓް އައި ހޭވް ޓު ޓްރައި."

އަމިއްލަ ނަފްސާ ވާހަކަދެއްކުމުގައި ނީރާ އޮތެވެ. ބުރަ މަސައްކަތެއް ނުކުރި ނަމަވެސް ކޯޓަށް ގޮސްފައި އަންނަ ދުވަހެއްނަމަ ނަފްސަށް ވަރުބަލިކަން ލިބެއެވެ. ފިކުރުތަކުން އެއްފަރާތްވެ ނިދާލަން ނީރާ ގަސްދުކުރީ އެހެންވެއެވެ.

* * * * *

މެންދުރު ކޯޓުން ނުކުތް ގޮތަށް އީހާނު އައީ ގެއަށްކަން ލަމްހާއަށް އެނގެއެވެ. އިރުއޮއްސުނު އިރު ވެސް އީހާނު ނުފެންނާތީ ކޮޓަރީ ދޮރުގައި ލަމްހާ ހިފާލިއެވެ. ތަޅުލާފައި ހުރުމުން ދޮރުފަތުގައި ޓަކި ދެމުން އީހާނަށް ލަމްހާ ގޮވާލިއެވެ. ޖަވާބެއް ނައުމުން ލަމްހާ ކޮޓަރިއަށް އައީ ނަމާދުކުރާށެވެ.

ރޭގަނޑުގެ ކެއުމުގައި އީހާނު ބައިވެރިއެއް ނުވެއެވެ. ދެ ނަމާދު ދޭތެރޭ ލަމްހާ ކޮޓަރީގައި އުޅެނިކޮށް އީހާނު ނިކުތްކަމުގެ ނިޝާނެއް ގޭތެރެއަކުން ނުފެނެއެވެ. ދިހައެއް ޖަހާ ދިއުމުން ލަމްހާ ތަޅުދަނޑިފަތި ހިފައިގެން އައިސް އީހާނުގެ ކޮޓަރި ހުޅުވިއެވެ. އެނދުގައި އީހާނު އޮތްތަން ފެނުނެވެ. ލަމްހާ އެތެރެއަށް ވަނުމުން އީހާނު އެނބުރުނީ އަނެއް ފަރާތަށެވެ. އޭނާ ރޮނީކަން އެ މޫނު ނުފެނުނަސް ލަމްހާއަށް ބުނަން އެނގުނެވެ. ދޮރުލައްޕާލާފައި އައިސް އީހާނުގެ މަގަތުން އެނދުގައި ލަމްހާ އިށީނެވެ. ދަރިފުޅުގެ ބުރަކަށީގައި ފިރުމާލާފައި ބޮލުގައި ފިރުމާލިއެވެ. އޭނާގެ ހަނދާނަށް ވެރިވީ ހަމައެފަދައިން އޭނާ ނީރާގެ ގާތުގައި އިން ގޮތެވެ. އެކުއްޖާ ހިތްހަމަޖައްސައިދޭން އޭނާ ކުރިހާ މަސައްކަތެވެ.

"ނުކައިނުބޮއެ އޮންނާކަށް ނުވާނެ. ދެން ތެދުވޭ." ލަމްހާ ވާހަކަދެއްކީ ލޯތްބާއެކުއެވެ. އީހާނުގެ ގިސްގެ އަޑު އިވިލީ އޭނާއަށް ނުހިފެއްޓިގެން އެ ތުންފަތުން ބޭރުވެލި އަޑެއް ފަދައިންނެވެ. އެއާއެކު އޭނާ ބައްދައިގެން އޮތް ބާލީހުގައި ނުހަނު ބޮޑަށް މޫނު ފޮރުވާލައިފިއެވެ.

"ދަރިފުޅުދެކެ މަންމަ ލޯބިނުވެޔޭ ހީނުކުރައްޗޭ. އީހާނު ދެރަވީމަ މަންމައަށް ވެސް އަސަރުކުރޭ. އަބަދު ރޮއެރޮއެފަ އުޅޭތަން ފެނުނީމަ ހިތްދަތިވޭ. ދަރިފުޅު އެދޭ އުފާވެރިކަން ހޯދައިދޭން ބޭނުންވޭ. އެކަމަކު އީހާނު ވިސްނާލަބަލަ. ނީރާ ލޯބިނުވާއިރު އޭނާއަށް މަޖުބޫރުކުރުމުގެ ހައްގު އީހާނަށް ދިނީ ކާކު. ކޮންމެ މީހަކީ އޭނާގެ އަމިއްލަ ނަފްސުގެ ވެރިޔާ. އެ ނަފްސުގެ މައްޗަށް އެހެން މީހަކު ނުފޫޒު ފޯރުވާނަމަ އަމިއްލަ އިހުތިޔާރެއް ނޯންނާނެ. އޭރުން ކޮންމެ ނިންމުމެއްގައިވާނީ މަޖުބޫރުކަން. ނީރާ ރުހިގެން އަތުވެއްޖެއްޔާ ނޫނީ އީހާނަށް ފުރުސަތެއްނެތް. އެކަން ދަރިފުޅު ވެސް ގަބޫލުކޮށްބަލަ. ތިހިތަށް ވިސްނައިދީބަލަ. ލޯބިވާން އެ ހިތަށް އެނގުނު ގޮތަށް ލޯބިވާ ކޮންމެ މީހަކު ނުލިބޭނެކަން ވިސްނައިދީ. ތިމާ އެދޭ ކޮންމެ އެދުމެއް ފުރިހަމައެއްނުވެއެއްނު. މި ދުނިޔެމަތީ އެފަދަ ފުރިހަމަކަމެއް ލިބުމެއްނެތް."

"އައި ކާންޓް ލިވް ވިތައުޓް ހާ." ރޮމުންރޮމުން އިހާނު ބުނެލިއެވެ. ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ލަމްހާ ވާހަކަދެއްކިއެވެ.

"ލޯބިވާ މީހާ ނުލިބުމަކީ ހަޔާތް ހުއްޓުމަކަށް އަންނާނެ ކަމެއްނޫން. ވަގުތު އީހާނަށް އެހީވާނެ. މަންމަ އެހީވާނަން. ބޭބެ ވެސް އީހާނާއެކު ހުންނާނެ. ހިތުގެ ރިހުމަށް އޮތް ފަރުވާއަކީ ވަގުތު. ފަސޭހަނުވިޔަސް އެ ރިހުމާއެކު އުޅޭން އިންސާނާ އާދަވީމާ ކެކުޅުމުގެ ތަދާއިވޭން ލުއިވެގެންދާނެ. އަލުން ހަޔާތާ ކުރިމަތިލުމުގެ ހިތްވަރު ލިބޭނެ. މަންމައަށް އެނގޭ ނީރާދެކެ އީހާނު ލޯބިވާކަން... ވަރަށް ބޮޑަށް ލޯބިވާކަން..."

ލަމްހާ ގުދުވެލައި އީހާނުގެ ބޮލުގައި ބޮސްދިނެވެ. ތެދުވެ ފެންވަރާލައިގެން ކާއެއްޗެއްކާން އަންނަން ލަމްހާ އެދުނެވެ. އީހާނު އެހާލުގައި އޮންނައިރު މަންމަގެ އަރުން އެއްޗެއް ދިރޭނެތޯ ލަމްހާ ސުވާލުކުރިއެވެ. ދަރިފުޅުގެ ހާލާމެދު ކަންބޮޑުނުވާ މަޔަކު ނުހުންނާނޭކަން ލަމްހާ ބުންޏެވެ. އަދި ދަރިފުޅުގެ ހާލު ނުބަލާ ހުންނަން ލަމްހާއަށް ކެތްނުވާނޭ ބުންޏެވެ. ކިތަންމެ ބޮޑުވިޔަސް ދަރީންނަށް ރަނގަޅު ގޮތް ވިސްނައިދިނުމަކީ މަޔަކު ކުރަންޖެހޭނެ ކަމެއްކަން ލަމްހާ ބުންޏެވެ. ލަމްހާގެ މިފަދަ އެތައް ވާހަކައަކުން އީހާނު ތެދުވަން އެއްބަސްވިއެވެ. އެހެން ދުވަސްދުވަހު ފެންނަ ގޮތާ ތަފާތުކަން ލަމްހާއަށް ފާހަގަވިއެވެ. ހަރުކަށިކަމާއި ރުޅީގެ އަސަރެއް އެ ދެ ލޮލުގައި ނެތެވެ. މަޑުމޮޅިކަމާއި ހިތްދަތިކަމުގެ ހިސާރުގައި ގައިދުވެފައި އީހާނު ހުރި ފަދައެވެ. ރޮއެރޮއެ ދެ ލޯ ދުޅަވެ ރަތްވެފައިވެއެވެ. ޒަމާންތަކެއްގެ ދިގު ހިތާމައެއް ކުރަމުން އަންނަ ޒުވާނެކޭ ތަފާތެއް ނެތެވެ.

"މަންމާ..." ކާމޭޒު ދޮށުން ނުތެދުވެ އިނދެ އީހާނު ގޮވާލިއެވެ. އޭރު އޭނާ ކައި ނިންމި ތަށިތައް ދޮންނަން ސިންކު ކައިރީ ލަމްހާ ހުއްޓެވެ. އަވަސް ގޮތަކަށް އީހާނަށް ބަލާލާފައި ލަމްހާ ހޫން ލައްވާލިއެވެ.

"ނީރާ ދެން މިގެއަކަށް ނާންނާނެތަ؟" އީހާނުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން ފެށިއެވެ.

ތަށިތައް ދޮވެފައި ދެއަތް ފުހެލި ލަމްހާ ހިނގައިގަތީ ކާމޭޒު ކައިރިއަށެވެ. ފަރުވާތެރިކޮށް ލަމްހާ ބަލާލީ ދޭނޭ ޖަވާބަކާމެދު ވިސްނަމުންނެވެ. އީހާނު ވާހަކަދެއްކީ އެވަގުތެވެ.

"ނީރާ ބޭނުމެއްނުވޭ ދޯ. ރަނގަޅުވާނީ އެގޮތް ކަންނޭނގެ... އެކަމަކު..." އީހާނު ބުނަން އުޅެފައި ހުއްޓާލިއެވެ. ފަސްޖެހުނު ފަދައިންނެވެ. އިސްޖަހާލާފައި އިސްއުފުލާލިއެވެ. ކައިރީ ހުއްޓިލައިގެން ހުރި މަންމައަށް ބަލާލިއެވެ.

"މަންމަ ބޭނުންވަނީ ނީރާ މިގޭގަ ހުންނަންކަން އެނގޭ. އަހަރެން... އެހެންތަނަކަށް ހިނގައިދާނަން."

"އީހާން. އަމިއްލައަށް ނިންމުން ނުނިންމަބަލަ. އެކަކުވެސް މިގެއިން ދާކަށް މަންމަ އެއްބަހެއްނުވާނަން. ތިއުޅެނީ މަންމަގެ ހިތް ހުއްޓޭތޯ ތަ؟."

"އެކަމަކު ނީރާ އެނބުރި ނާންނާނެ އަހަރެން ހުއްޓާ." އީހާނު ބުންޏެވެ.

"ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވާނޭ މަންމަ ބުނީމެންނު."

އީހާނުގެ ވާހަކަތައް ހުއްޓާލީ އެހިސާބުންނެވެ. ލަމްހާ ނިދަން ވަންއިރު ވެސް އީހާނު އޮތީ ސޯފާގައެވެ. ޓީވީ ހުޅުވާލާފައި ހުރިއިރު އޭނާ ޓީވީއެއް ނުބަލައެވެ. މޭމަތީ ބާއްވާލާފައި އޮތް ފޯނު އީހާނު ނެގިއެވެ. އެތައް އިރަކު ފޯނަށް ބަލަން އޮވެފައި އޭނާ ނީރާއަށް މެސެޖުކުރިއެވެ. ގެއިން ނުކުމެގެން ދިޔައީސުރެ އޭނާގެ އެއްވެސް ކޯލެއް ނީރާ ނުނަގާތާ އެއްވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދިނެވެ. އެކަމަކު މިރޭ އީހާނު އެކުރި މެސެޖާއެކު ނީރާގެ ޖަވާބު އައީ ހީނުކުރާހާ އަވަހަށެވެ. (ނުނިމޭ)