ބޭންކް އޮފް މޯލްޑިވްސް

ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފި

Oct 17, 2021

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްތައް ކުރެވޭ ލިމިޓް 750 ޑޮލަރަށް އިތުރު ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށެގެން އެމެރިކަން އެކްސްޕްރެސް (ގްރީން / ގޯލްޑް)، ވިސާ (ކްލެސިކް / ގޯލްޑް) އަދި މާސްޓަކާޑް (ސްޓޭންޑަޑް / ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ކަނޑައަޅާފައިވާ ކަމަށެވެ.

މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުން ކުރަމުން ދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ވެސް ވަނީ އިތުރު ކޮށްފަ އެވެ. މި ހަފުތާ ތެރޭގައި އެ ކަސްޓަމަރުންނަށް ބޭނުންކުން އެ މައުލޫމާތު ދޭނެ އެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ބޭނުންކުރާ ދިވެހި ރުފިޔާ އެކައުންޓްގެ ޑެބިޓް ކާޑުގެ ލިމިޓަކީ އަދިވެސް 250 ޑޮލަރެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މިހާރުވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ.

ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީއަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ބޭންކުން ވަނީ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފަ އެވެ.