"ރިހިވެލި ބީޗް ރިސޯޓް"ގެ ނަމުގައި ހިންގަމުންދިޔަ ރިސޯޓުގެ ސަބް ލީސް އެއްބަސްވުން ބާތިލްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އެ ރިސޯޓު ހިންގުމާ އެހެން ކުންފުންޏަކުން ހަވާލުވެ އަލުން ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
އަވަސް އަށް ލިބިފައިވާ ލިޔުންތަކެއްގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހު ރިސޯޓު ހުޅުވަނީ "ރިހިވެލި ރިސޯޓް މޯލްޑިވްސް" ގެ ނަމުގަ އެވެ. އިކޮނޮމިކް މިނިސްޓްރީގައި މި މަހުގެ ފަސްވަނަ ދުވަހު ބިޒްނަސް ނަމެއްގެ ގޮތުގައި އެ ނަން ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.
ރިހިވެލި ދަ ޑްރީމްގެ ވެރިފަރާތަކީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑެވެ. އެ ރިސޯޓު އަލުން ހިންގުމާ ހަވާލު ވަނީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެކެވެ.
ބީއެޗްއެކްސްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އެ ކުންފުނިން ހަވާލު ވަނީ ހަމައެކަނި ރިސޯޓު ހިންގަން ކަމަށާއި ރިސޯޓުގެ ވެރިފަރާތަކީ އަދިވެސް މާހަލް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
އޭނާ ވިދާޅުވީ މާހަލްއާއެކު ސަބް ލީސް އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ރިހިވެލި ދަ ޑްރީމް ހިންގި ސޭވް ދަ ޑްރީމް (ފްރާންސް) އިން ރިސޯޓު ހިންގިއިރު ތަރައްގީއާއި މަރާމާތަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ބީއެޗްއެކްސް އިން ރިސޯޓު ހިންގަން ހަވާލުވާއިރު ރޫމްތައް މަރާމާތުކޮށް، ހުރިހާ ތަނެއް ވައިފައިކޮށް އަދި އޭސީކޮށް ފަތުރުވެރިންނަށް ކޮންމެހެން ބޭނުންވާނެ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަނީ ކަމާ ގުޅޭ ލިޔުންތަކާއެކު ބޭނުންވާ ހުއްދަތަކަށް ވެސް ޓޫރިޒަމް މިނިސްޓްރީގައި އެދިފައި. އަދި ރިސޯޓު ގެސްޓުންނަށް ހުޅުވާލުމަށްޓަކައި ވެސް މިހާރު ދަނީ ތައްޔާރުވަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ޑްރީމުން ރިހިވެލި ރިސޯޓު ހިންގަމުން ދަނިކޮށް މާހަލް އިން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ސޭވް ދަ ޑްރީމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލްގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލް ކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލް ކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށެވެ.
މާހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް ބުނެ އެވެ. މާހަލް އިން ދައްކާ ވާހަކަތަކާއި ސިވިލް ކޯޓުގެ ހުކުމަށް ބަލައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ރިހިވެލި ހިންގަން ސޭވް ދަ ޑްރީމަށް ދޫކުރި ހުއްދަ ވެސް ބާތިލު ކޮށްފަ އެވެ.
ސޭވް ދަ ޑްރީމުން ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފް މައްސަލާގައި އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށާއި އެ ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވީ ނަމަވެސް މައްސަލާގައި ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި މާހަލްއާ ދެމެދު ޖެހިފައިވާ މައްސަލައާއި ދާދި އެއްގޮތް އެހެން މައްސަލައެއްގައި ކާސްޓަވޭ މޯލްޑިވްސް އިން ވެސް ވަނީ މަހަލް އާއި ދެކޮޅަށް ދައުވާކޮށްފަ އެވެ. ރިހިވެލި ހިންގަން މާހަލްއާއި ކާސްޓަވޭއާ ދެމެދު 2014 ވަނަ އަހަރު ހެދި އެއްބަސްވުން ބާތިލްކޮށް މާހަލް އިން ވަނީ އެ މައްސަލަ ކޯޓަށް ހުށަަހަޅައިގެން ޖެނުއަރީ 2، 2018 ގައި ކާސްޓަވޭ އަތުން ވެސް ރަށް އަތުލާފަ އެވެ. އޭގެފަހުން ރިހިވެލި ހިންގުމާ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ހަވާލުވީ ފެބްރުއަރީ 15، 2018 ގައެވެ. ސަބްލީސް އެއްބަސްވުން ހެދީ 2042 ވަނަ އަހަރާ ހަމައަށް ރިސޯޓު ހިންގާ ގޮތަށެވެ.