ކަނޑުމަތީގެ ހާދިސާ

އަސުރަށް ފަހު ނާހިދާގެ ޖަނާޒާ

ގަދައިގައި މާލެއިން ފުރައި އިއްޔެ ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗަކުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާ ، 33 ގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު އާ ސަހަރާގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ނާހިދާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ އިރު މިއަދު މެންދުރު ނަމާދަށް ފަހު އާ ސަހަރާގައި މޫނުދައްކަން ވަނީ ފަށައިފަ އެވެ. ނާހިދާގެ އާއިލާއިން ބުނީ މޫނު ދެއްކުން މެންދުރު 2:45 ވަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.

ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުން ލޯންޗު ދަތުރު ކުރަނިކޮށް ހިނގި އެ ހާދިސާގައި ނާހިދާ ކަނޑަށް ވެއްޓުނީ އޭނާގެ ހަަތަރު އަހަރުގެ ދަރިފުޅާއެކު އެެވެ. އޭނާ ކަނޑަށް ގެއްލިފައިވާއިރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.

އެ ހާދިސާ ހިނގީ އިއްޔެ ހަވީރު އައި ކޮޅިގަނޑަކުން ސަލާމަތްވާން ވެގެން ލޯންޗު އަނބުރާލި ވަގުތު ރާޅުގައި ޖެހިގެނެވެ.

ކޯސްޓްގާޑުން މިއަދު ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 10 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ބުނީ އެ ކުއްޖާގެ އެއްވެސް ހަބަރެއް ވޭތޯ ބަލައިދޭން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރާއި އެ ހިސާބުގެ ރަށްރަށުގައި ވެސް އެދިފައި ވާނެ ކަމަށެވެ.